27 ނޮވެމްބަރ 2017 - 13:44

ރިޔާޒް (ނޮވެމްބަރު 27) - ދުނިޔެ އިން ޓެރަރިޒަމް ފުހެލެވެންދެން އިސްލާމިކް މިލިޓަރީ ކޯލީޝަނުން މަސައްކަތް ކުރާނެ ކަމަށް ސަައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.
"އިސްލާމް ދީނުގެ ސުލްހަ ނަގާލަން ޓެރަރިސްޓުންނަށް ފުރުސަތެއް ނުދޭނަން. މިއަދު ދޭން ބޭނުން ވަނީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ކަމުގެ މެސެޖް،" ސައުދީގައި އިއްޔެ ފެށި އިސްލާމިކް މިލިޓަރީ ކައުންޓަ ޓެރަރިޒަމް ކޯލީޝަނުގެ ބައްދަލުވުމުގައި މުހައްމަދު ވިދާޅުވި އެވެ. "ޓެރަރިޒަމް ނެތި ދަންދެން މި ކޯލީޝަނުން މަސައްކަތް ކުރާނެ."
ޕްރިންސް މުހައްމަދުގެ ބެއްލެވުމުގެ ދަށުން އިސްލާމިކް ކޯލީޝަން 2015 ވަނަ އަހަރު އުފެއްދި އިރު 41 ގައުމު ހިމެނެ އެވެ. ކޯލީޝަން އުފެއްދި އިރު ގަތަރު ހިމެނުނު ނަމަވެސް މި ފަހަރުގެ ބައްދަލުވުމުގައި ގަތަރު ބައިވެރިކޮށްފައެއް ނުވެ އެވެ. އަދި ގަތަރުގެ ދިދަ ވެސް ބައްދަލުވުމުގައި ނެތެވެ. ގަލްފުގެ ހަތަރު ގައުމަކުން މި އަހަރުގެ ޖޫން މަހު ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާ ވެސް ހިމެނެ އެވެ. ގަތަރާ ގުޅުން ކަނޑާލާފައި ވަނީ އެ ގައުމުން ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ އެވެ.
ޓެރަރިޒަމާ ދެކޮޅު އިސްލާމީ ކޯލީޝަނުގައި އީރާނާއި ސީރިއާ އަދި އިރާގު ނުހިމެނެ އެވެ. ކޯލީޝަނުގެ ކޮމާންޑަ-އިން-ޗީފްގެ މަގާމަށް ހަމަޖައްސާފައި ވަނީ ޕާކިސްތާނުގެ ރިޓަޔާޑް ޖެނެރަލް ރަހީލް ޝާރިފެވެ.