މުގާބޭ ސަރުކާރުގެ އޮފިޝަލުން ދޫކޮށްލަން ކޯޓުން ދެކޮޅު ހަދައިފި
މުގާބޭ ސަރުކާރުގެ އޮފިޝަލުން ދޫކޮށްލަން ކޯޓުން ދެކޮޅު ހަދައިފި

ހަރާރޭ (ނޮވެމްބަރު 28) - ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ސަރުކާރުގެ އިސް އޮފިޝަލުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ޝަރީއަތް ކުރިއަށްދާ ދުވަސްވަރު ކަފާލާތުގެ ދަށުން އެ މީހުން މިނިވަން ކުރަން ކޯޓުން ދެކޮޅު ހަދައިފި އެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ބަންދުގައި ތިބި މީހުންގެ ތެރޭގައި މުގާބޭ ސަރުކާރުގެ ފައިނޭންސް މިނިސްޓަރާއި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު ވެސް ހިމެނެ އެވެ. މުގާބޭގެ ފައިންސް މިނިސްޓަރު އިގްނާޓިއަސް ޗޮމްބޯ ބަންދުގައި ބަހައްޓާފައި ހުރީ އޭނާގެ އަމިއްލަ ސަލާމަތާ އަދި ހެއްކަށް ނުފޫޒު ފޯރުވަފާނެތީ އެވެ.

ކޯޓުގައި އޮތް އަޑުއެހުމަކަށް ފަހު ޗޮމްބޯގެ ވަކީލް ލަވްމޯ މަދުކޫ ވިދާޅުވީ ކޯޓުގެ ނިންމުމާ މެދު ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމަށެވެ. ވަކީލް ވިދާޅުވީ ދަށު ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށެވެ.

"ހެއްކަށް ނުފޯޒު ފޯރުވަފާނެ ކަމަށް ބުނާ ވާހަކައިގައި އެއްވެސް އަސްލެއް ނެތް،" ވަކީލް ވިދާޅުވި އެވެ.

ޗޮމްބޯ ބަހައްޓާފައި ހުރީ ވެރިރަށް ހަރާރޭ އިން ބޭރުގައިވާ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ޖަލެއްގަ އެވެ.

ޒަނޫ-ޕީއެފްގެ ޔޫތު ލީގުގެ ލީޑަރު ވެސް ދޫކޮށްލަން ކޯޓުން ވަނީ ދެކޮޅު ހަދައިފަ އެވެ. އޭނާ އަކީ ކުރީގެ ފަސްޓް ލޭޑީ ގްރޭސް މުގާބޭއާ ގާތް ގުޅުމެއް އޮންނަ ފަރާތަކެވެ.

ސިފައިންގެ ތަރުޖަމަނާކު ބުނީ މުގާބޭ ސަރުކާރުގެ ގިނަ އޮފިޝަލުންތަކެއް ބަންދުގައި އެބަތިބި ކަމަށެވެ. އަދި އެ މީހުންނާ ބެހޭ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.