28 ނޮވެމްބަރ 2017 - 13:27

ވޭތުވެ ދިޔަ ދެ އަހަރު އެކަނި ވެސް ރާއްޖެ އަށް، 18،000 އެއްހާ ސައިކަލު އެތެރެ ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖޭގެ އެކި ކަންކަމާ ގުޅޭ، ވޭތުވެ ދިޔަ 10 އަހަރުގެ ތަފާސް ހިސާބުތައް ޝާއިއުކޮށްފައިވާ ސްޓެޓިކަލް ޕޮކެޓްބުކްގައިވާ ގޮތުން ރާއްޖެ އަށް ސައިކަލު އެތެރުކުރާ މިންވަރު ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ ދެ ގުނަ އަށް އިތުރުވެފަ އެވެ. އެ ގޮތުން 2015 ވަނަ އަހަރު ރާއްޖެ އަށް 10،000 އަށް ވުރެ ގިނަ ސައިކަލު އެތެރެ ކޮށްފައިވާ އިރު މިދިޔަ އަހަރު އެތެރެ ކުރީ 7،800 ސައިކަލެވެ.
މިއީ 2013 ވަނަ އަހަރާއި 2014 ވަނަ އަހަރާ އަޅައިބަލާ އިރު ވަރަށް ބޮޑު އަދަދެކެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާ ހަމަ އަށް ރާއްޖޭގައި 74،354 ސައިކަލު އެބަހުއްޓެވެ. ނަމަވެސް މީގެ ދިހަ އަހަރު ކުރިން، 2006 ވަނަ އަހަރު ރާއްޖޭގައި ހުރި ސައިކަލުގެ އަދަދަކީ 22،113 އެވެ.
ސްޓެޓިކަލް ޕޮކެޓްބުކްގައިވާ ގޮތުން 2010-2013 ވަނަ އަހަރު ރާއްޖެ އަށް އެތެރެ ކޮށްފައިވަނީ އަހަރަކު 3،000 ނުވަތަ 4،000 ސައިކަލެވެ. އަދި 2014 ވަނަ އަހަރު 5،700 ސައިކަލު އެތެރެ ކޮށްފައިވާ އިރު، 2015 ވަނަ އަހަރު ގާތްގަނޑަކަށް އޭގެ ދެ ގުނަ (10،070) އެތެރެ ކޮށްފައިވެ އެވެ.
މީގެ 10 އަހަރު ކުރިން، 2006 ވަނަ އަހަރު ރާއްޖެ އެތެރެކޮށްފައިވަނީ 4،600 ސައިކަލެވެ. އޭރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް އާއްމުކޮށް ރާއްޖެ އެތެރެ ކުރި ސައިކަލުގެ ނިސްބަތް އުޅެނީ އެ އަދަދުގަ އެވެ. އެކަަމަކު ޖެހިގެން އައި ތިން އަހަރު ސައިކަލު އެތެރެ ކުރި ނިސްބަތް ވަނީ އަހަރަކު 3،000 އަށް މަދުވެފަ އެވެ.
ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ރާއްޖެ އަށް ސައިކަލު އެތެރެ ކުރާ ނިސްބަތް ކުއްލިއަކަށް މާ ބޮޑަށް އިތުރުވީ، ސައިކަލުގެ ވިޔަފާރި ކުރާ މީހުން ތައާރަފް ކުރި އިންސްޓޯލްމެންޓް ސްްކީމްތަކުގެ ސަބަބުންނެވެ. އެގޮތުން އެކި މަސް މަހަށް ބަހާލައިގެން ދިގު މުއްދަތަކަށް މިހާރު ސައިކަލަށް ފައިސާ ދެއްކެ އެވެ.