އަހަރެންގެ ނަސީބު
އަހަރެންގެ ނަސީބު

މީހަކު ކުރާ ނުބައިކަންތައް ބޭޒާރުކުރުމަކީ ރަނގަޅުކަމެއް ހެއްޔެވެ؟ ގޯސްކަމެއް ހެއްޔެވެ؟ ކިޔަވައިގެންތިބޭ މޮޅެތި މުއްސަނދިންގެ ފަރާތުން މާސޫމު އަންހެންކުދިންނަށް ހާދަހާ ކެއްސެއް ލިބެއެވެ. އެ ފަދަ މީހުން ބޭޒާރުވުމުގެ ވަގުތު ޖެހިއްޖެއެވެ. ކޮންމެވެސް މީހަކު މި ކަން ކުރަން އެބަޖެހެއެވެ. ފަހުދަކީ އެ ކަހަލަ މީހެކެވެ. އޭނަ ކަންތައް ކުރި ގޮތުން އަހަރެން މިހިރީ ވަރަށް ހިތުގަޖެހިފައެވެ. އޭނައަކީ، ޑޮކްޓަރުކަމުގެ ފާސްނަގައިގެން ހޮސްޕިޓަލަށް އަލަށް އައި ޑޮކްޓަރެކެވެ. މާލޭގެ ޤަދަރުވެރި، ނުފޫޒު ގަދަ، މުއްސަނދި ޢާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އަހަންނަކީ ނަރުހެކެވެ. މާލޭގައި އަހަރެންގެ ގެދޮރެއް ނެތެވެ. އަހަރެން ހުންނަނީ ދައްތަ ކުއްޔަށްހިފައިފައިވާ އެޕާޓުމަންޓެއްގައެވެ. ކުރިމަތިލުމަކަށް ހިނގައްޖެ ނަމަ، ފަހުދު ފުމެލިޔަސް އަހަރެން ގެއްލޭނެއެވެ. އެ ހުރިހައި ކަމެއް ވެސް އަހަންނަށް އެނގެއެވެ.

ގިނަ ވަގުތު އަހަރެން އުޅެނީ ހޮސްޕިޓަލުގައެވެ. އަހަރެން ހުރީ ހުސްހަށިބަޔަށެވެ. ފަހުދަކީ ރީތި މީހެކެވެ. ބަރު އަޑެއްގެ ވެރިއެކެވެ. އޭނަގެ ޒާތީ އެއްވެސް މަޢުލޫމާތެއް އަހަންނަކަށް ނޭނގެއެވެ.

"އެކްސްކިއުޒް!" ފަހަތުން މީހަކު ގޮވައިލި އަޑު އަހަންނަށް އިވިގެން ބަލައިލީމެވެ.

ފަހުދު ފެނުނު ފުރަތަމަ ފަހަރަކީ އެއީއެވެ. އޭނަ އެދުނީ ބަލިމީހަކާ ބެހޭ ފައިލު ގެނެސްދިނުމަށެވެ. ޑޮކްޓަރުންނާއި ނަރުހުންނާ ދެމެދު އޮންނަނީ ފަންނީ ގުޅުމެކެވެ. ދެން އޮންނާނީ ރައްޓެހިކަމެވެ. އެކަމަކު، ރީތި މީހަކު ފެނުމުން އަނެކާގެ ހިތުގައި އުފެދޭ ޖަޒުބާތަކީ އަމިއްލައަށް އިޚުތިޔާރުކުރާ އެއްޗެއް ނޫނެވެ. އިޚުތިޔާރުން ބޭރުގައި ހިނގާ ކަމެކެވެ. ފަހުދު ބުނި ފައިލު ގެނެސްދިނުމަށް ފަހު އަހަރުމެން ވަކިވީއެވެ. ގެއަށް ދިޔައިރު ވެސް ފަހުދުމަތިން އަހަރެން ހަނދާން ހުއްޓެވެ. އެއީ ކުށެއް ނޫނެވެ. ހިތާހިތުން ބުނެލީމެވެ. އޭ ހިތާއެވެ. ފެންވަރު އޮޅިގެން ނޫޅޭށެވެ.

ރޭގަނޑު އެފްބީން މީހަކު ސަލާން ފޮނުވިއެވެ. އެ މީހާގެ އެކައުންޓަށް އަހަރެން ދިޔައީމެވެ. އަހަންނަށް ގަބޫލުކުރަން ދަތިވިއެވެ. އެ މީހަކީ ފަހުދެވެ. އެ ޑޮކްޓަރުގެ ބަލިމީހަކަށް އަހަރެން ވެފައިވާ ފަހުދެވެ. އަހަރެން ސަލާން ބަލައިގަތީމެވެ. އަހަރުމެންގެ އެކުވެރިކަން ފެށުނީ އެ ފަދަ ސާދާ ގޮތަކަށެވެ. ދެތިން ދުވަހެއް ފަހުން އަހަންނަށް ކޮފީ ދަޢުވަތެއް ލިބުނެވެ. ވަގުތުން ގަބޫލުކުރީމެވެ. ދެވަނަ ފަހަރު މެންދުރުކެއުމެކެވެ. ތިންވަނަ ފަހަރު ރޭގަނޑުކެއުމެކެވެ. ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރުމެންގެ އެކުވެރިކަން ބަދަހިވެއްޖެއެވެ. ދިގު ފޯނުކޯލުތަކާއި، މެސެޖުތައް ބަދަލުވާން ފެށިއެވެ. ސައިކަލުގައި ބުރުޖަހަން ދާން ފެށީމެވެ. ގާޑިޔާތަކުން މަސްކާށި ކައި ކުރުނބާ ބޯން ފެށީމެވެ. ފަހުދަކީ ވަރަށް ރަނގަޅު މީހެކެވެ. ގަޑިޔަށް ފަރުވާތެރި، ހަރުދަނާ މީހެކެވެ. އެހާމެ މޮޅު ޑޮކްޓަރެއް ވެސް މެއެވެ. އަހަންނަކީ ކާކު ހެއްޔެވެ؟ އަހަރެންގެ ފަރާތުން ފަހުދަށް ފެނިގެންއުޅެނީ ކޮން ސިފައެއް ހެއްޔެވެ؟ އަހަރެންގެ ކުލަ އައްޔެއް ނޫނެވެ. މާ ރީތި ސިފައެއް ވެސް ނެތެވެ. ތަނަވަސްކަމާއި މަޝްހޫރުކަމެއް ނެތެވެ. ފަހުދުގެ ގާތް "އެކުވެރިޔަކަށް" އަހަރެން ވާންޖެހޭނެ އެއްވެސް ސަބަބެއް ނެތެވެ.

އަހަރުމެން ބައްދަލުވިތާ ދެ ހަފުތާ ނުވަނީސް ފަހުދު ލޯބި ހުށައެޅިއެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހުރިހައިކަމެއް ހިނގައިދިޔައީ ހާދަހާ އަވަހަށެވެ. އެކުވެރިކަން ގަބޫލުކުރި ވަރަށް ވުރެ އަވަހަށް އެ ލޯބި ވެސް އަހަރެން ބަލައިގަތީމެވެ. ފަހުދުގެ ގެޔަށް އަހަރެން ގެންދިޔައެވެ. އޭނަގެ މައިންބަފައިންނަކާ ބައްދަލެއް ނުކުރުވައެވެ. ރަށުގައި ތިބި އަހަރެންގެ މައިންބަފައިންނަށް އަހަރެން އެންގީމެވެ. އެ މީހުން ވަރަށް ގަބޫލެވެ. ފަހުދު ދެކޭގޮތުގައި ފަހުދުގެ މައިންބަފައިންނަށް އަންގަންވީ ވަގުތެއް އަދި ނުޖެހެއެވެ.

ދުވަސްތައް ފާއިތުވަމުންދިޔައެވެ. އަހަންނަށް ހީވީ ހުވަފެނެއްގައި އުޅެވޭހެންނެވެ. ޕަރީޒާދުންގެ ވާހަކައެއްހެންނެވެ. ފަހުދަކީ އޯގާތެރިކަމުގެ ލާމަސީލު މިސާލެކެވެ. ލޯބީގެ ނަމޫނާއެކެވެ. އަހަރެން ބުނާ އެއްވެސް އެއްޗަކަށް ފަހުދު ނޫނެކޭ ނުބުނެއެވެ. އަހަރެން ނުފެނި ގިނައިރު ވިޔަސް އަހަންނަށް ގުޅައެވެ. އެތައް އިރަކު ވާހަކަދައްކަން އިނދެއެވެ. ގިނަ ފަހަރަށް ފޯނު ކެނޑޭނީ ފަހުދުގެ ފޯނުގެ ބެޓެރީގެ ބާރު ހުސްވެގެންނެވެ. ކީއްވެގެން ހެއްޔެވެ؟ އޭނަގެ ކުރިމަތީގައި އަހަރެން މިއީ ކާކު ހެއްޔެވެ؟ ކޮން ފެންވަރެއް ހުރި މީހެއް ހެއްޔެވެ؟ އެ ދުވަސްވަރަކީ އަހަރެންގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަސްވަރެވެ. ފަހުދު ރާވައިފައިވާ ގޮތް އަހަންނަށް ކިޔައިދިނެވެ. އޭނަ ކައިވެނިކުރާނީ އަހަރެން ކިޔަވައި ނިމުނީމައެވެ. އިތުރަށް ކިޔަވަން ފަހުދު ބޭނުމެވެ. ވީމާ، އަހަރެން ކިޔަވައި ނިމުނީމައި، ކައިވެނިކޮށްގެން ކިޔަވަން ފުރާނީ ދެމަފިރިން އެކުގައެވެ. ފަހުދުގެ ލޯބީގެ މާތަކުން އަހަރެންގެ އުނގު ފުރިގެން ބަންޑުންވިއެވެ. ދެ މަސް ފާއިތުވެގެންދިޔައީ ދެ ދުވަސްހެންނެވެ.

އާދައިގެމަތިން ދުވަހެކެވެ. އަހަރުމެން ބައްދަލުކުރީ، އާންމުކޮށް އަހަރުމެން ބައްދަލުކުރާ ސިޓްރޮން ރެސްޓޯރަންޓުގެ ފުރަތަމަ ފަންގިފިލާގެ އެންމެ އެކަހެރިކޮށް ހުންނަ މޭޒުންނެވެ. މޫސުމުގައި ތަފާތުކަމެއް ނެތެވެ. އުދަރެހުގައި ތަފާތު ކުލައެއް ނެތެވެ. އިރުއޮއްސޭ ވަގުތު، ވިއްސާރަ ނޫން ނަމަ، އާންމުކޮށް ފެންނަ ހުރިހައި ކުލައެއް ހުއްޓެވެ. ތަފާތެއް ފެނުނީ ފަހުދުގެ މޫނުމަތިންނެވެ. އެ ތަނަށް ވަންއިރު ވެސް ފަހުދު ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެ ފަދަ މޫޑެއްގައި ފަހުދު ހުރިތަނެއް ކުރިއަކުން އަހަރެން ނުދެކެމެވެ. އަހަރެން އިށީންނަން ގޮނޑި ދުރުކޮށެއް ނުދެއެވެ. ހިނިތުންވެފައި އަހަންނަކަށް ބަލައެއް ނުލިއެވެ. އަހަންނަކަށް ތައުރީފެއް ނުކުރިއެވެ. ފަހުދުގެ ރީތި ސިފަތައް އެ ދުވަހަކު އަހަންނަކަށް ނުފެނުނެވެ. ގިނަ ވަގުތު އިނީ ފޯނާ ކުޅޭށެވެ. އިސްވެ ވާހަކަނުދެއްކުމުގެ އިތުރަށް، އަހަރެން އެއްޗެއް އެހިޔަސް ދެނީ ކުރު ޖަވާބެކެވެ. އެންމެ ފަހަރަކު ވެސް ހަތަރުކަޅި ހަމައެއް ނުކުރެއެވެ. ހީވަނީ ނައިސް ނުވެގެން އަހަންނާ ބައްދަލުކުރަން އައިސް އިންހެނެވެ. ވަރަށް ދެރަވި ދުވަހެކެވެ. ހިތަށްއެރިއެވެ. އަހަންނަށް ކޮން ކަމެއް ކުރެވުނީބާއެވެ؟

އަހަންނާ ބައްދަލުކުރަން ފަހުދަށް ވަގުތު ނުވާން ފެށިއެވެ. ފޯނެއް ނުކުރެއެވެ. އަހަރެން ގުޅިޔަސް ފޯނު ނަގަނީ "ބިޒީ" ބުނެލަން އެކަންޏެވެ. މެސެޖަކަށް ޖަވާބެއް ނުދެއެވެ. ހޮސްޕިޓަލުން އަހަރުމެން ބައްދަލުވެއެވެ. އަހަރެން ފެންނަކަމަށް ވެސް ފަހުދު ނަހަދައެވެ. އަހަރެންނަށް ވަރަށް އުނދަގޫވިއެވެ. ކުއްލިއަކަށް ފަހުދަށް އެ ބަދަލު އައީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ވަރަށް ދިގު މެސެޖުތައް ފޮނުވީމެވެ. ދުވާލަކު އެތަކެއް މެސެޖެކެވެ. އެންމެ ފަހުން ފަހުދުގެ ކެތްތެރިކަން ކޮޅުންލިއެވެ.

"ރާއްޖެތެރޭ ކުއްޖަކާ އިންނަން އަހަރެންގެ މައިންބަފައިން ގަބޫލެއް ނުވި." ފަހުދު ބުންޏެވެ.

އަހަރެންނަށް ލިބުނީ ޝޮކެކެވެ. ވެފައިހުރި ދެރަޔާއި، ހިތްދަތިކަމާއި، ނުތަނަވަސްކަން ވަގުތުން ފިލީއެވެ. އެ އަށް ވުރެ ގޮތްކުޑަ އުޒުރެއް ފަހުދަށް ދައްކަން ނޭނގުނީ ހެއްޔެވެ؟ އަހަންނަކީ މާލޭ ކުއްޖެއް ނޫންކަން، އެންމެ ފުރަތަމަ ދުވަހު ވެސް ފަހުދަށް އެނގޭނެއެވެ. އޭނައަކީ، އެ ފަދަ މަޢުލޫމާތު ބެލޭ ފެންވަރުގެ މަޤާމެއްގައި ހުރި މީހެކެވެ. އެކަމަކު، އޭރު އަހަންނަށް ވުރެ ލޯބިވާ މީހަކު ނެތިފައި ކުއްލިއަކަށް އަހަރެން އުފަންވި ރަށް ކުށްވެރިވީ ކީއްވެގެން ހެއްޔެވެ؟

"އެހެންވެ އަހަރެން މި އިގްނޯކުރަނީ،" އަސަރެއް ނެތް ރާގެއްގައި ފަހުދު ބުންޏެވެ. "ޕޭރަންޓުންނާ އަހަންނާ މިހާރު މައްސަލަ ޖެހިއްޖެ! އެ މީހުންނަކާ ވާހަކައެއް ވެސް ނުދައްކަން."

"އެހެން ނަހަދާ!" އަހަރެން ބުނީމެވެ. "ލޯބިވާނެ ކިތަންމެ އަންހެންކުދިންނެއް ފަހުދަށް ލިބޭނެ. އެކަމަކު މައިންބަފައިން ބަދަލެއް ނުވާނެ. އެ މީހުން ދެކެ ރުޅިއަންނާކަށް ނުވާނެ."

އަހަރެން އުންމީދުކުރީ ފަހުދުގެ މައިންބަފައިންނަށް ވިސްނައިދޭން ފަހުދު މަސައްކަތް ކުރާނެކަމަށެވެ. އަހަރެންނަށް ކޮންމެވެސް ކަހަލަ އުންމީދެއް ދޭނެ ކަމަށެވެ. އެހެނެއް ނުވިއެވެ.

"ވަރަށް ޑިޕްރެސްވެފަ މިހިރީ،" ފަހުދު ބުންޏެވެ. "ވަރަށް ނިދި ވެސް އާދޭ އެބަ!"

ފަހުދު ބުނީ ތެދެއް ހެއްޔެވެ؟ ނުވަތަ އެއީ ގޮތްކުޑަ ބަހަނާއެއް ހެއްޔެވެ؟ އަހަންނަށް ގުޅައިނުލައި، މެސެޖެއް ނުފޮނުވައި، ބައްދަލު ނުކޮށް ފަހުދަށް އުޅެވެނީ ކިހިނެއް ހެއްޔެވެ؟ އޭނައަކީ، އަހަރެންގެ ނޭވާއިން ދިރިހުރި މީހެކެވެ. އޭނަގެ ހިތުގައި ޖެހީ އަހަރެންގެ ވިންދެވެ. އެހާ ފަސޭހައިން އަހަރެން ހަނދާންނައްތައިލީ ކިހިނެއް ހެއްޔެވެ؟ ގައިގައި ޖެހޭހާ ގާތުން ދިޔަސް އަހަންނަށް ބަލައިނުލަން ފަހުދު ހިތްވަރު ހޯދީ ކިހިނެއް ހެއްޔެވެ؟ ފަހުދުގެ ނަން ހިތުން ފުހެލަން އަހަންނަކަށް ފަސޭހައެއް ނުވިއެވެ. ލޯބީގެ ފޮނި ހަނދާންތަކާ ދުރަށް ދާން ކުޅަދާނައެއް ނުވިއެވެ. ދިރިހުއްޓަސް އެތެރެއެތެރެއިން އަހަރެން ދިޔައީ ކުދިކުދިވަމުން، ފުނޑުފުނޑުވަމުންނެވެ. ކެތް ނުކުރެވިގެން އެ ވާހަކަ އަހަރެން ބުނީމެވެ. ފަހުދު އަޅައެއް ނުލިއެވެ. އޭނަގެ ހިތް ފުރުނީއެވެ. އަހަރެންގެ ބޭނުން ކެނޑުނީއެވެ.

ޙަޤީޤަތް އެނގުނީ ފަހުންނެވެ. އަހަންނަށް ވުރެ ކަމުދާ އެހެން އަންހެންކުއްޖެއް ފަހުދަށް ލިބުނީއެވެ. އެއީ މާލޭ ކުއްޖެކެވެ. ފަހުދަކީ މުއްސަންޖެކެވެ. ނުފޫޒު ގަދަ މީހެކެވެ. އަހަރެން ކަހަލަ އަންހެންކުދިންނަކީ މުނިފޫހިފިލުވަން ފަހުދު ގެންގުޅޭ ކުޅޭ އެއްޗެކެވެ. ހިތް ފަތަޙަކުރުމަށް ޓަކައި ހުވަފެން ދައްކައިފައި، ފޫހިވީމައި އެއްލައިލީމައި ނިމުނީއެވެ. އަހަރެމެންނަކީ ނިކަމެތިންނެވެ. ހެދި ގޮތެއް ހެދިގެން ތިބުން ނޫން ގޮތެއް ކޮބައި ހެއްޔެވެ؟ ހިތަށް ވަރަށް ތަދުވިއެވެ. ދުށް ރީތި ހުވަފެންތައް ހިތުން ފުހެލަން ދުވަސް ނަގާނެއެވެ. އެކަމަކު، ފަހުދު ނުލިބުނީތީ ރޯކަށް އަހަރެން ބޭނުމެއް ނޫނެވެ. ރޮވެނީ ކެހިވެރިޔަކަށް މާ އަވަހަށް އިތުބާރު ކުރެވުނީތީއެވެ. ފަހުދަކީ މަކަރުވެރި، ހިތް ހިލަ މީހެކެވެ. ސިކާރަ އަތުލައިގަންނަން އޭނަ ވަރަށް ކުޅަދާނައެވެ.

މުއްސަނދި، މޮޅެތި، ރީތި ފިރިހެނުންނަކީ ވަރަށް ކާމިޔާބު ބަޔެކެވެ. ކޮންމެ އަންހެންކުއްޖަކު ވެސް ބޭނުންވަނީ އެ ކަހަލަ ފިރިހެނެކެވެ. އެ މީހުންނަށް އެ ކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު، ފަހުދަކީ ނިޢުމަތެއް ނޫނެވެ. މުޞީބާތެކެވެ. އެ ކަހަލަ މީހަކަށް ތެދުވެރި ލޯތްބެއް ނުވެވޭނެއެވެ. އޭނަގެ ނަޒަރުގައި އަހަރެންގެ ހިތެއް ނޯންނާނެއެވެ. އަގެއް ވެސް ނޯންނާނެއެވެ. އެހާ މޮޔަ ވިސްނުމެއް ގެންގުޅޭ މީހަކު، އަންހެނަކަށް ކުރާނީ ކޮން އިޙުތިރާމެއް ހެއްޔެވެ؟ އަންބަކަށް ކުރާނީ ކޮން ޤަދަރެއް ހެއްޔެވެ؟ ފަހުދާ ވަކިވާންޖެހުނީތީ އަހަރެން ދެރަވެއެވެ. އެކަމަކު، އޭނަޔާ ކައިވެނި ނުކުރެވުނުކަން އެއީ އަހަރެންގެ ނަސީބެވެ. އެ ކަމާ މިހާރު އަހަރެން އުފާކުރަމެވެ. މިއީ ޙަޤީޤީ ހާދިސާއެކެވެ.

ނިމުނީ