ބޭލްގެ އެހީއާ އެކު ރެއާލް ގަދަ 16 އަށް
ބޭލްގެ އެހީއާ އެކު ރެއާލް ގަދަ 16 އަށް

މެޑްރިޑް (ނޮވެމްބަރު 29) - އަނިޔާ އިން ރަނގަޅުވެ ޓީމަށް އެނބުރި އައިސް ގަރެތު ބޭލް ކުޅުނު ފުރަތަމަ މެޗުން 2-2 އިން ތިން ވަނަ ޑިވިޝަނުގެ ފުއެންލަބްރާޑާއާ އެއްވަރުކޮށް ސްޕެނިޝް ކޮޕަ ޑެލް ރޭގެ ގަދަ 16 ޓީމު ވާދަކުރާ ބުރުން ރެއާލް މެޑްރިޑް ޖާގަ ހޯދައިފި އެވެ.

މި ދެ ޓީމު ފުންލަބްރާޑާ ދަނޑުގައި ކުޅުނު މެޗުން ރެއާލް ވަނީ 2-0 އިން މޮޅުވެފަ އެވެ. ގަދަ 16 ޓީމުގެ ޖާގަ ރެއާލް ހޯދީ 4-2 ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރިހޯދައިގެންނެވެ.

ރެއާލުން ރޭގެ މެޗު ފެށީ އާންމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ގިނަ ކުޅުންތެރިން ނުލަ އެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ފުއެންލަބްރާޑާ އިންނެވެ. މެޗުގެ 25 ވަނަ މިނިޓްގައި ފުއެންލަބްރާޑާ އަށް ލީޑުނަގައިދިނީ ލުއިސް މިލާ އެވެ. ރެއާލުން ބޭލް ކުޅެން އެރުވީ މެޗުގެ 30 ވަނަ މިނިޓްގަ އެވެ. ބޭލް ތަނަވަސްކޮށްދިން ދެ ފުރުސަތުން ރެއާލުގެ ދެ ގޯލު ވެސް ކާމިޔާބުކުރީ ބޯހާ މަޔޮރާލް އެވެ.

މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ފުއެންލަބްރާޑާ އަށް އެއްވަރުކޮށްދިނީ އަލްވާރޯ ޕޯޓީއާ އެވެ.

އުމުރުން 28 އަހަރުގެ ބޭލް އަށް އަނިޔާގެ ސަބަބުން ފާއިތުވި ދެ ސީޒަނުގައި ވަނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެހެން ނަމަވެސް ބޭލް އަށް އޮންނަ ހިތްހަމަ ޖެހުމަކީ ރެއާލުގެ ކޯޗު ޒިނެދިން ޒިދާންގެ ސަޕޯޓް އަބަދުވެސް އޭނާ އަށް އޮތުމެވެ.

ރޭގެ މެޗަށް ފަހު ޒިދާން ބުނީ ދެ މަސް ދުވަހު ކުޅުމާ ދުރުގައި ހުރެފައި އެނބުރި އައިސް ރޭގެ މެޗުގައި ބޭލްގެ ފަރާތުން ފެނުނީ އުއްމީދީ ކުޅުމެއް ކަމަށެވެ.