29 ނޮވެމްބަރ 2017 - 10:24

މޯލްޑިވްސް އިމިގްރޭޝަނުން އަލަށް ތައާރަފް ކުރި ޕާސްްޕޯޓު ކާޑު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ނުވަތަ އައިޑެންޓިޓީ ކާޑުގެ ގޮތުގައި ވެސް ބޭނުން ކުރެވޭ ގޮތަށް ރައީސްް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޕާސްޕޯޓް ކާޑަކީ މި ވަގުތު ރާއްޖޭގައި ބޭނުން ކުރާ، ކާކުކަން އަންގައިދޭ ލިޔުންތަކުގެ ތެރެއިން ޕާސްޕޯޓު ފިޔަވައި ސަލާމަތީ ގޮތުން އެންމެ ރައްކާތެރި އަދި ނަކަލު ނުކުރެވޭނެ ގޮތަށް ހަދާފައިވާ ލިޔުން ކަމަށެވެ. އެހެންވެ، ސަރުކާރުގެ އިދާރާތަކާއި ހޮސްޕިޓަލާއި ބޭންކުތައް އަދި ރައްޔިތުންނަށް ހިދުމަތް ދޭ ތަންތަނުން، އައިޑީ ކާޑުގެ ގޮތުގައި ޕާސްޕޯޓު ކާޑު ވެސް ބޭނުން ކުރެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާފައިވާ ކަމަށް އެތަނުން ބުންޏެވެ.
ގިނަ ބޭނުންތައް ކުރެވޭ ގޮތަށް މިދިޔަ މަހު ތައާރަފް ކުރި ޕާސްޕޯޓު ކާޑު ހަދަން 450ރ. ގެ ފީއެއް ނަގާއިރު ކާޑަށް އެދި ހުށަހެޅުމުން އެއް ދުވަސް ތެރޭގައި އެ ލިބޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ މާސްޓަ ކާޑުގެ ބޭނުންތައް ވެސް ޕާސްޕޯޓް ކާޑުން ހިފޭނެ އެވެ. ރާއްޖޭގައި ޕާސްޕޯޓް ކާޑު ތައާރަފްކުރީ ވިޔަފާރީގެ ގިނަ މުއާމަލާތުތައް ކުރެވޭ ގޮތަށެވެ.
ޕާސްޕޯޓު ކާޑުގައި، އައިޑީ ކާޑާއި ލައިންސްނަސް ކާޑު ހިމެނޭ އިރު، ބައިނަލްއަގުވާމީ ދަތުރުތަކާއި އެތެރޭގެ އުދުހުންތަކުގައި ކާޑު ބޭނުން ކުރުމުގެ ފުރުސަތު ލިބެ އެވެ. އަދި އެލައިޑް އިންޝުއަަރެންސްގެ ހިދުމަތްތައް ވެސް ޕާސްޕޯޓް ކާޑު ބޭނުންކޮށްގެން ލިބެ އެވެ.
ޕާސްޕޯޓް ކާޑު އޮތަސް ގައުމުތަކަށް ދަތުރުކުރާ އިރު މިހާރެކޭ އެއްގޮތަށް ޕާސްޕޯޓް ގެންދަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. ޕާސްޕޯޓް ކާޑު މެދުވެރިކޮށް ރާއްޖޭން ބޭރުގައި ވެސް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ޕާސްޕޯޓް ކާޑު އުފެއްދުމަށް ބޭނުންކުރާނީ ޕާސްޕޯޓް އުފައްދަން ވެސް ބޭނުންކުރާ ޖަރުމަނުގެ ޑާމަލޮގް ކުންފުނީގެ ޓެކްނޮލޮޖީ އެވެ. ޕާސްޕޯޓް ކާޑު ތައްޔާރުކުރަން ބޭނުންކުރަނީ ޑާމަލޮގް ކުންފުނިން ތަރައްގީކުރި ބަޔޮމެޓްރިކް ސިސްޓަމާއި އޭގެ ކާޑެވެ. ޑުއަލް އިންޓަފޭސް ޗިޕަކާއެކު ހުންނަ ކާޑަކީ ކޮންޓެކްޓް ލެންސް އަދި ކޮންޓެކް ރީޑްކުރެވޭ ކާޑެކެވެ.