28 ނޮވެމްބަރ 2017 - 14:39

ބެއިޖިން (ނޮވެމްބަރު 28) - ޗައިނާގެ ދެ ކުއްޖަކު ބަހެއްގެ ދަށުގައި ތިބެގެން 80 ކިލޯ މީޓަރު (50 މޭލު) އަށް ދަތުރުކޮށްފި އެވެ.
ބަހުގެ ދަށުގައި ދަތުރުކުރި ދެ ކުދިންނަކީ ޗައިނާގެ ދެކުނުގެ ގުއަންޒީގެ ފަގީރު އަވަށަކަށް ނިސްބަތްވާ ދެ ކުދިންނެވެ. އެ ކުދިން ބަހުގެ ދަށުގައި ތިބިގެން ދަތުރުކޮށްފައި ދިޔައީ ގުއާންޑޯން ޕްރޮވިންސްގައި އުޅޭ އެ ކުދިންގެ މައިންބަފައިންނާ ބައްދަލު ކުރުމަށެވެ.
އެ ދެ ކުދިން ގެއްލިފައިވާކަން އެ ކުދިންގެ ޓީޗަރު ރިޕޯޓްކޮށްފައި ވަނީ މި މަހު 23 ވަނަ ދުވަހު އެވެ. އަދި ހަމަ އެ ދުވަހު އެ ދެ ކުދިން ބަހުގެ ދަށުން ފެނިފައި ވަނީ ބަސް ސްޓޭޝަނަކަށް މަޑުކުރި ވަގުތު ސަލާމަތީ އޮފިޝަލުން ބަސް ޗެކް ކުރުމުންނެވެ.
ސަދަން މޯނިން ޕޯސްޓުން ބުނެފައި ވަނީ އެ ކުދިންނަށް ވާނީ 8-9 އަހަރު ކަމަށެވެ. އުސް ހިސާބަކުން ތިން ކިލޯ މީޓަރަށް ބަސް ދަތުރު ކުރި އިރު ވެސް ދެ ކުދިން ބަހުގެ ދަށުގައި ގެއްލުމެއް ނުލިބި ތިބުމުން އޮފިޝަލުންނަށް ވެސް ވަނީ ހައިރާންކަން ލިބިފަ އެވެ. އެކަކު ބުނި ގޮތުގައި ބަހުގެ ދަށުގައި ދެ ކުދިންނަށް ފަސޭހަ އިން ތިބެވުނީ އެއީ ވަރަށް ހިކި ދެ ކުދިންނަށްވާތީ އެވެ.
ސަދަން މޯނިން ޕޯސްޓުން ބުނީ އެ ކުދިންނާ ސުވާލު ކުރުމުން ވާހަކަ ދައްކަން ފުރަތަމަ ދެކޮޅު ހެދި ކަމަށެވެ. ނަމަވެސް އެކަކު ބުނީ އެއީ މައިންބަފައިންނާ ބައްދަލު ކުރަން ދަތުރުކުރި ދެ ކުދިން ކަމަށެވެ.
މި ހާދިސާ އަށް ފަހު ވަނީ، ޗައިނާގައި މައިންބަފައިންނާ ވަކިވެފައިވާ ކުދިންގެ ސަލާމަތާ ބެހޭ ގޮތުން ޗައިނާގެ އޮންލައިން ކޮމިއުނިޓީގައި ބަހުސް ހޫނުވެފަ އެވެ.