"ޕަދްމާވަތީ"ގެ މައްސަލާގައި އާމިރު ޚާން ހުރީ ހަނު
"ޕަދްމާވަތީ"ގެ މައްސަލާގައި އާމިރު ޚާން ހުރީ ހަނު

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކުރި "ޕަދްމާވަތީ"ގެ މައްސަލައިން ބޮލީވުޑް މިހާރު ވަނީ ހާސްވެފަ އެވެ. މި ފިލްމުގެ މައްސަލަ ހޫނުވެ ބައެއް މީހުން ފިލްމުގެ ބަތަލާ ދީޕިކާ ޕަދުކޯން އާއި ޑައިރެކްޓަރު ބާންސާލީގެ ބޮލަށް އެތައް މިލިއަން ޑޮލަރެއް ދޭނެކަމަށް ފާޅުގައި ބުނަމުންދާއިރު ބޮލީވުޑްގެ އެންމެ ކުރީ ސަފުގައި އުޅޭ ބައެއް އެކްޓަރުން އެއްވެސް ނުބުނެ އެވެ.

ހިންދޫންގެ ގަބޫލުކުރުންތަކަކާ ފުށުއަރާ ގޮތަށް ފިލްމުގައި މަންޒަރުތަކެއް ދައްކާ ކަމަށް ބުނެ ފިލްމާ ދެކޮޅުހަދަމުން ދާތީ މިކަމާ ބެހޭ ގޮތުން އާމިރު ޚާނާ ނޫސްވެރިޔަކު ސުވާލުކުރުމުން އަޅައެއް ނުލި އެވެ.

އެކުގައި މަސައްކަތްކުރާ ބައެއް ފަންނާނުންނަށް ދޭ މަރުގެ އިންޒާރުތަކާ މެދު އެއްޗެއް ބުނަން ނޫސްވެރިން އެދުމުން ދެރަވެލާފައި އަނގައިން ނުބުނެ ދިޔައީ އެވެ. އިތުރު މައްސަލަތަކެއްގެ ތެރެއަށް ފުންމާލަން އާމިރު ބޭނުން ނުވަނީ ކަމަށް ވެދާނެ އެވެ.

ތަފާތު މައްސަލަތަކުގައި ޚިޔާލު ފާޅުކުރުމުން ލިބެނީ ލަނޑުކަން ބޮލީވުޑް ތަރި އާމިރަށް ވުރެ ރަނގަޅަށް ތަޖުރިބާ ކުރެވިފައިވާ އެކްޓަރަކު ވަރަށް މަދުވާނެ އެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ އަންހެނުން ކިރަން ރާއޯ ފާޅުކުރި ޚިޔާލެއްގެ ސަބަބުން އޭނާ އާއި އަންހެނުން އިންޑިއާ އިން ބޭރުކޮށްނުލީ ވެސް ހަމަ ކިރިޔާ އެވެ.

ކިރަން އޭރު ބުނީ ކެތްތެރިކަން ކޮޅުންލާ ވަރަށް އިންޑިޔާގެ މައްސަލަތައް ގޯސްވެ ގައުމުގެ ކުރިމަގާ މެދު ކަންބޮޑުވާ ކަމަށެވެ. ކިރަންގެ މި ވާހަކަތަކަށް އެ ގައުމުގެ ސިޔާސީ ޕާޓީތަކުގެ ވެރިން ރުޅިގަދަވެ ވަރަށް ވަރުގަދަ އިންޒާރުތައް ދީފައިވެ އެވެ.

އާމިރު ނޫނަސް އަމީތާބު ބައްޗަން، ޝާހްރުކް ޚާން ފަދަ ވަރަށް ގިނަ ތަރިން މިކަމާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަން ވަނީ އުޒުރުވެރި ވެފަ އެވެ. ނަމަވެސް ޓީވީ އާއި ފިލްމު އިންޑަސްޓްރީގެ އެންމެން ކަހަލަ ގޮތަކަށް މި މައްސަލައިގައި ބާންސާލީ އަށް ބައިއަތު ހިފާފައިވެ އެވެ.