30 ނޮވެމްބަރ 2017 - 07:23

ދުވުމުގެ ފެންވަރު އަންގައިދޭ ސްމާޓް ބޫޓެއް އުފައްދައި ވިއްކަން ފަށައިފި އެވެ.
ސެންސޯރިޔާ ކުންފުނިން އުފެއްދި މި ބޫޓަށް ދީފައިވާ ނަމަކީ "ސެންސޯރިޔާ ސްމާޓް ޝޫޒް" އެވެ. ފައިގެ ދަށްފުށަށް ޖަމާވާ މައުލޫމާތު ކުޑަކުޑަ އިލެކްޓްރޯނިކް ޑިވައިސެއްގައި މި މި ބޫޓުން ރައްކާކޮށްދޭނެ އެވެ. މި ޑިވައިސް ހަދާފައި ވަނީ ވަކިން ހަރުކުރާ ގޮތަށެވެ. ދުވުމުގެ ބާރުމިނާއި ހަރަކާތްތެރިކަމާއި ބިމަށް ހިފާފައި ހުންނަ މިންގަނޑު އަންގައިދޭ ތިން މީޓަރެއް މި ޑިވައިސްގައި ހިމެނެ އެވެ.
ދުވެ ނިންމާލާފައި، އެމީހެއްގެ ދުވުމުގައި ހުރި ސިފަތައް ދެނެގަނެވެއެވެ. ސެންސޯރިޔާ ކުންފުނީގެ ސީއީއޯ ޑޭވިޑް ވިގާނޯ ބުނި ގޮތުގައި ދުވުމުގައި ފިޔަވަޅު އެޅި މިންވަރު "ފިޓްބިޓް"ގެ އެހީގައި އަންގައިދިނުމަކުން ނުފުދެއެވެ. ނަމަވެސް ފިޔަވަޅުގެ ދުރުމިނާއި ފިޔަވަޅު އެޅިއިރު ފައިގެ ހަރަކާތްތައް ހުރި ގޮތާއި ބިމުގައި ފައި ޖެހުނު ބާރުމިން ދެނެގަތުން ވަރަށް މުހިންމު ކަމަށް އޭނާ ބުންޏެވެ.
އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ދުވާ އިންޖީނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށާއި އެ އިންޖީނަކީ ފަޔާއި، ކަކުލާއި ފައިތިލަ ކަމަށް ވިގާނޯ ބުންޏެވެ.
ސެންސޯރިޔާ ސްމާޓް ރަނިންގް ޝޫޒްގައި ބޭނުންކުރާ ކުޑަ ޑިވައިސްގައި ރައްކާކުރެވޭ މައުލޫމާތު، ސެންސޯރިޔާ ސްމާޓްފޯން އެޕަށް ފޮނުވައިދެއެވެ. މި އެޕްގައި ހުންނަ މައުލޫމާތު ދިރާސާކުރުމަށް ފަހު ދުވުމުގެ ހުރިހާ ހިސާބެއް ޖަހައި، އެ މައުލޫމާތު ވާޗުއަލް ކޯޗެއްގެ އަޑުން ދުވުންތެރިޔާއަށް ވަގުތުން އަންގައިދެއެވެ.
ސެންސޯރިޔާ ސްމާޓް ޝޫޒަކީ ބަލައިބެލުމަށް އާދަޔާ ޚިލާފު ސިފަތަކެއް ލިބިފައިވާ ބޫޓެއް ނޫނެވެ. އެންމެ ފަހުން އޭސިކްސް އިން ނެރުނު ބޫޓުތަކަކާ މާބޮޑު ތަފާތެއް ވެސް ނެތެވެ.
ސެންސޯރިޔާގެ ސީއީއޯ ޑޭވިޑް ވިގާނޯ ކުރިން މަސައްކަތްކުރީ މައިކްރޮސޮފްޓް ކުންފުނީގައެވެ. އެކަމަކު 2011 ވަނަ އަހަރު ސެންސޯރިޔާ އުފެއްދީ އޭނާއާ އެކު މައިކްރޮސޮފްޓްގައި މަސައްކަތްކުރި އެހެން ބައެއް އެކުވެރިންނާއެކުއެވެ.