އެއްބަސްވުމާ ހިލާފަށް އަތުލާ ތަންތަން އަލުން ހޯދައިދޭނަން: އެމްޑީޕީ
އެއްބަސްވުމާ ހިލާފަށް އަތުލާ ތަންތަން އަލުން ހޯދައިދޭނަން: އެމްޑީޕީ

ސަރުކާރުން ގާނޫނުތަކާއި އެއްބަސްވުންތަކާ ހިލާފަށް އެކި ވިޔަފާރިވެރިންގެ އަތުން އަތުލާ ތަންތަން، ދެން އަންނަ ސަރުކާރެއްގައި އަލުން ރުޖޫއަކޮށްދޭނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިޔަފާރިތައް ހަލާކުކޮށްލައި، ބަނގުރޫޓުކޮށްލުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ވިޔަފާރިވެރިންގެ އަތުން އަތުލާ ތަންތަން ރުޖޫއުކޮށްދޭނީ، މި ސަރުކާރު ނިމި، އަލުން އުފައްދާ ސަރުކާރެއްގައި ކަމަށެވެ.

އެމްޑީޕީން ބުނީ ރައީސް ޔާމީން، ގާސިމްގެ ވިޔަފާރީގެ މުއާމަލާތްތަކާއި އެއްބަސްވުންތައް ރޫޅާލައި އެތައް މިލިޔަން ޑޮލަރަކުން ޖޫރިމަނާކޮށް، ވިޔަފާރިތައް ބަނގުރޫޓުކޮށްލުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ގާސިމަށް ޖަލު ހުކުމެއް ކޮށްފައި ވަނީ ގާނޫނުތަކާ ހިލާފަށް ކަމަށާއި މިއީ ސިޔާސީ އިދިކޮޅު ލީޑަރުން ނެތިކޮށްލުމަށް، މި ވެރިކަމުގައި ތަކުރާރުކޮށް ހިންގަމުންދާ ޖަރީމާގެ ބައެއް ކަމަށް ނޫސް ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ބުނިގޮތުގައި މި ސަރުކާރުން ގާސިމަށް ނުހައްގުން އަނިޔާދޭން ފެށީ، ރައްޔިތުންނަށާއި ގައުމަށް ސަރުކާރުން ދެމުންދާ ގެއްލުންތަކާ ދެކޮޅަށް ތެދުވެވަޑައިގަތުމުންނެވެ. އެ ބަޔާނުގައި އެމްޑީޕީން ވަނީ ސަރުކާރުގެ މި އަމަލުތައް ކުށްވެރިކޮށް، އެކަން ހުއްޓާލުމަށް ގޮވާލައިފަ އެވެ.

ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ގާސިމް މިހާރު ހުންނެވީ ސިންގަޕޫރުގަ އެވެ. ނަމަވެސް ޓްރެވަލް ޑޮކިއުމެންޓްގެ މުއްދަތު ހަމަވާތީ އެ މުއްދަތު އިތުރުކޮށް ދިނުމަށް ކަރެކްޝަނަށް ސިޓީ ފޮނުވުމުން، އެކަން ނުކޮށްދެވޭނެ ކަމަށް އަންގާފައިވާތީ ގާސިމްގެ ވަކީލުންގެ ޓީމުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ގާސިމް ރާއްޖެ ވަޑައިގަތުމުގެ ކަންކަން ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދަން ކަރެކްޝަންސް އިން އަންގާފައިވާ ކަމަށް ވެސް ވަކީލުން ބުންޏެވެ.