ވައިޓް ހައުސްގައި އަމިއްލަ ފޯނު ބޭނުންކުރުން މަނާކުރަނީ
ވައިޓް ހައުސްގައި އަމިއްލަ ފޯނު ބޭނުންކުރުން މަނާކުރަނީ

ވައިޓް ހައުސްގެ ތެރޭގައި ހިނގާ ކަންތައްތައް ބޭރަށް ލީކުވާ މައިގަނޑު ވަސީލަތަކީ މުވައްޒަފުން ބޭނުންކުރާ އަމިއްލަ ފޯނުތައް ކަމަށް އޮފިޝަލަކު ބުނެފި އެވެ. އޭނާ ބުނި ގޮތުގައި އަމިއްލަ ފޯނުތައް ވައިޓް ހައުސްގައި ބޭނުންކުރުން މަނާކުރުމާ މެދު ބަހުސްކުރެވެމުން އެބަ ދެ އެވެ.

ވައިޓް ހައުސްގައި އަމިއްލަ ފޯނު ބޭނުންކުރުމަކީ އުނދަގޫ ބޮޑު ކަމެއް ކަމަށް، ވައިޓް ހައުސްގައި އައިޓީ ނެޓްވޯކް ބަލަހައްޓާ މީހުން ވެސް ބުނެ އެވެ. އަމިއްލަ ފަރުދުންގެ އެތައް ޑިވައިސްއެއް ވައިފައި ނެޓްވޯކަށް ގުޅިފައި ހުންނަ ކަމަށް ވެސް ވެ އެވެ. އައިޓީ އޮފިޝަލުން ބުނި ގޮތުގައި، ވައިޓް ހައުސްގެ ސާވާތަކަށް ހެކަރުން ވަންނަނީ ވެސް މުވައްޒަފުން ބޭނުންކުރާ ފޯނުތައް ހިސޯރުކޮށްގެންނެވެ. އޭނާ ބުނި ގޮތުގައި މުވައްޒަފުން ގިނައިން ބޭނުންކުރަނީ ސަލާމަތީ ފެންވަރު ވަރަށް ދަށް ފޯނުތަކެކެވެ.

މުވައްޒަފުންގެ ފޯނުތައް ވައިޓް ހައުސް ތެރޭގައި ބޭނުންކުރުން މަނާކުރުމަށް ފަހު، މަސައްކަތާ ގުޅުން ހުރި މުއާމަލާތްތަކުގައި ބޭނުންކުރުމަށް ޚާއްސަ ފޯނެއް ދެވެ އެވެ. އެ ފޯނުން ޓެކްސްޓް މެސެޖެއް ނުކުރެވެ އެވެ. ޖީމެއިލަކަށް ވެސް ނުވަދެވެ އެވެ. އަދި އެ ގޮތުގައި ބޭނުންނުކުރެވޭ އެޕްލިކޭޝަންތަކެއް ވެސް ހުރެ އެވެ.
ވައިޓް ހައުސްގައި މި ކަހަލަ ފިޔަވަޅެއް އަޅައިފި ނަމަ އޮތް ބިރަކީ މުވައްޒަފުންނަށް އާއިލާއާ ނުގުޅުމެވެ. އަދި މުވައްޒަފުން ފޯނު ބޭނުންކޮށްގެން ކުރާ މުވާސަލާތުތައް ރެކޯޑްކޮށް، ލޮގްކުރުމެވެ.

ވައިޓް ހައުސް ތެރޭގައި ހިނގާ ކަންތައްތައް އެންމެ ބޮޑަށް އެނގެން ބޭނުންވާ ބޭރު ގައުމުތަކުގެ ތެރޭގައި ރަޝިޔާ އަދި ޗައިނާ ހިމެނޭ ކަމަށް ވައިޓް ހައުސްއިން ތުހުމަތުކުރެ އެވެ. އެ ތުހުމަތު އިތުރުވެ މުވައްޒަފުންގެ ފޯނުތައް ބަންދުކުރާ ހިސާބަށް އަންނަން ޖެހުނު ސަބަބަކީ، ވައިޓް ހައުސް ޗީފް އޮފް ސްޓާފް، ޖޯން ކެލީގެ ފޯނު ހެކުކުރުމުންނެވެ. ބުނެވޭ ގޮތުގައި ހެކަރުން ވަނީ ޖޯން ކެލީ އަށް ވަރަށް އުނދަގޫކޮށްފަ އެވެ.