30 ނޮވެމްބަރ 2017 - 07:25

ކަޕިލް ޝަރުމާ ޕްރޮޑިއުސްކޮށް އޭނާ އެކްޓްކޮށްފައިވާ "ފިރަންގީ" ހުކުރު ދުވަހު ރިލީޒްކުރަން ތައްޔާރުވެފައި ވަނިކޮށް ފިލްމުގެ ބަތަލާ އިޝީތާ ދައްތާ ކައިވެނިކޮށްފި އެވެ. އިޝީތާ ކައިވެނި ކުރީ އޭނާ ކުޅެފައިވާ ޓީވީ ސިލްސިލާއެއް ކަމަށްވާ "ރިޝްތޯން ކާ ސައުދާގަރް: ބާޒީގަރް"ގެ ބަތަލު ވަޓްސަލް ޝޭތާއާ އެވެ.
އިޝީތާގެ ދައްތަ ތަނޫޝްރީ ދައްތާ އަކީ ވެސް ބޮލީވުޑް ބަތަލާއެކެވެ. އިޝީތާގެ ކައިވެނީގައި ތަނުޝުރީ ބައިވެރިވެފައި ނުވާތީ ވަރަށް ގިނަ ބަޔަކު އެކަން ފާހަގަކޮށް އެ ވާހަކަ އަންނަނީ ދައްކަމުންނެވެ.
ވަޓްސަލް އާއި އިޝީތާ ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއް ވިޔަސް މިހާތަނަށް އެމީހުން އެކަން ހާމަކޮށްފައެއް ނުވެ އެވެ.
ދުވަސްކޮޅެއް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ވެސް އިޝީތާ ބުނެފައިވަނީ ވަޓްސަލް އަކީ ގާތް އެކުވެރިއެއް ކަމަށެވެ. އަދި އޭނާއާ އެކު އެ ސިލްސިލާއެއްގައި މަސައްކަތްކުރަން ލިބުމުން ވަރަށް އުފާވާ ކަމަށާއި ނަމަވެސް އެމީހުން އުޅެނީ ރައްޓެހިވެގެން ނޫންކަމަށް އޭރު އިޝީތާ ބުނެފައިވެ އެވެ.
އިޝީތާ އާއި ވަޓްސަލް އެކުގައި ކުޅުނު ސިލްސިލާގެ ކޮންޓްރެކްޓްގައި ސިލްސިލާ ކުރިޔަށްދާ މުއްދަތުގައި ދެ މީހުން އެކަކު އަނެކަކާ ރައްޓެހިނުވާން ޝަރުތުކޮށްފައިވާ ކަމަށް އެ ސިލްސިލާ ޝޫޓްކުރުމުގައި އުޅުނު މީހަކު ބުނެފައިވެ އެވެ. އެމީހުން ރައްޓެހިވެގެން ނޫޅޭކަމަށް ބުނީ އެހެންވެ ކަމަށް ވެ އެވެ.
އިޝީތާ އާއި ވަޓްސަލްގެ ކައިވެނީގެ ރަސްމިއްޔާތުގައި ބޮލީވުޑް ތަރިންގެ ތެރެއިން އަޖޭ ދޭވްގަން، ކާޖޮލް، ބޮބީ ޑެއޯލް ބައިވެރިވި އެވެ. އަދި ކާޖޮލްގެ މަންމަ ތަނޫޖާ އާއި ކޮއްކޮ ތަނީޝާ ވެސް ބައިވެރިވި އެވެ.
ވަޓްސަލް އެންމެ ފުރަތަމަ މަޝްހޫރުވީ ސޮނީ ޗެނަލުން ދެއްކި "ޖަސްޓް މުހައްބަތު" ކިޔާ ސިލްސިލާއެއްގެ ލީޑް ރޯލު ކުޅުނު ކުޑަކުއްޖާގެ ގޮތުގަ އެވެ. އޭގެ ފަހުން އައްބާސް-މަސްތާންގެ "ޓާޒަން: ދަ ވޮންޑަ ކާ" ގައި 2004 ގައި އޭނާ ފުރަތަމަ ފަހަރަށް ޒުވާން އެކްޓަރެއްގެ ގޮތުގައި ވަނީ މަސައްކަތް ކޮށްފަ އެވެ. ފިލްމުގައި ވަޓްސަލްއާ އެކު އަޖޭ ދޭވްގަން ވެސް ބައިވެރިވި އެވެ. އަދި 2014 ގައި ދެއްކި ވަރަށް މަޝްހޫރު ސިލްސިލާއެއް ކަމަށްވާ "އޭކް ހަސީނާ ތީ" ގައި ވެސް ވަޓްސަލް ވަނީ ލީޑް ރޯލު ކުޅެފަ އެވެ.