29 ނޮވެމްބަރ 2017 - 10:50

މިސް ވޯލްޑް 2017ގެ ފަޚުރުވެރި ތާޖު 17 އަހަރަށް ފަހު އިންޑިއާއަށް ހޯދައިދިން 21 އަހަރުގެ ޒުވާން މާނޫޝީ ޝިލާ ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ ވިސްނުމެއް އަދި ނެތެވެ. ނަމަވެސް އާމިރު ޚާނާއެކު ފިލްމެއް ކުޅެން ލިބިއްޖެ ނަމަ ޔައެ ފިލްމެއް ގަބޫލުކުރާނެ ކަމަށް މާނޫޝީ ބުންޏެވެ.
އާމިރުގެ ފިލްމުތައް މާނޫޝީ އަށް ކަމުދާ އެންމެ ބޮޑު ސަބަަބަކީ އޭނާގެ ކޮންމެ ފިލްމަކީ ވެސް މުޖުތަމައުގައި ހުންނަ ކޮންމެވެސް މައްސަލަތަކަކަށް އަމާޒުކޮށް ތައްޔާރުކޮށްފައި ހުންނަ ފިލްމުތަކަށް ވުމެވެ. ޚާއްސަކޮށް އާމިރުގެ "ދަންގަލް" އަކީ މާނޫޝީގެ އެންމެ ފޭވަރިޓް ފިލްމެވެ. އަދި އެ ފިލްމެއްގެ ރިމޭކްގައި އޭނާ މަސައްކަތްކުރާ ނަމަ ކުރާނީ ވެސް "ދަންގަލް"ގެ ރިމޭކްގަ އެވެ.
އިންޑިއާގެ ހަރްޔާނާ ސްޓޭޓަށް ނިސްބަތްވާ މާނޫޝީ އަކީ ޑޮކްޓަރަކަށް ވުމަށް ކިޔަވާ ޒުވާނެކެވެ. އޭނާ ބޭނުންވަނީ އެމްބީބީއެސް ނިންމައި ހިތުގެ އޮޕަރޭޝަންތައް ކުރާ ސްޕެޝަލިސްޓަކަށް ވާށެވެ.
ނަމަވެސް ކިޔެވުން ވެސް މެދުކަނޑާލުމަށް ފަހު މާނޫޝީ އަށް ކުރިޔަށް އޮތް އަހަރު އުޅެން ޖެހޭނީ މިސް ވޯލްޑްގެ މަގާމާ އެކު އޭނާއަށް ހަވާލުވެފައިވާ މަސައްކަތްތައް ކުރުމަށް ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރާށެވެ. އޭނާއާ އެކު މި ދަތުރުގައި މިސް ވޯލްޑް މުބާރާތުގައި ބައިވެރިވި އެހެން ގައުމުތަކުގެ ރީތީގެ ރާނީން ވެސް ބައިވެރިވާނެ އެވެ.
މާނޫޝީ ދުނިޔޭގެ އެކި ބައްރުތަކުގެ އެކި ރަށްތަކަށް ގޮސް މާނޫޝީ މަސައްކަތް ކުރާނީ މައްސަރުކަންތައް ދިމާވެގެން އުޅޭ ދުވަސްވަރު ސާފުތާހިރުކަން ގެންގުޅެންޖެހޭ ގޮތްތައް އަންހެނުންނަށް ކިޔައިދީ އެމީހުން ހޭލުންތެރި ކުރުވުމަށެވެ.
މާނޫޝީ ބުނި ގޮތުގައި މިސް ވޯލްޑް މުބާރާތް ފެށުނުތާ ކުރީކޮޅު އެހެން ގައުމުތަކުން ގޮސް ތިބި ބައެއް ރީތީގެ ރާނީންނަށް އޭނާއަކީ ބޮލީވުޑް އެކްޓަރެއް ކަމަށް ހީވެގެން އުޅުނު ކަމަށެވެ. ނަމަވެސް ބޮލީވުޑް އަދި އޮތީ މާނޫޝީއާ ވަރަށް ދުރުގަ އެވެ.