28 ނޮވެމްބަރ 2017 - 10:21

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 15 ބުރީގެ ހަތަރު ޓަވަރު އަޅައިދޭނެ ބަޔަކު ހޯދުމަށް ކަސްޓަމުން އިއްޔެ އިއުލާން ކޮށްފި އެވެ.

ހުޅުމާލޭގައި 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 25 ބުރީގެ 62 ޓަވަރު އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ފްލެޓްތައް އިމާރާތްކުރުމަށް ހަވާލު ކޮށްފައިވާ ސަރުކާރުގެ ކުންފުނިތަކުން މިހާތަނަށް އިއުލާން ކޮށްފައިވަނީ 15 ބުރީގެ ޓަވަރުތަކެއް އިމާރާތް ކުރުމަށެވެ.
ކަސްޓަމްސްގެ އިތުރުން އައިލެންޑް އޭވިއޭޝަނުގެ ތިން ޓަވަރާއި ސްޓެލްކޯގެ ދެ ޓަވަރު އަޅާނެ ބަޔަކު ހޯދުމަށް ވެސް މީގެ ކުރިން ވަނީ އިއުލާންކޮށްފަ އެވެ.
ކަސްޓަމުން ކުރި އިއުލާނުގައި ބުނެފައިވަނީ ޓަވަރު އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު ހަތަރު ވަނަ ދުވަހުގެ ކުރިން އެކަން ލިޔުމަކުން އެތަނަށް ހުށަހެޅުމަށެވެ. ކަސްޓަމުން އިމާރާތްކުރާ ޓަވަރުތަކުގެ އިތުރު އެހެން ތަފްސީލެއް އިއުލާނަކު ނެތެވެ.
ފްލެޓްތައް އަޅަން ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރީ، އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދޫކުރުމަށް ފަހު ބާކީ ހުންނަ ފްލެޓްތައް އާއްމުންނަށް ވިއްކާލެވޭ ގޮތަށެވެ.
ކަސްޓަމްސްގެ އިތުރުން އައިލެންޑް އޭވިއޭޝަނާއި ސްޓެލްކޯ އާއި އެސްޓީއޯ އާއި ފެނަކަ އާއި އެމްޑަބްލިއުއެސްސީ އަދި އެމްޕީއެލް ފަދަ ކުންފުނިތަކުން ވެސް ފްލެޓް އެޅުމަށް ވަނީ ހަވާލުވެފަ އެވެ.
ބޯހިޔާވަހިކަމަށް ހައްލު ހޯދަން ހުޅުމާލޭގައި 15،000 ފްލެޓް އަޅަން ނިންމާފައިވާއިރު، މި މަޝްރޫއު 2019 އަށް ނިމޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.