28 ނޮވެމްބަރ 2017 - 07:13

ހޮލީވުޑް ކޮމެޑީ ސީރީޒެއް ކުޅުމުގެ ފުރުސަތު އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާ އަށް ލިބިއްޖެ އެވެ. ނަމަވެސް މި ޝޯ އުފައްދާ ފަރާތާ ކަޕިލް އަދި ބައްދަލެއް ނުކުރެ އެވެ.
ކަޕިލް މިވަގުތު ބުރަކޮށް އުޅެނީ އޭނާގެ އާ ފިލްމު "ފިރަންގީ" އަންނަ މަހުގެ 1 ވަނަ ދުވަހު ރިލީޒްކުރާތީ އެ ފިލްމުގެ ޕްރޮމޯޝަންގަ އެވެ.
"ފިރަންގީ"ގެ ޑައިރެކްޓަރު ރާޖީވް ދިންގްރާ ބުނި ގޮތުގައި ހޮލީވުޑް ކޮމެޑީ ސީރީޒެއް ކުޅުމަށް ކަޕިލް އަށް ފުރުސަތު ދީފައި ވަނީ ބޭޑް މާމާސް ކިޔާ ކުންފުންޏަކުންނެވެ. އެމީހުން ކުރިން އުފެއްދި ސީރީޒަކަށް ހޮލީވުޑް ސީރީޒެއް ކަޕިލް ލައްވާ ތައްޔާރުކުރަން އެ ކުންފުނިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށް ޑައިރެކްޓަރު ބުންޏެވެ.
އެ ސީރީޒްގައި ހޮލީވުޑް ތަރިއަކާއި އިންޑިއާގެ ތަރިއަކު ވެސް ބައިވެރިވާނެ ކަމަށްވެ އެވެ.
ރާޖީވް ދިންގްރާ އަކީ ސޮނީ ޗެނަލުން ވަރަށް ފަހަކާ ޖެހެންދެން ދެއްކި "ދަ ކަޕިލް ޝަރުމާ ޝޯ"ގެ ވެސް ކްރިއޭޓިވް ޑައިރެކްޓަރެވެ. އޭނާ ބުނި ގޮތުަގައި މިއީ ކެރިއަރުގައި ކުރިއަށްދާން ކަޕިލް އަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ. އަދި އެ ޝޯގެ ކޮންސެޕްޓް ވަރަށް މޮޅުކަމަށް ޑައިރެކްޓަރު ބުންޏެވެ.