08 ޖުލައި 2016 - 08:05

ބްލެކްބެރީ އަށް އެ ނޫން ގޮތެއް ދެން ނެތެވެ. ކީބޯޑް ފޯނުތަކުގައި އޮޅުލަން ހަދައިގެން އެ އުޅެނީ އަރައިނުގަނެވިގެންނެވެ. އެއް އިރެއްގައި، އެ އަށް ވުރެ ނުފޫޒު ގަދަ ފޯނުތަކެއް އުފެއްދި ކުންފުންޏެއް ނެތް ނަމަވެސް، މިއަދު އެ އޮތީ ފުލުގަ އެވެ. އެއްވެސް ފައިދާއެއް ނުވެ މުޅިން ދަރަނިވެރިވާތާ އަހަރުތަކެއް ވެއްޖެވެ.
ބްލެކްބެރީ އާއި އެޗްޓީސީ އަދި ޕާމް ފަދަ ކުންފުނިތައް ބޮޑާކަމުގައި ތިއްބައި، އައިފޯނާއި އެންޑްރޮއިޑް ފޯނުތައް ސްމާޓްފޯން މާކެޓް ޖަހައިގަތީ އެއިން ބަޔަކު ހީވެސް ނުކުރާހާ އަވަހަށެވެ. އެ ކުންފުނިތަކުން ހީކުރީ އެ މީހުން ބޭނުން ކޮންމެ އޮޕަރޭޓިން ސިސްޓަމަކަށް ފޯނު އުފެއްދި ނަމަ ވެސް ބޭނުންކުރާ މީހުން ބަލައިގަންނާނެ ކަމަށެވެ. އެހެން ނަމަވެސް ޕޯޝޭ ޑިޒައިންތަކާ އެކު ވެސް އެ އުޅެނީ އެއިން ޑިވައިސްއެއް ވިކޭނެ ގޮތް ނުވެގެންނެވެ.
ބްލެކްބެރީ މިއަދު އެ ނިންމީ އެތައް އަހަރެއް ކުރިން ނިންމަންޖެހޭ ނިންމުމެވެ. އެ ކުންފުނިން ދެން ކީބޯޑް ފޯނެއް ނުއުފައްދާނެ އެވެ. ބްލެކްބެރީ ސްޓައިލަށް ހުންނަ ޖިސްމާނީ ކީބޯޑެއް އެއްވެސް ފޯނެއްގައި ދެން ނުހުންނާނެ އެވެ. ބްލެކްބެރީން އެ އޮތީ އެކަން އާންމުކޮށް އިއުލާން ވެސް ކޮށްފަ އެވެ.
އެޕަލް ފިޔަވައި ދެން ހުރި ކުންފުނިތަކަށް އޮތް ހަމަ އެކަނި ގޮތަކީ އެންޑްރޮއިޑަށް އުފެއްދުމެވެ. ސަބަބަކީ އެހެން އޮޕަރޭޓިން ސިސްޓަމެއްގައި ބޭނުންކުރުމަށް ފުދޭވަރާ ގާތަށް ވެސް އެޕްލިކޭޝަން ނެތުމެވެ.
ބޭނުންކުރާ މީހުން އެދޭ އެޕްލިކޭޝަންތަކާ ނުލައި ސްމާޓްފޯން މާކެޓްގައި ބަޔަކަށް އަރައިގަނެވޭ ނަމަ، މައިކްރޮސޮފްޓަށް އޮންނާނީ އެކަން ކުރެވިފަ އެވެ. އެހެން ނަމަވެސް ފެންނަނީ އޭގެ އަނެއް ކޮޅެވެ. ވިންޑޯޒް ފޯނުތަކަށް ވުރެ އެންޑްރޮއިޑް ފޯނުތައް ގިނަވާ މަންޒަރެވެ. އެންޑްރޮއިޑަށް އުފައްދާ ކުންފުނިތަކުން ފައިދާ ހަދާ މަންޒަރެވެ.
ބްލެކްބެރީން ވެސް ވަނީ އެންޑްރޮއިޑަށް އުފައްދަން ފަށާފަ އެވެ. ބެލެވޭ ގޮތުގައި އެންޑްރޮއިޑަށް އުފައްދަން ފެށި ފަހުން އެ ކުންފުންޏަށް ދޮރުތަކެއް ހުޅުވިއްޖެ އެވެ. ފައިދާއެއް އަދި ނުވިޔަސް، އުންމީދު އާވެއްޖެ އެވެ.