ރަންބީރާއެކު އާއިލީ ފިލްމެއް ކުޅެލަން ބޭނުން: ކަރީނާ
ރަންބީރާއެކު އާއިލީ ފިލްމެއް ކުޅެލަން ބޭނުން: ކަރީނާ

ކަޕޫރު އާއިލާގެ އެކްޓަރުންގެ ތެރެއިން ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ އެންމެ މަޝްހޫރު ދެ އެކްޓަރުންނަކީ ކަރީނާ ކަޕޫރާއި ރަންބީރު ކަޕޫރެވެ. ކަޕޫރު އާއިލާގެ ދެބެންގެ ދެ ދަރި މީހުންގެ ތެރެއިން އެންމެ ގާތްކަން ބޮޑީ ވެސް ކަރީނާ އާއި ރަންބީރުގެ އެވެ.

ރަންބީރާ އެކު ހަޔާތުގައި އެއް ފަހަރު ނަމަވެސް ފިލްމެއް ކުޅެލަން ލިބުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށް ކަރީނާ ގަބޫލުކުރެ އެވެ.

ދާދިފަހުން އޮތް އިވެންޓެއްގައި ކަރީނާ ގާތު، އޭނާއާ އެކުގައި ފިލްމެއް ކުޅެލަން ބޭނުންވާ އެންމެ ފޭވަރިޓް ކަޕޫރަކީ ކޮބައިތޯ ސުވާލުކުރުމުން ކަރީނާ ބުނީ ރަންބީރު ކަމަށެވެ.

"ރަންބީރަކީ އަހަރެންގެ ދެބެންގެ ދެދަރި ކޮއްކޮއެއްގެ އިތުރުން އިންޑިއާގައި މިހާރު ހުރި އެންމެ މޮޅު އެކްޓަރު. އެހެންވީމާ ކޮންމެވެސް އިރަކުން އޭނާއާ އެއް ފްރޭމެއް ޝެއާ ކޮށްލުމަކީ ލިބޭނެ ޝަރަފެއް،" ކަރީނާ ބުންޏެވެ.

ކަރީނާ ބުނި ގޮތުގައި ކޮންމެވެސް ދުވަހަކުން ރަންބީރާ އެކު ދައްތައަކާއި ކޮއްކޮއެއްގެ ގުޅުމުގެ މައްޗަށް އުފައްދާ ރީތި ފިލްމެއް ކުޅެލަން ބޭނުންވެ އެވެ.

"އަހަރެމެން ދެ މީހުން އެކުވުމުން ޖާދޫއެއް ފަދަ ގޮތެއް ހުރޭ. އަހަރެންގެ ދައްތަ (ކަރިޝްމާ) އާއެކު ވެސް މިހާތަނަށް ފިލްމެއްގައި ބައިވެރިވުމުގެ ފުރުސަތެއް ނުލިބޭ. އެހެންވީމާ ކޮއްކޮއާ އެކު ވަރަށް އަވަހަށް ފިލްމެއް ކުޅެން ލިބޭނެ ކަމަށް އުންމީދުކުރަން،" ކަރީނާ ބުންޏެވެ.

ފިލްމު އިންޑަސްޓްރީ އަށް ނުކުތްތާ ކުޑަ ދުވަސްކޮޅެއް ތެރޭގައި ރަންބީރު ކުރިއަރައި ގޮސް ކާމިޔާބު ހޯދި ގޮތަށް ތައުރީފުކުރަމުން ކަރީނާ ބުނީ އޭނާގެ އާއިލާއާ މެދު ވަރަށް ފަޚުރުވެރިވާ ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޖައިބެއް ކަހަލަ މޮޅު ރޯލުތަކެއް ރަންބީރު ކުޅެފައިވާ ކަމަށް ވެސް ކަރީނާ ބުންޏެވެ.