ވަރުން ދަވަން ފިލްމު ކުޅޭ އަގު ބޮޑުކުރީ ކަރަން ޖޯހަރް ބުނެގެން
ވަރުން ދަވަން ފިލްމު ކުޅޭ އަގު ބޮޑުކުރީ ކަރަން ޖޯހަރް ބުނެގެން

ޒުވާން ބަތަލު ވަރުން ދަވަން މީގެ ކުރިން ފިލްމެއް ކުޅެނީ އަށް ކްރޯޑު (80 މިލިއަން ރުޕީސް) އަށެވެ. ނަމަވެސް އެންމެ ފަހުން ނުކުތް "ޖުޅްވާ 2"ގެ ބޮޑު ކާމިޔާބީއާ އެކު ވަރުން ވަނީ ފިލްމު ކުޅެދޭ އަގު 13 ކްރޯޑު (130 މިލިއަން ރުޕީސް) އަށް ބޮޑުކޮށްފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި ވަރުން ފިލްމު ކުޅެދޭ އަގު ބޮޑުކުރީ އޭނާ ފިލްމު އިންޑަސްޓްރީއަށް ނެރެދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ކަރަން ޖޯހަރްގެ އިރުޝާދުގެ މަތިންނެވެ.

ވަރުން ބޮލީވުޑަށް ތައާރަފްކޮށްދިނީ "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ކަރަން އެވެ. މި ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވަނީ ވެސް ކަރަން އެވެ. އޭގެ ފަހުން ވަރުން މިހާތަނަށް ކުޅުނު ނުވަ ވަރަކަށް ފިލްމުގެ ތެރެއިން އެއްވެސް ފިލްމެއް ނާކާމިޔާބެއް ނުވެ އެވެ.

އެހެންކަމުން ވަރުން ވެފައިވަނީ ފިލްމީ ވިޔަފާރީގެ ރޮނގުން ބަލާއިރު މި ވަގުތު ބޮލީވުޑްގައި މަސައްކަތް ކުރާ ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ "ވިކޭ" އެކްޓަރަށެވެ.

ވަރުން އާ އެންމެ ގާތް ކުރަނީ ވެސް ރަންވީރު ސިންގެވެ. ނަމަވެސް "ބާޖީރާއޯ މަސްތާނީ"ގެ ބަތަލު ރަންވީރު ކުޅުނު އެންމެ ފަހު ތިން ފިލްމަށް ވެސް އޭނާ އަށް ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ ފައިސާ ދީފައިވަނީ އޭނާގެ މާކެޓް އަގަށް ވުރެ މާ މަދުންނެވެ.

ނަމަވެސް ވަރުން އާއި އޭނާގެ މެންޓޯ ކަރަން ޖޯހަރާ ދެމެދު ފައިސާގެ އެއްވެސް ކަހަލަ އެއްބަސް ވުމެއް ނެތެވެ. އެކަމަކު ކަރަންގެ ފިލްމުތައް ކޮންމެ އަގެއް ދިނަސް ވަރުން ކުޅެދޭނެ އެވެ. އަދި 2018 ގައި ކަރަންގެ ފިލްމެއް ކުޅުނަސް ވަރުން އަށް މިހާރު މާކެޓްގައި އޭނާގެ ހުރި އަގު ލިބޭނެ އެވެ.