28 ނޮވެމްބަރ 2017 - 19:25

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ޖަލަށް ލާން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އިމްރާންގެ ފަރާތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.
މެއި، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އިމްރާންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 12 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ކުރިން އޮތީ ތާއީދުކޮށްފަ އެވެ.
ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން އިމްރާންގެ ފަރާތުން ހުށަހެޅުމުން މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ފޮނުވި ޖަވާބުގައިވަނީ އެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމް ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ހައި ކޯޓުގެ އެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކުރި ހުކުމެއް ކަމަށްވާތީ އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުންނާއި ކޯޓުތަކުގެ ގާނޫނުގެ ދަށުން ހުއްދަ ދޭންޖެހޭ މައްސަލައެއް ނޫން ކަމަށާއި އެހެންވެ އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ނިންމުމުގައި ވެއެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދު އޮންނަ ގޮތުން އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.