28 ނޮވެމްބަރ 2017 - 11:44

ހަރާރޭ (ނޮވެމްބަރު 28) - ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އުފަން ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ޒިމްބާބުވޭ އިން ހަމަޖައްސައިފި އެވެ.
ޒިމްބާބުވޭގެ ރަސްމީ ނޫހުން ބުނީ މުގާބޭގެ އުފަން ދުވަސް ކަމަށްވާ ފެބްރުއަރީ 21 ވަނަ ދުވަސް ފާހަގަ ކުރާނީ "ރޮބަޓް މުގާބޭ ނޭޝަނަލް ޔޫތު ޑޭ" ގެ ގޮތުގައި ކަމަށެވެ.
މުގާބޭގެ އުފަން ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަން އެންމެ ބޮޑަށް ބާރު އަޅާފައި ވަނީ ޒަނޫ-ޕީއެފް ޕާޓީގެ ޔޫތު ލީގުންނެވެ. މުގާބޭގެ ވެރިކަމުގެ ފަހު ދުވަސްވަރު ވަނީ އެ ގައުމުގެ އެންމެ ބޮޑު އެއާޕޯޓަށް ރޮބަޓް މުގާބޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމުން ނަންދީފަ އެވެ.
މުގާބޭގެ ވެރިކަން ނިމުމަކަށް އައުމަށް މެދުވެރިވެފައި ވަނީ ސިފައިން ނުކުމެ މުގާބޭ ގޭ ބަންދުކުރި ހިސާބުންނެވެ. މުގާބޭ އިސްތިއުފާ ދެއްވީ އޭނާ ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ޕާލަމެންޓުން ކުރަމުން ދަނިކޮށެވެ. އިސްތިއުފާ އަށް މުގާބޭ އެއްބަސްވެވަޑައިގެންފައި ވަނީ 10 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް އެއްވެސް ފަރާތަކުން އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.
މުގާބޭގެ ވެރިކަމުގައި އެ ގައުމުގެ ވަރަށް ގިނަ އިމާރާތްތަކާއި މަގުތަކަށް ވެސް ވަނީ މުގާބޭގެ ނަމުން ނަންދީފަ އެވެ. ޒިމްބާބުވޭގެ ސްކޫލް އޮފް އިންޓަލިޖެންސްގެ ނަން ވެސް ވަނީ މުގާބޭގެ ނަމަށް ބަދަލުކޮށްފަ އެވެ. އަދި އެއް ބިލިއަން ޑޮލަރުގެ ރޮބަޓް މުގާބޭ ޔުނިވާސިޓީ އުފެއްދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ޒިމްބާބުވޭގެ އިދިކޮޅު ފަރާތްތަކުން ވަނީ ގައުމުގެ އިގްތިސާދު ހީނަރުވެފައި ވަނިކޮށް ބޭކާރު މަޝްރޫއުތަކަށް މުގާބޭގެ ވެރިކަމުގައި ފައިސާ އިސްރާފްކޮށްފައިވާތީ ފާޑުކިޔައިފަ އެވެ.