07 ޖުލައި 2016 - 12:30

މާސޭ، ފްރާންސް (ޖުލައި 7) - ޔޫރޯގެ ސެމީ ފައިނަލުގައި މިރޭ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާ ދެކޮޅަށް ކުޅޭއިރު، ހަމައެކަނި ޑިފެންސްކުރުމަށް ފަހު ލިބޭ ފުރުސަތުގައި ގޯލް ޖަހައިގެން މޮޅުވެވިދާނެ ކަމަށް ވިސްނައިގެން ނުވާނެ ކަމަށް ފްރާންސުގެ ކޯޗު ޑިޑިއާ ޑިޝޯމްޕްސް ބުނެފި އެވެ.
މުބާރާތުގައި މިހާތަނަށް ހުރިހާ ޑިޕާޓްމަންޓެއް އެންމެ ވަރުގަދަކޮށް ފެނުނީ ޖަރުމަނެވެ. އެ ޓީމު ކޮޅަށް އެންމެ ލަނޑެއް ވަދެފައިވާއިރު ހަތް ލަނޑު ވަނީ ކާމިޔާބުކޮށްފަ އެވެ.
"ޖަރުމަން ކުޅޭ މެޗުތަކުގެ ކޮންޓްރޯލް ނަގަނީ އެ ޓީމުން. މުޅި މެޗުގައި ވަގުތު ބޯޅަ ގެންއުޅޭނީ އެ ޓީމުން. އެކަމަކު އަހަރެމެންނަށް ނެތް މުޅި މެޗުގައި ޑިފެންސްކުރުމަށް ފަހު ލިބޭ ފުރުސަތުގައި ގޯލް ޖަހައިގެން މޮޅުވެވިދާނެ ކަމަށް ވިސްނޭކަށް. ޖަރުމަން ކޮޅަށް މަދުން ގޯލް ވަދެފައި ހުރީ. އެހެންވީމާ އަހަރެމެން ޖެހޭނީ ގޯލް ޖަހަން. ޖަރުމަނަށް އިހުތިރާމް ކުރަން އެކަމަކު ފްރާންސަށް އެބައޮތް ބޮޑު ފުރުސަތެއް. އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ޖެހޭނެ (ހަމައެކަނި ކައުންޓާ އެޓޭކްކުރުމުގެ ބަދަލުގައި)،" ޑިޝޯމްޕްސް ބުންޏެވެ.
މި މެޗަށް ނުކުންނައިރު، ފްރާންސަށް ޖަރުމަން އަތުން 1958 ގެ ފަހުން މޮޅުވެވިފައެއް ނުވެ އެވެ. ޑިޝޯމްޕްސް ބުނީ މާޒީ ބަދަލެއް ނުކުރެވޭނެ ކަމަށާއި އެކަމަކު މިއަދު ތާރީހުގައި އާ ސޮފުހާއެއް ލިޔެވިދާނެ ކަމަށެވެ.
"އަހަރެމެން މި ނުކުންނަނީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް. އެކަމަކު އިތުބާރު ކުރަން ޖެހޭ އަމިއްލަ ނަފުސަށް. ގަބޫލުކުރަން ޖެހޭ (މޮޅުވެވޭނެކަން)،" ފްރާންސަށް 1998 އަދި 2000 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން ބުންޏެވެ.