30 ނޮވެމްބަރ 2017 - 07:24

ސަންޖޭ ލީލާ ބާންސާލީ ކަހަލަ ކުޅަދާނަ ޑައިރެކްޓަރަކާ އެކު މަސައްކަތްކުރަން ލިބުމަކީ ޝާހިދު ކަޕޫރު ދެކޭ ގޮތުގައި އޭނާގެ ފިލްމީ ކެރިއަރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ޚާއްސަކޮށް "ޕަދްމާވަތީ" ކަހަލަ ފިލްމެއްގަ އެވެ.
އެ ފިލްމު ކުޅުމުގައި ދިމާވި ގޮންޖެހުންތަކާ މެދު ވާހަކަ ދައްކަމުން ޝާހިދު ބުނީ ކުރިން އެކުގައި މަސައްކަތް ކޮށްފައިވާ އަދި ކާމިޔާބު ޓީމަކާ އެކު މަސައްކަތް ކުރުން އޭނާއަށް ވީ ވަރަށް ރަނގަޅު ތަޖުރިބާ އަކަށް ކަމަށެވެ.
"ސަންޖޭ އަހަންނާ ބައްދަލުކޮށްފައި ފިލްމު ހުށަހެޅުމުން އަހަރެން ބުނިން އަހަރެން ދޭ ވަގުތާ އެއްވަރުގެ މަސައްކަތެއްހޭ ތީ. ޖަވާބުގައި އެހި އޭނާއަށް އެކަން ޔަގީން ނުވާނަމަ ފިލްމު ހުށަހަޅާނެހޭ،" ޝާހިދު ބުންޏެވެ.
ބާންސާލީ އަކީ ފާއިތުވީ ތިރީހަކަށް އަހަރު ބޮލީވުޑްގައި ވަރަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރެކެވެ.
"...އެ ފިލްމު އުފެއްދުމުގައި ހޭދަކުރި ދުވަސްތަކަކީ ޖާދޫއެއް ކަހަލަ ދުވަސްތަކެއް. އަދި އިންތިހާއަށް ބޮޑެތި ގޮންޖެހުންތަކާ ވެސް ދިމާވި،" ޝާހިދު ބުންޏެވެ.
ޝާހިދު ބުނި ގޮތުގައި އޭނާގެ ފިލްމީ ކެރިއަރުގައި "ވިވާ"، "ޖަބް ވީ މެޓް" އަދި "ކަމީނޭ" އާއި "އުޅްތާ ޕަންޖާބު" ކަހަލަ މޮޅު ފިލްމުތައް ކުޅެވިފައިވާއިރު ވަރަށް ބޮޑެތި ފްލޮޕްތަކާ ވެސް ކުރިމަތިވި އެވެ. އަދި "ޕަދްމާވަތީ" ވެގެން ދާނީ އޭނާގެ ފިލްމުތަކުގެ ތެރެއިން އެންމެ ފާޙަގަ ކޮށްލެވޭ އެއް ފިލްމަށް ކަމަށް ޝާހިދު ބުންޏެވެ.