29 ނޮވެމްބަރ 2017 - 11:54

ޕިއޮންޔޮން (ނޮވެމްބަރު 29) - މުޅި އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ އާ ބާވަތެއްގެ ބެލިސްޓިކް މިސައިލެއް ކާމިޔާބުކަމާ އެކު ޓެސްޓްކޮށްފައިވާ ކަމަށް ނޯތު ކޮރެއާ އިން މިއަދު ބުނެފި އެވެ.
ރަސްމީ ޓީވީން ބުނީ އެންމެ ފަހުން ކުރި ޓެސްޓާ އެކު، ނޯތު ކޮރެއާ އިން އުއްމީދު ކުރަމުން ދިޔަ ނިއުކްލިއާ ދައުލަތެއްގެ ދަރަޖަ މިހާރު ހާސިލްކޮށްފައިވާ ކަމަށެވެ. ރޭ ފަތިހު ޓެސްޓްކުރި ހުވަސޮން-15 ގެ ނަން ދީފައިވާ މިސައިލަކީ، ނޯތު ކޮރެއާ އިން ބުނި ގޮތުގައި، މިހާތަނަށް އެ ގައުމުން ޓެސްޓްކުރި އެންމެ ބާރުގަދަ މިސައިލެވެ. އެ މިސައިލް ވެއްޓިފައި ވަނީ ޖަޕާން ކަނޑަށެވެ. ނަމަވެސް މީގެ ކުރިން ނޯތު ކޮރެއާ އިން ޓެސްޓްކުރި މިސައިލްތަކަށް ވުރެ އުހުން އެ މިސައިލް ވަނީ ދަތުރުކޮށްފަ އެވެ.
ރަސްމީ ޓީވީ ކޭސީއެންއޭ އިން ބުނީ މިއަދު ޓެސްޓްކުރި މިސައިލް 4،475 ކިލޯ މީޓަރު (2،780 މޭލު) އުހުން ދަތުރުކޮށްފައިވާ ކަމަށެވެ. އަދި އެ މިސައިލް ވަނީ 53 މިނިޓް ތެރޭ 950 ކިލޯ މީޓަރަށް ދަތުރުކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ. މިސައިލް ވެއްޓިފައި ވަނީ ޖަޕާނުގެ އައްސޭރިން 250 ކިލޯ މީޓަރު ބޭރަށެވެ.
ރަސްމީ ޓީވީން ބުނީ މިސައިލް ޓެސްޓްކުރަން ހުއްދަ ދިން ލިޔުމުގައި ސޮއި ކުރައްވާފައި ވަނީ އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުން ކަމަށެވެ. އަދި ނޯތު ކޮރެއާ އިން ކުރިންސުރެ އުއްމީދު ކުރަމުން ދިޔަ ނިއުކްލިއާ ދައުލަތެއްގެ ދަރަޖަ ލިބިފައިވާކަން ވަނީ ރަސްމީ ޓީވީން އިއުލާންކޮށްފަ އެވެ.
ނޯތު ކޮރެއާ އިން ބުނީ އެ ގައުމުގެ ހަތިޔާރުތައް ބޭނުން ކުރާނީ އެމެރިކާގެ ބިރުދެއްކުމުގެ ސިޔާސަތުން ދިފާއުވުމަށް ކަމަށެވެ. އަދި ނޯތު ކޮރެއާ އަށް ބިރު ނުދައްކާހާ ހިނދު، އެ ގައުމުގެ ހަތިޔާރުތަކަކީ އެހެން އެއްވެސް ގައުމަކަށް ބިރަކަށް ނުވާނެ ކަމަށް ބުނެފައިވެ އެވެ.
ނޯތު ކޮރެއާގެ އެންމެ ފަހުގެ ޓެސްޓާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އަދި އެ މިސައިލް ދަތުރު ކުރަމުން ދަނިކޮށް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެ މައުލޫމާތު ހިއްސާކޮށްފަ އެވެ.