28 ނޮވެމްބަރ 2017 - 12:26

ޖިންސީ ގޯނާގެ ތުހުމަތެއްގައި ކޯ-ޕައިލެޓަކު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށާއި އޭނާ އަށް އަލުން ވަޒީފާ ދޭން ނުޖެހޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ހައި ކޯޓުން އެގޮތަށް ހުކުމްކުރީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ކޯ-ޕައިލެޓަކު އެތަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 2012 ގައި ވަޒީފާ އިން ވަކިކުރި މައްސަލައިގަ އެވެ. އެ މައްސަލާގައި 2015 ގައި ސިވިލް ކޯޓުން ނިންމާފައި އޮތީ އޭނާ ވަކިކުރީ ގޯސްކޮށް ކަމަށާއި އެހެންވެ، އޭނާ އަށް އަލުން ވަޒީފާ ދިނުމާ އެކު، ވަކިކޮށްފައި ހުރި 41 މަހުގެ މުސާރަ ދިނުމަށެވެ.
ޓީއެމްއޭ އިން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ އެ މައްސަލާގައި ޓީއެމްއޭ އިން ހިންގި ތަހުގީގުގައި، އެ މީހާގެ މައްޗަށް ތުހުމަތު ކުރެވުނު ބައެއް ކަންކަމަށް އެއްބަސްވެ، މައާފަށް އެދުނު ކަމަށެވެ. އެހެންވެ އެއީ ހިނގާފައިވާ ކަންތައްތަކެއް ކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ހައި ކޯޓުގެ ހުކުމްގައިވެ އެވެ. އެ މައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު އެ މީހާ އަށް ދީފައި އޮތުމުން އޭނާ ވަކި ކުރުމުގައި އިޖްރާއީ އަދުލުވެރިކަމާއި މައުޟޫއީ އަދުލުވެރިކަން ގާއިމް ކޮށްފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެއީ މަޖަލަކަށް ކުރި ކަމެއް ކަމަށް އެ މީހާގެ ފަރާތުން ބުނެފައި ވިޔަސް އެ މައްސަލަ ޓީއެމްއޭގެ ސަމާލު ކަމަށް ގެނައީ ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ފަރާތްތަކުން ކަމަށް ވާތީ އެ މީހާގެ އެ އަމަލަކީ ޖިންސީ ގޯނާގެ އަމަލުތަކެއް ކަމުގައި ނޫނީ ބެލެވެން ނެތް ކަމަށް ހުކުމުގައި ވެ އެވެ. އަދި ޝަކުވާ ހުށަހެޅި ބައެއް މީހުން އެ ޝަކުވާތައް އަނބުރާ ގެނެސްފައި ވިޔަސް، އެ މީހާ ވަކިކުރުމުގެ ކުރިން އެ ޝަކުވާތައް އަނބުރާ ގެނެސްފައި ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.