ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރަން 10.7 މިލިއަން ޑޮލަރު ދީފި
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރަން 10.7 މިލިއަން ޑޮލަރު ދީފި

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ނެދަލޭންޑްސްގެ އެންޓަޕްރައިސް އޭޖެންސީ (އޯރިއޯ)އިން 10.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފި އެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރަން 10.7 މިލިއަން ޑޮލަރު ދީފި
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރަން 10.7 މިލިއަން ޑޮލަރު ދީފި

ސްޓެލްކޯ ކޮންފަރެންސް ހޯލުގައި މިއަދު ބޭއްވި ހަފްލާއެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ސޮއިކުރެއްވިއިރު އޯރިއޯގެ ފަރާތުން ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަ ނެދަލެންޑްސް އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އިވާ ވާސަމް އެވެ.

އެ ހަފްލާގައި މަޖިލީހުގެ ރައީސް، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ އޯރިއޯ އިން ދޭ 10.7 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި ކުވައިތު ފަންޑުން ދޭ ލޯނު އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 25.5 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށެވެ.

ކުވައިތު ފަންޑުން ދިން ލޯނުގެ އެއްބަސްވުމުގައި މިދިޔަ ޖުލައި މަހު ވަނީ ސޮއިކޮށްފަ އެވެ.

އެންވައިރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ އެ މަސައްކަތް ކުރަމުން އަންނަތާ ހަތަރު އަހަރުވެއްޖެ ކަމަށާއި އެގޮތުން އެ ރަށުގެ ސާވޭ ހެދުމާއި އީއައިއޭ ރިޕޯޓުގެ އިތުރުން ބައެއް ޑިޒައިން މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން ފުވައްމުލަކުގެ 2650 އަކަފޫޓުގެ ގޮނޑުދޮށް ހިމާޔަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ޑީޓެއިލް ޑިޒައިން ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު ވަރަށް އަވަހަށް ކޮންޓެކްޓަރަކާ މަސައްކަތް ހަވާލު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގިރުމުގެ މައްސަލައަކީ ފުވައްމުލަކަށް ވަރަށް ބޮޑަށް ދިމާވެފައިވާ މައްސަލައެކެވެ. އެ ރަށް ގިރައި ގިނަ އަދަދެއްގެ ރުއްގަސް ވެސް މޫދަށް ވަނީ ވެއްޓިފަ އެވެ.