27 ނޮވެމްބަރ 2017 - 15:26

ހއ. އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި މިދިޔަ ޖޫން މަހު އިސްމާއިލް އުމަރު (އިއްސެ) މަރާލި ގޮތް، އޭނާގެ މަރުގެ ދައުވާ ލިބޭ ބިދޭސީމީހާގެ ދުލުން ތަފްސީލްކޮށް ކްރިމިނަލް ކޯޓުގައި މިއަދު ކިޔައިދީފި އެވެ.

އައިސް ޕްލާންޓްގައި މަސައްކަތް ކުރި ޅ. ހިންނަވަރު މީހެއް ކަމަށްވާ އިއްސެ އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އޭނާއާ އެކު އެތަނުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ސުމޮން މިއާގެ މައްޗަށެވެ. ތަހުގީގުގައި ވެސް ކުށަށް އިއުތިރާފް ވެފައިވާ ސުމޮން ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ވެސް ކުށަށް އިއުތިރާފްވެ، އެކަން ކުރި ގޮތާއި ސަބަބު ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ. ސުމޮން ދައުވާ އަށް އިއުތިރާފްވީ އޭނާގެ ދިފާއީ ވަކީލުގެ ވެސް ހާޒިރުގަ އެވެ.
ތަރުޖަމާނެއްގެ އެހީގައި ވާހަކަ ދައްކަމުން ސުމޮން ބުނީ އިއްސެ މަރާލަން ނިންމީ އޭނާ އައިސް ޕްލާންޓްގައި މަސައްކަތް ކުރަން ބޭނުން ނުވާތީ، އޭނާ ފެލިވަރު އައިސް ޕްލާންޓަށް ބަދަލުވާން ބޭނުންވާ ކަން އިއްސެ އަށް އެނގުމުން، ސުމޮން ކުރާ ކަންކަމާ މެދު އިއްސެ އަބަދު ޝަކުވާކޮށް، ޒުވާބުކުރާތީ ކަމަށެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި ސުމޮން ބުނީ ބަންގްލަދޭޝްގައި ހުރި އޭނާގެ އަންހެނުންނަށް ގުޅާތީ އެކަމާ މެދު އިއްސެ އަބަދު ޒުވާބު ކުރުމެވެ.
އަންހެނުންނަށް ގުޅާތީ އިއްސެ ރުޅި އަންނަކަން އަންހެނުންނަށް އެނގުމުން، ބަންގްލަދޭޝްގައި ހުރި ސުމޮންގެ ގޭގައި ހުރި އަންހެނުން އެ ގެއިން ނުކުމެގެން ދިޔައީ ކަމަށާއި އޭގެ ފަހުން އޭނާގެ ފޯނަށް ނުވެސް ގުޅޭ ކަމަށް ސުމޮން ބުންޏެވެ.
"އެކަމާ ހެދި ސުމޮންގެ މައިންބަފައިން ދޫކޮށްފައި އަންހެނުން ގެއިން ނިކުމެގެން އޭނާގެ ގެއަށް ގޮސްފައި ގުޅީމަ ފޯނަށް ޖަވާބެއް ވެސް ނުދޭ. އެ ހިސާބުން ނިންމީ އިއްސެ މަރާލަން ޕްލޭން ރާވަން،" ތަރުޖަމާނެއްގެ އެހީގައި ސުމޮން ބުންޏެވެ.
މީގެ އިތުރުން ސުމޮން އަށް ލިބެންޖެހޭ އިތުރު ގަޑީގެ ފައިސާ ނުދޭ ކަމަށް ވެސް ބުންޏެވެ.
އިއްސެ މަރާލުމުގެ ދެތިން ދުވަސް ކުރިން ފިލައިގެން ގޮސް ސުމޮން އެހެން ތަނެއްގައި އުޅުނީ ވެސް އެހެންވެ ކަމަށް އޭނާ ބުންޏެވެ. ސުމޮން ބުނިގޮތުގައި ފިލައިގެން ގޮސް އޭރު ސުމޮން ހުރީ އައިސް ޕްލާންޓާ އެހާ ދުރު ނޫން ހިސާބެއްގައި ހުރި ތަނެއްގަ އެވެ. ސުމޮން ބުނީ އޭނާ ނިންމައިގެން ހުރީ އިއްސެ މަރާލުމަށް ފަހު ބަންގްލަދޭޝް އަށް ފިލައިގެން ދިއުމަށެވެ.
ސުމޮން ބުނި ގޮތުގައި އިއްސެ މަރާލަން އެންމެ ފުރަތަމަ ރޭވީ އިއްސެ ނިދާފައިި އޮއްވައި ވާގަނޑަކުން ކަރަށް ބާރުކޮށްގެންނެވެ. އެކަމަށް، 12 ވަރަކަށް ފޫޓްގެ ދިގު ވާގަނޑެއް ހޯދި ކަމަށާއި އެކަމަކު ވާގަނޑު ކަރަށް ބާރު ނުވަނީސް އިއްސެ އަށް ހޭލެވިދާނެތީ، ދެން އައި ވިސްނުމަކީ ވަޅިއަކުން ހަމަލާދިނުން ކަމަށް ސުމޮން ބުންޏެވެ. އެހެންވެ، އެކަމަށްޓަކައި ހޯދީ އައިސް ޕްލާންޓްގައި ބޭނުން ނުކޮށް އޮތް އާ ވަޅިއެކެވެ.
އިއްސެ މަރާލަން، އިއްސެ ނިދާފައި އޮތް ކޮޓަރިއަށް ސުމޮން ވަނީ ފަތިހުގެ ވަގުތެއްގަ އެވެ. އެ ކޮޓަރި އަށް އޭނާ ވަނީ ވަޅި އާއި ކުރިން ގެނައި ވާގަނޑު ވެސް ހިފައިގެންނެވެ. ސުމޮން ބުނީ އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ ކޮޓަރީގައި ހުރި އެނދެއްގައި އަރިއަކަށް ނިދާފައި އޮތް އިއްސެގެ ކަރު ދަށުން ވާގަނޑު ގެންގޮސް، ކަރަށް ބާރު ކުރުމަށެވެ. އެކަމަކު އެކަން ކާމިޔާބުނުވީ ކަމަށް ސުމޮން ބުންޏެވެ.
"ވާގަނޑު ދިގުކަމުންނާ ވެސް އެކު، އެ ވާގަނޑު ބާރު ނުވަނީސް އިއްސެ އަށް ހޭލެވުނީ. ހޭލެވުނީމަ ސުމޮން ގައިގައި އަތުން ތަޅަން ފެށީ،" ޖަލު ހެދުމުގައި ކުރިމައްޗަށް ބިޑި އަޅުވައިގެން ކޯޓަށް ހާޒިރުކޮށްފައި ހުރި ސުމޮން ބުންޏެވެ.
އިއްސެ އަށް ހޭލެވިގެން، ދިފާއުގައި ސުމޮން ގައިގައި އަތުން ތަޅަން ފެށިއިރު ސުމޮން ގެނައި އެއް ފޫޓަށް ވުރެ ދިގު ވަޅި އޮތީ އިއްސެ އޮތް އެނދުގެ މަތީ ބައިގައި ބާއްވައިފަ އެވެ. އެ ވަޅި އެތަނުގައި އޮތްކަން ހަނދާންވުމާ އެކު ވަޅި ނަގައި އެންމެ ފުރަތަމަ ވަޅި ހެރީ އިއްސެގެ ވައަތަށް ކަމަށް ސުމޮން ބުންޏެވެ.
ދެވަނަ ހަމަލާ ދިނީ އިއްސެގެ ކޮނޑުހުޅަށް ކަމަށާއި އެކަމަކު ތިން ވަނަ ހަމަލާއެއް ނުދެވެނީސް ސުމޮން އަތުން އިއްސެ ވަޅި އަތުލި ކަމަށް ސުމޮން ބުންޏެވެ. ނަމަވެސް ސުމޮން އަނެއްކާވެސް އެ ވަޅި އަތުލީ ކަމަށާއި ވަޅި އަތުލަން އުޅުމުގެ ތެރޭގައި ސުމޮންގެ އަތް ވެސް ކަފައިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ. އިއްސެގެ ކަރަށް ދިން ފުރަތަމަ ހަމަލާ އަމާޒުކުރީ އޭގެ ފަހުންނެވެ.
"އެއްޗަކުން ކަނޑާލާ ގޮތަށް ވަޅިން ކަރުގައި ޖެހީ. އެއްފަހަރު ޖަހާފައި ސުމޮން ބޯ ގޮވާފައި ހުރީމަ ދެވަނަ ފަހަރަށް ވެސް ކަރުގައި އެގޮތަށް ވަޅިން ޖެހީ،" މަސްކަނޑާ ވައްތަރުގެ ވަޅިން އިއްސެގެ ކަރަށް ދިން ހަމަލާ ކިޔައިދެމުން ސުމޮން ބުންޏެވެ.
އޭނާ ބުނިގޮތުގައި އިއްސެ އެނދުން ވައްޓާލުމަށް ފަހު، ތިން ވަނަ ފަހަރަށް ވެސް އިއްސެގެ ކަރަށް ވަޅިން ހަމަލާދިނެވެ. އަތުންނާއި ފައިން ވެސް ތެޅި ކަމާށާއި އެކަމަކު އޭރު ވެސް އިއްސެ މަރުނުވާ ކަމަށާއި އެކަން އެނގެނީ އިއްސެގެ އަތް ހަރަކާތް ކުރާތީ ކަމަށް ސުމޮން ބުންޏެވެ. އިއްސެ ކޮންމެވެސް އެއްޗެހިތަކެއް އެވަގުތު ކިޔަމުން ދިޔަޔަސް ސުމޮން ބުނިގޮތުގައި އިއްސެ ކިޔަމުންދިޔަ އެއްޗެއް ސާފެއް ނުވެ އެވެ.
ސުމޮން ބުނިގޮތުގައި އެ ހަމަލާއަށް ފަހު އޭނާ އެތަނުން ނިކުމެގެން ދިޔައީ އެ ކޮޓަރިއަށް އިތުރު ބަޔަކު ނުވަނދެވޭނެ ހެނެއް ހުރިހާ ތަނެއް ތަޅުލުމަށް ފަހު އެވެ. ސުމޮން އެތަނަށް ވަދެ ނުކުމެ ހަދަނީ ފާޚާނާގެ ފެންލައިޓުންނެވެ.
އެ އަމަލަށް ފަހު، ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ކުރިން ސުމޮން ނުކުމެގެން ދިޔައީ އެ ރަށުގައި ދިރިއުޅޭ ބިދޭސީއެއްގެ ކައިރިއަށެވެ. އިއްސެއާ އެކު މާރާމާރީ ހިންގި ކަމަށް އެ ބިދޭސީމީހާ ގާތު ބުންޏަސް އިއްސެ މަރާލި ވާހަކަ ނުބުނާ ކަމަށް ސުމޮން ބުންޏެވެ. އެ ބިދޭސީމީހާ ކައިރިން އެދިގެން ލޯންޗެއް ހަމަޖައްސަން މަސައްކަތް ކުރި ކަމަށާއި އެގޮތުން ހއ. އަތޮޅުގައި ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަލީ ނަމަކަށް ކިޔާ ބިދޭސީއަކަށް އޭނާ ގުޅި ކަމަށް ސުމޮން ބުންޏެވެ.
ސުމޮން ބުނީ އިއްސެގެ ހަށިގަނޑަށް ކޮންމެވެސް ގޮތެއް ހެދުމަށްޓަކައި އެ ދުވަހުގެ ހެނދުނު އަނެއްކާވެސް އޭނާ ވަނީ އައިސް ޕްލާންޓަށް ވަދެފަ އެވެ. އޭނާއާ ދިމާވި ބިދޭސީއެއް ގާތު ވެސް އެތަނަށް އޭނާއާ އެކު ވަނުމަށް އެދުނަސް އެ މީހާ އެކަމަށް ދެކޮޅު ހެދުމުން ސުމޮން ދިޔައީ އެކަންޏެވެ. ސުމޮން ބުނިގޮތުގައި ފާޚާނާގެ ފެންލައިޓުން އެ ކޮޓަރިއަށް ވަތްއިރު އިއްސެގެ ހަރަކާތެއް ނެތް ކަމަށާއި ހަމަލާ ދިނުމަށް ބޭނުންކުރި އާލާތްތައް އޭރު ވެސް ކޮޓަރީގައި ހުއްޓެވެ.
ސުމޮން ކިޔަދިން ގޮތުގައި އެތަނަށް ވަނުމަށް ފަހު އިއްސެގެ ހަށިގަނޑު ދަމާފައި އޭނާ ގެންދިޔައީ އައިސް ޕްލާންޓްގައި ލޮނު އަޅާފައިހުރި ޓޭންކެއް ކައިރިއަށެވެ. އޭނާ މަސައްކަތް ކުރީ އިއްސެގެ ހަށިގަނޑު އެ ޓޭންކް ތެރެއަށް ވައްޓާލުމަށް ކަމަށާއި އެކަން ކާމިޔާބު ނުވީ އެކަމަށް އޭނާ އަށް އެހީވާން އިތުރު މީހަކު ނެތުމުން ކަމަށް ސުމޮން ބުންޏެވެ. އެހެންވެ، ސުމޮން ވަނީ އެތަނުގައި ހަށިގަނޑު ބޭއްވުމަށް ފަހު، ހަމަލާދިން ވަޅި އެ ޓޭންކް ތެރެއަށް ވައްޓާލައިފަ އެވެ. އޭގެ ފަހުން، އިއްސެގެ ހަށިގަނޑު ދަމާފައި ގެންދިޔަ ތަނުގައި ހުރި ލޭތައް ކޮންމެވެސް ވަރަކަށް ސާފުކުރީ ކަމަށް ސުމޮން ބުންޏެވެ.
އެތަނުން ނިކުތުމުގެ ކުރިން ސުމޮން ވަނީ އިއްސެގެ ވޮލެޓާއި އިއްސެ ގެންގުޅޭ ފޯނު ވެސް ނަގައިފަ އެވެ. އިހަވަންދު އަށް ދިޔަ ލޯންޗެއްގައި އޭނާ ކުޅުދުއްފުށްޓަށް ގޮސް މަސައްކަތް ކުރީ އަވަހަށް މާލެ ދެވޭނެ ގޮތެއް ހެދުމަށެވެ. އެކަމަށްޓަކައި، އެ ރަށުގައި މަސައްކަތްކުރާ ބައެއް ބިދޭސީންގެ އެހީތެރިކަން ހޯދި ކަމަށް ސުމޮން ބުންޏެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އެރޭ ކުޅުދުއްފުށިން މާލެ ދާން އޮތް ބޯޓަކުން ފުރަން ތައްޔާރުވަމުން ދަނިކޮށެވެ. އޭނާ ހައްޔަރުކުރީ ކުޅުދުއްފުށީ ސައި ހޮޓަލެއްގައި ޗާޖަށް ޖަހާފައި އޮތް އޭނާގެ ފޯނު ނަގަން ދަނިކޮށެވެ.
ސުމޮން ދައުވާ އަށް އިއުތިރާފްވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ އާއި ސުމޮންގެ އެ ވާހަކަތަކަކީ ތެދު ހަގީގަތެއްގެ މައްޗަށްވާ އިއުތިރާފެއްތޯ ގާޒީ އަލީ އާދަމް ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ސުމޮން ބުނީ އެއްވެސް މަޖުބޫރު ކަމެއް އޭނާއަށް ނެތް ކަމަށާއި އޭނާ ކިޔައިދިން ވާހަކަތަކަކީ ތެދު ހަގީގަތެއް ކަމަށެވެ.
ސުމޮންގެ ދިފާއީ ވަކީލް ވިދާޅުވީ ސުމޮންގެ ވާހަކަތަކާ ގުޅިގެން އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށާއި ހުށަހަޅާނެ ދިފާއީ ހެއްކެއް ވެސް ނެތް ކަމަށެވެ.
ސުމޮން ދައުވާ އަށް އިއުތިރާފްވިޔަސް ދައުލަތުން ބޭނުންވީ ސުމޮންއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމަށެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ އެއީ މަރުގެ މައްސަލައަކަށް ވާތީ އެ މައްސަލައަކީ މަތީ ކޯޓުތަކުން ވެސް ގޮތެއް ނިންމަންޖެހޭ މައްސަލައަކަށްވުމެވެ.
އެހެންވެ ގާޒީ އަލީ އާދަމް އެންގެވީ ހަތް ދުވަސް ތެރޭގައި ލިޔުމުން ހެކި ހުށަހެޅުމަށެވެ. އަދި ހެކިބަސް ނެގުމުގެ އަޑުއެހުން އަންނަ ޖެނުއަރީ މަހު ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.