27 ނޮވެމްބަރ 2017 - 13:21

ހަރާރޭ (ނޮވެމްބަރު 27) - އެކުގައި އެންމެ ވަފާތެރިންގެ ގޮތުގައި ތިބި މީހުން ފަހު ވަގުތު ދެކޮޅުވެ، ވެރިކަން ދޫކޮށްލަން ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ އެއްބަސްވެވަޑައިގެންނެވި ވަގުތު އޭނާ ކީރިތި ކުރެއްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މުގާބޭގެ އެންމެ އަރިސް މީހުންނާ ހަވާލާދީ ސްޓެންޑާޑް ނޫހުން ބުނީ އިސްތިއުފާ ދެއްވަން އެއްބަސްވުމަށް ފަހު މުގާބޭ އިސްދަށަށް ޖައްސަވާ ކީރިތި ކުރެއްވި ކަމަށެވެ. އަދި އަރިހުގައި އުޅުއްވި މީހުންނަކީ "ކުލަ ބަދަލުކުރާ ބޮނޑުތަކެއް ފަދައިން" ބޭވަފާތެރި ބައެއް ކަމަށް ވިދާޅުވި އެވެ.
އުމުރުން 93 އަހަރުގެ މުގާބޭ އިސްތިއުފާ ދެއްވަން މެދުވެރިއެއްގެ ރޯލު އަދާކުރި ފާދިރީ ފިޑެލިސް މުކޮނޯރީއާ ހަވާލީ ސަރުކާރުގެ ނޫސް ސަންޑޭ މެއިލް އިން ބުނީ އިސްތިއުފާގެ ސިޓީގައި މުގާބޭ ސޮއިކުރެއްވި އިރު އިންނެވީ ވަރަށް ބޮޑަށް މާޔޫސްވެ ހާސްވެފައި ކަމަށެވެ.
މުގާބޭގެ 37 އަހަރުގެ ވެރިކަން ނިމުމަކަށް އައީ ސިފައިން ނުކުމެ މުގާބޭ ގޭ ބަންދުކުރި ހިސާބުންނެވެ. މުގާބޭ އިސްތިއުފާ ދިނުމަށް 10 މިލިއަން ޑޮލަރު ހުށަހެޅި ކަމަށް ބުނާ ރިޕޯޓްތައް މުކޮނޯރީ ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ނަމަވެސް މުގާބޭ އާއި އަނބިކަނބަލުން ގްރޭސް، 52، އަށް ހިމާޔަތް ދީ އެ ދެމަފިރިންގެ މައްޗަށް ދައުވާ ނުކުރަން ސިފައިން ވަނީ އެއްބަސްވެފަ އެވެ.
މުގާބޭ އަށް ފަހު ޒިމްބާބުވޭގެ ވެރިކަމާ ހަވާލުވެފައި ވަނީ މުގާބޭއާ އެކުގައި 52 އަހަރު ހޭދަކުރެއްވި ކުރީގެ ނައިބް ރައީސް އެމާސަން ނަންގަގްވާ އެވެ.