29 ނޮވެމްބަރ 2017 - 06:42

ސްމާޓް ޓެކްނޮލޮޖީއާ އެކު ހުރިހާ ކަމެއް ބަދަލުވަމުން އަންނައިރު އެންމެ ބޮޑު އިންގިލާބެއް ފެންނަނީ ސަލާމަތީ ކަންކަމާ ގުޅުން ހުރި ތަކެތިންނެވެ. މިއީ ވެސް އޭގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މިއީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ހުޅުވާލެވޭ އަދި އެ ދޮރުން ވަންނަނީ ކާކުކަން ކޮންމެ ތަނެއްގައި ހުރެގެން ވެސް ބަލައިލެވޭ ތަޅެކެވެ.
"ގޭޓް ލެބްސް" އިން ތައްޔާރުކުރި މި ތަޅުގައި އިހުގެ ތަޅުތަކުގައި ހުންނަ ގޮތަށް، ތަޅުވަޅާއި ފަހުގެ ތަޅުތަކުގައި ހުންނަ ފިތްބަރި ވެސް ހިމެނެ އެވެ. އެކަމަކު މިއީ ކެމެރާއަކާއި މައިކަކާއި ސްޕީކަރެއް ވެސް ހިމަނައިގެން އުފައްދާފައިވާ އެއްޗެކެވެ.
މީގެ ތަޅު މަސައްކަތްކުރަނީ ސްމާޓްފޯން އެޕެއްކަމަށްވާ "ގޭޓް ޑޯ އެޕް" ގެ އެހީގައެވެ. ގޭޓް ލޮކްގައި ހިމެނޭ ކޯލް ފިތަށް އޮބާލުމުން ގޭގެ ވެރިޔާގެ ސްމާޓްފޯނަށް ގޭޓް ޑޯ އެޕްގެ ތެރެއިން ކޯލެއް އަންނާނެ އެވެ. އެ ކޯލަށް ގޭގެ ވެރިމީހާ ޖަވާބުދޭނީ ވީޑިޔޯ ކޯލަކުންނެވެ. ކޯލް ފިތަށް ފިތާނުލިޔަސް، ދޮރުމައްޗަށް މީހަކު އަރާ ކަމުގެ އިޝާރާތެއް އެޕްގެ އެހީގައި، ގޭގެ ވެރިޔާއަށް އަންގައިދޭނެ އެވެ.
މި ގޭޓް ލޮކްގެ އެންމެ ހާއްސަ އެއް ސިފައަކީ ދޮރުމައްޗަށް އަރާ މީހާ، ތަޅުގައި އިންނަ މޯޝަން ޑިޓެކްޓަރުގެ އެހީގައި ދެނެގަނެ، ވީޑިޔޯ މެދުވެރިކޮށް އެ މީހަކާ ވާހަކަ ދެކެވި އަދި އިތުބާރު ހިފޭ މީހަކު ނަމަ، ދުނިޔޭގެ ކޮންމެ ތާކު ހުރެގެން ވިޔަސް އެމީހަކަށް ދޮރު ހުޅުވާލަދެވޭ ކަމެވެ.
މީގެ އިތުރުން، އެއްފަހަރު ބޭނުންކޮށްލެވޭނެ ޕާސްކޯޑެއް، ގެޔަށް އަންނަ މީހާގެ ފޯނަށް ފޮނުވައިވެސް ލެވޭނެ އެވެ. މިއީ ގެޔަށް އެއްޗެއް ހިފައިގެން އަންނަ މީހުންނަށް ނުވަތަ ކަމަކު ވަދެލަން ބޭނުންވާ މީހާއަށް އެއްފަހަރު ދޮރު ހުޅުވާލަން ދެވޭ ހުއްދައެކެވެ. އެހެންވެ، ގެއިން ބޭރުގައި ނުވަތަ ރަށުން ބޭރުގައި ހުރި ނަމަވެސް ރަނގަބީލު އަޅާލުމާ އެކު އެއީ ކީއްކުރާ މީހެއްތޯ ބަލައިލެވި އެ މީހަކު ކަންތައް ކުރަންވީ ގޮތް ކިޔައިދެވޭނެ އެވެ.
ގެ ބަލަހައްޓަން ވަގުތީ ގޮތުން ހަވާލުކުރާ މީހަކަށް ވަގުތީ ގޮތުން ޕާސްކޯޑެއް ވެސް ހެދިދާނެ އެވެ.
މީގެ ގޭޓް ލޮކް 349 ޑޮލަރަށް ގަންނަން ލިބެ އެވެ.