ނެތީ ވަސީލަތްތައް، ހުނަރުވެރި ފެތުންތެރިން ގިނަ: ސަޖަން
ނެތީ ވަސީލަތްތައް، ހުނަރުވެރި ފެތުންތެރިން ގިނަ: ސަޖަން

ރާއްޖޭގައި ހުނަރުވެރި ޒުވާން ގިނަ ފެތުންތެރިން އެބަތިބި ކަމަށާއި އެހެން ނަމަވެސް ރަނގަޅު ވަސީލަތްތަކެއް ނުލިބި ކުރިއަރަން އުނދަގޫތަކެއް ފެތުންތެރިންނަށް ހުރި ކަމަށް އެންމެ މޮޅު ފެތުންތެރިއާގެ މަގާމު މި އަހަރު ހޯދި އައިމިނަތު ސަޖަން ބުނެފި އެވެ.

ނެތީ ވަސީލަތްތައް، ހުނަރުވެރި ފެތުންތެރިން ގިނަ: ސަޖަން
ނެތީ ވަސީލަތްތައް، ހުނަރުވެރި ފެތުންތެރިން ގިނަ: ސަޖަން

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކޮންމެ އަހަރަކު ހޮވާ އެންމެ މޮޅު ފެތުންތެރިއާގެ މަގާމު އުމުރުން 24 އަހަރުގެ ސަޖަން އަށް ވަނީ ފަސް ފަހަރު ލިބިފަ އެވެ. ސަޖަން "މިހާރަ"ށް ބުނީ އެހާ ބޮޑު ކާމިޔާބީތައް ލިބެނީ ބޭރުން ލިބުނު ތަމްރީންތަކުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑަށް ލިބުނު ކާމިޔާބީ އަކީ ރަނގަޅު ޕޫލެއްގައި ރަނގަޅު ވަސީލަތްތަކެއްގެ އެހީގައި ޓްރެއިނިންތަކެއް ހަދާފައި ހުރުމުން ލިބޭ ކާމިޔާބީތަކެއް. އެ ޓްރެއިނިންތައް ނުލިބި އަޅުގަނޑަށް ވެސް މި ހިސާބަށް ނާދެވޭނެ. ފެތުންތެރިންނަށް ބޭނުންވަނީ ޕޫލެއް. އެއީ ހުނަރުވެރި ފެތުންތެރިން އެބަތިބި. އެކަމަކު ރަނގަޅު ވަސީލަތްތަކެއް ނުލިބި މި ކުދިން ކުރިނާރާނެ،" ދެ ފަހަރެއްގެ މަތިން އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލް ކޮށްފައިވާ ސަޖަން ބުންޏެވެ.

އޭނާ ބުނީ ރާއްޖޭން ބޭރުގައި ޓްރެއިނިން ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބެނީ މަދު އެތުލީޓުންނަށް ކަމަށް ވުމުން އެންމެ ފައިދާ ބޮޑު ގޮތަކީ އަމިއްލަ ގައުމުގައި ތިބެގެން ރަނގަޅު ޓްރެއިނިންއެއް ލިބުމުގެ ފުރުސަތު ފަހިވުމެވެ.

ސަޖަން ވަނީ މިދިޔަ އަހަރު ރާއްޖޭން ބޭރުގައި އޮތް ގިނަ މުބާރާތްތަކެއްގައި ގައުމީ ރެކޯޑް އާކޮށްފަ އެވެ. ސަޖަން އަކީ މިދިޔަ އަހަރު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 800 މީޓަރު ފްރީސްޓައިލް ފެތުމުގެ އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ހޯދައިދިން ފެތުންތެރިޔާ އެވެ. އެއާ އެކު އޭނާ ވެފައިވަނީ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުން ރާއްޖެ އަށް މެޑަލް ހޯދައިދިން ފުރަތަމަ ފެތުންތެރިޔާ އަށެވެ. ސަޖަންގެ މިހާރުގެ އުއްމީދަކީ އަންނަ އަހަރު އޮންނަ އޭޝިއަން ގޭމްސް އެވެ.

މިފަހަރު އެންމެ މޮޅު ފިރިހެން ފެތުންތެރިއަކަށް ހޮވުނީ ހަސަން އަޝްރަފް އެވެ. އޭނާ ވަނީ މިދިޔަ އަހަރު ރާއްޖޭގެ މުބާރާތްތަކުން އެންމެ މޮޅު ފެތުންތެރިޔަކަށް ވެސް ހޮވިފަ އެވެ.

ސީނިއާ ގުރޫޕުން ދެ ވަނަ ފެތުންތެރިޔާގެ މަގާމްވެސް ހޯދި އަޝްރަފު ވަނީ މިދިޔަ އަހަރު ލަންކާގައި ބޭއްވި އެއް ވަނަ ސައުތު އޭސިއަން އެކުއެޓިކްސް ޗެމްޕިއަންޝިޕްގައި 400 މީޓަރު މެޑްލީ ރިލޭއިން ގައުމީ ރެކޯޑް ވެސް އާކޮށްފަ އެވެ.