29 ނޮވެމްބަރ 2017 - 06:45

"ބިގް ބޮސް"ގެ މިފަހަރުގެ ސީޒަންގެ ބައިވެރިންގެ މެދުގައި މިހާރު ވަނީ ވަރުގަދަ ދެކޮޅުވެރިކަމެއް ފެށިފަ އެވެ. ކޮންމެ ހާލެއްގައި ވެސް އަނެއް މީހާ ބަލިކޮށް އެ ގޭގައި ގާއިމުވެ ހުންނަން ކޮންމެ މީހަކުވެސް ބޭނުންވެ އެވެ.
ޕުނީޝް ޝަރުމާ އާއި އާކާޝް ދަދްލާނީގެ ގުޅުން މިދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް ގޯސްވެ އެންމެ ފަހުން ދެއްކި އެޕިސޯޑުގައި ޕުނީޝް ވަނީ އާކާޝްއާ ދިމާލަށް ފައިވާން ކިބަ ވެސް އެއްލައިފަ އެވެ. އަދި ޝޯއިން ނުކުމެގެން ދާނީ އާކާޝްގެ ބޯ ފަޅާލާފައި ކަމަށް ވެސް ޕުނީޝް ވަނީ އިންޒާރުދީފަ އެވެ. އަނެއްކޮޅުން ހިނާ ޚާން އާއި އަރްޝީ ޚާން ވަނީ ޝިލްޕާ ޝިންޑޭއާ ޒުވާބުކޮށްފަ އެވެ.
ކުރިޔަށް އޮތް އެޕިސޯޑްތަކުގައި މިއަށް ވުރެ މާ ވަރުގަދަ ޑްރާމާތައް ބިގް ބޮސްގެ ގެއިން ފެންނާނެ އެވެ. އެއީ ލަގްޒަރީ ބަޖެޓް ޓާސްކްގައި ވާދަކުރުމުގެ ތެރެއިންނެވެ. މި ޓާސްކްގައި ގޭގައި ތިބި ބައިވެރިން ދެ ބަޔަކަށް ބަހާލަ އެވެ. އެއް ގްރޫޕަށް ކިޔަނީ ލިލިޕުޓިއަންސް އެވެ. އަނެއް ގްރޫޕްގެ ނަމަކީ ޖައަންޓްސް އެވެ.
ލިލިޕިޓުއަންސް ގްރޫޕްގެ މީހުންނަށް ޖެހެނީ ފަހަރު މީހަކު ޕްލެޓްފޯމް މަތީގައި އޮށޯވެ ވާގަނޑަކުން އައްސާށެވެ. ޖަޔަންޓް ގްރޫޕްގައި ހިމެނޭ މީހުންނަށް ޖެހެނީ އެމީހާއަށް ކުރެވުނުހާ ޖެއްސުމެއް ކޮށްގެން އޭނާ އެ ޓާސްކް ދޫކޮށްލާވަރު ކުރާށެވެ.
މި ޓާސްކް ތެރޭގައި ހީނާ ވަނީ މުގުރާފައި ހުރި މިރުސް، ކާލްރާގެ ލޮލަށް އަޅައިފަ އެވެ. އަނެއްކޮޅުން އާކާޝް ދަދްލާނީ ވަނީ ވެކްސް ސްޓްރިޕްސް ބޭނުންކޮށްގެން ހިތެން ތޭޖްވާނީގެ ފައި ވެކްސް ކޮށްފަ އެވެ. މި އެޕިސޯޑްގެ ޕްރޮމޯ މިހާރު ވަނީ ދައްކަން ފަށައިފަ އެވެ.
މި ހަފުތާގައި ބިގް ބޮސްގެ ގެއިން ބޭރުކޮށްލުމުގެ ނޮމިނޭޝަންގައި ހިނާ، ޕްރިޔަންކް، އާކާޝް އަދި ލަވް ނޮމިނޭޓްކުރަނީ ޕުނީޝް އާއި ބަންދަގީ އެވެ. ޕުނީޝް އާއި ބަންދަގީ ނޮމިނޭޓް ކުރަނީ ލަވް އާއި އާކާޝް އެވެ. ޝިލްޕާ ނޮމިނޭޓްކުރަނީ ލަވް އާއި ޕްރިޔަންކް އެވެ. ވިކާސް ނޮމިނޭޓްކުރަނީ ލަވް އާއި ހިނާ އެވެ. އަރްޝީ ނޮމިނޭޓްކުރަނީ ބަންދަގީ އާއި ޕުނީޝް އެވެ. ހިތެން ނޮމިނޭޓްކުރަނީ އާކާޝް އާއި ޕުނީޝް އެވެ.
އެންމެ ފަހުގެ ނޮމިނޭޓް އިއުލާން ކުރިއިރު މި ހަފުތާގައި ނޮމިނޭޓް ވެފައިވަނީ ލަވް އާއި ބަންދަގީ އަދި ޕުނީޝް އެވެ.