29 ނޮވެމްބަރ 2017 - 06:44

ކުޑަކަމުދާން ބޭނުންވެ އެކަމަކު ނުގޮސް ހިފަހައްޓައިގެން ހުރުމަކީ ބޮޑެތި ގެއްލުންތައް ލިބޭ ކަމެކެވެ.
ކުޑަކަމުދާން ޖެހިއްޖެކަމުގެ އިހްސާސަކީ ހަށިގަނޑުގައިވާ ވިހަ ނަޖިސް އަވަހަށް އުކާލަން ޖެހޭ ކަމުގެ ސިގްނަލެކެވެ. ކުޑަކަމުދިއުމުގެ މަރުހަލާ އަކީ އެ ނިޒާމާ ގުޅިފައިވާ ތަފާތު ގުނަވަންތަކާއި މަސްފަށަލަތައް އަދި ނާރުތައް އެކުވެގެން ކުރާ މަސައްކަތެކެވެ. އެހެންކަމުން ކުޑަކަމުދާން ޖެހިއްޖެކަމުގެ ސިގްނަލާ އެކު ވީ އެންމެ އަވަަހަކަށް އެކަން ކުރަން ޖެހެ އެވެ.
އިންސާނެއްގެ ބްލެޑާގައި ބެހެއްޓެނީ އެންމެ ގިނަވެގެން 16 އައުންސް ނުވަތަ ދެ ޖޯޑެއްހާ ކުޑަކަމުދާ އެއްޗިއްސެވެ. ނަމަވެސް ބްލެޑާ ފުރިއްޖެކަމުގެ އިހްސާސް ކުރެވޭ ގޮތް އެކި މީހުންގެ ތަފާތެވެ. އަވަހަށް ބްލެޑާ ފުރުން ބިނާ ވަނީ ވަރަށް ގިނަ ކަންކަމުގެ މައްޗަށެވެ.
ކުޑަކަމުދާން ޖެހި ކުޑަ ވަގުތުކޮޅަކު ހިފަހައްޓައިގެން ހުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މިއީ އާދައަކަށް ހަދައިފި ނަމަ އެއީ މައްސަލަ އެކެވެ. މިގޮތަށް ކަންތައްކުރާ ނަމަ ޔޫރިނަރީ ޓްރެކްޓް އިންފެކްޝަންސް (ޔޫޓީއައި) ޖެހުން ހިމެނެ އެވެ. މިހެން ދިމާވަނީ ކުޑަކަމުދާ ނަޖިސް ބްލެޑާ ތެރޭގައި ގިނައިރު ހުރުމުގެ ސަބަބުން ޖަރާސީމު އުފެދޭލެއް އިތުރުވުމުންނެވެ. އަދި ކިޑްނީ އިންފެކްޝަނެއް ނުވަތަ ކިޑްނީއަށް ގެއްލުމެއް ވުމަކީ ވެސް ވެދާނެ ކަމެކެވެ.
ސަބަބަކީ ބްލެޑާ އަކީ ކުޑަކަމުދިއުމުގެ ނިޒާމުގެ ބަޔަކަށް ވެފައި ހޮޅިތަކަކުން ކިޑްނީ އާ ގުޅިފައި ހުންނާތީ އެވެ. ޚާއްސަކޮށް ޕްރޮސްޓޭޓް ދުޅަވެފައި ހުންނަ މީހުންނާއި ނިއުރޯޖެނިކް ބްލެޑާ، ކިޑްނީ މައްސަލަތައް، ކުޑަގިފިލި ނުހިފޭ މީހުން ކުޑަކަމުނުގޮސް ހިފަހައްޓާ ނަަމަ ސީރިއަސް މައްސަލަތަކެއް ދިމާވުން އޮންނާނީ ގާތުގަ އެވެ. ސަބަބަކީ މިކަމުގެ ސަބަބުން ކިޑްނީ ބަލިތަކާއި އިންފެކްޝަންތަކަށް ނުރައްކާ އިތުރު ވާތީ އެވެ.
ޚާއްސަކޮށް މާބަނޑު މީހުން އެއްގޮތަކަށް ވެސް ކުޑަކަމުދާންޖެހި ހިފަހައްޓައިގެން ހުރެގެން ނުވާނެ އެވެ. ސަބަބަކީ ޔޫޓީއައިގެ މައްސަލަތައް މާބަނޑު ދުވަސްވަރު ވަރަށް ފަސޭހައިން ދިމާވާތީ އެވެ.
އެންމެ ރަނގަޅު ގޮތަކީ ވީހާވެސް ގިނައިން ފެންބޮއެ އަދި ވީހާވެސް ގިނައިން ކުޑަކަމުގޮސް ކިޑްނީ ރަނގަޅަށް ބެލެހެއްޓުމެވެ.