29 ނޮވެމްބަރ 2017 - 10:29

މޮބައިލް ގޭމިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ނެރޭ ފުރަތަމަ ގޭމް ސްޓޯރު ތައާރަފްކޮށްފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނީ "އުރީދޫ ގޭމް ސްޓޯ"ގެ ނަމުގައި އަލަށް ތައާރަފްކުރި ގޭމިން ސްޓޯރު މެދުވެރިކޮށް މޮބައިލް ބޭނުންކޮށްގެން ކުޅޭ އެންމެ މަގުބޫލު ގޭމުތައް ޑައުންލޯޑުކޮށް އަދި އެއްވެސް އިޝްތިހާރަކާއި ނުލާ ކުޅެވޭނެ ކަމަށެވެ.
"އަޅުގަނޑުގެ ކަސްޓަކަރުންނަށް ކަމުދާ، އާ ހިދުމަތްތައް ރާއްޖޭގައި ތައާރަފްކުރުމަކީ އުރީދޫ އިން ހާއްސަ އަހަމިއްޔަތުކަމެއް ދޭ ކަމެއް. މިގޮތުން އުރީދޫ ގޭމް ސްޓޯ އިން އެންމެ ފަހުގެ މޮބައިލް ގޭމުތައް ފަސޭހަކަމާއި އެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ގުޅުވާލަދޭނެ. މިފަދަ ރާއްޖެއަށް މުޅިން އައު ހިދުމަތެއް ތައާރަފް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުރީދޫ އިން ކެނޑިނޭޅި މަސައްކަތް ކުރާނީ މި ސްޓޯރު އިތުރަށް ފުޅާކޮށް މޮބައިލް ގޭމް ކުޅުއްވާ ބޭފުޅުންނަށް ކަމުދާނެ ގިނަ ގޭމްތަކާއި ތަފާތު ފީޗާތައް އިތުރު ކުރުމަށް." އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި އެވެ.
މޯބައިލް ފޯނަށް ހާއްސަ އުރީދޫ ގޭމް ސްޓޯ ހިޔާރުކޮށްގެން www.ooredoogames.com މެދުވެރިކޮށް ފަހުގެ އެންޑްރޮއިޑް އަދި އެޗްޓީއެމްއެލް 5 ގޭމުތައް ޑައުންލޯޑު ކުރެވޭނެ އެވެ.
އެ ކުންފުނިން ވަނީ ގޭމް ކުޅުމަށް ޝައުގުވެރިވާ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް އުރީދޫ ގޭމް ސްޓޯރުގެ ހިދުމަތް ހޯދުމަށް ހިޔާރުކުރެވޭނެ ހާއްސަ ތިން ގޮތެއް ވަނީ ތައާރަފް ކޮށްފަ އެވެ. އެގޮތުން އެއް ދުވަހަށް ނަމަ ދެ ރުފިޔާ އަދި އެއް ހަފުތާއަށް ނަމަ ދިހަ ރުފިޔާ އަދި އެއް މަސް ދުވަހަށް ނަމަ 25ރ. ގޭމް ކުޅެވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.
އުރީދޫން ބުނީ އެންޑްރޮއިޑް ފޯނުތަކަށް އުރީދޫ ގޭމް ސްޓޯ އިން ތަފާތު ގޭމިން އެޕްލިކޭޝަންތައް ޑައުންލޯޑު ކުރެވޭނެ ކަމަށެވެ. އަދި އައިއޯއެސް ބޭނުން ކުރާ މީހުންނަށް ގޭމް ސްޓޯގެ ހާއްސަ ވެބްސައިޓް މެދުވެރިކޮށް، ގޭމުތައް އޮންލައިކޮށް ކުޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.