29 ނޮވެމްބަރ 2017 - 12:33

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 15 ބުރީގެ ދެ ޓަވަރު އަޅައިދޭނެ ބައެއް ހޯދަން އެމްޓީސީސީން އިއުލާނުކޮށްފި އެވެ.

ހުޅުމާލޭގައި 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 25 ބުރީގެ 62 ޓަވަރު އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ޓަވަރުތައް ހަދަން ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކުރުމުން، އެ ކުންފުނިތަކުން އަންނަނީ އެކަން ކުރާނެ ބަޔަކު ހޯދަން އިއުލާންކުރަމުންނެވެ.
އެކަމަކު ސަރުކާރުގެ ކުންފުނިތަކުން މުޅިން ވެސް އިއުލާންކުރަނީ 15 ބުރީގެ ޓަވަރުތައް ހަދާށެވެ. އެތަންތަނުން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ފްލެޓްތައް ހާއްސަކުރެ އެވެ. އަދި ބާކީ ފްލެޓްތައް ދޫކުރާނީ އާންމުންނަށެވެ.
އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ "ހިޔާ" މަޝްރޫއުގެ ދަށުން އެ ކުންފުނިން ރެޒިޑެންޝަލް ޓަވަރު އަޅަން ނިންމާފައިވަނީ ކޮންމެ ޓަވަރެއް 10،000 އަކަފޫޓުގެ ބިމެއްގައި ކަމަށެވެ. އަދި އިމާރާތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންނަ މަހުގެ ހައެއްގެ ކުރިން އެކަން ހުށަހަޅަން އިއުލާނުގައި ވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އެމްޓީސީސީއަށް ބިން ދޫކޮށްފައިވަނީ އަކަފޫޓެއް 1،500 ރުފިޔާގެ މަގުންނެވެ. އެހެންވެ، ދެ ޓަވަރު އަޅާނެ ބިން ގަތުމަށް އެކަނި 30 މިލިޔަން ރުފިޔާ ހަރަދު ވާނެ އެވެ.
އެނގިފައިވާ ގޮތުގައި ދެ ޓަވަރުގައި 433 އެޕާޓްމެންޓް އަޅަން ވަނީ ނިންމާފަ އެވެ.
މީގެ ކުރިން ކަސްޓަމްސްއިން ހަތަރު ޓަވަރު، އައިލެންޑް އޭވިއޭޝަނުން ތިން ޓަވަރު އަދި ސްޓެލްކޯ އިް ދެ ޓަވަރު އަޅާނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.
ބޯހިޔާވަހިކަމަށް ހައްލު ހޯދަން ހުޅުމާލޭގައި 15،000 ފްލެޓް އަޅަން ނިންމާފައިވާއިރު، މި މަޝްރޫއު 2019 އަށް ނިމޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.