މިފަހަރު ބިގް ބޮސްގެ ގެއިން ދާން ޖެހުނީ ސަޕްނާ އަށް
މިފަހަރު ބިގް ބޮސްގެ ގެއިން ދާން ޖެހުނީ ސަޕްނާ އަށް

މި ހަފުތާގައި "ބިގް ބޮސް"ގެ ގެއިން ދާން ޖެހޭނީ ސަޕްނާ ޗައުދަރީކަން، ޝޯ ބަލާ ގިނަ ބަޔަކަށް ކުރިން ވެސް އޮތީ ލަފާ ކުރެވިފަ އެވެ. ސަބަބަކީ ސަޕްނާއާ އެކު މިފަހަރު ނޮމިނޭޓްވި ހީނާ ޚާން، ޕްރިޔަންކް ޝަރުމާ އަދި ޝިލްޕާ ޝިންޑޭ އަކީ މަޝްހޫރުކަމުގެ ގޮތުން ބަލާއިރު އޭނާއަށް ވުރެ މާ ކުރީގައި އުޅޭ ބަޔަކަށް ވާތީ އެވެ.

ދާން ޖެހެނީ ސަޕްނާކަން އިއުލާން ކުރަމުން "ބިގް ބޮސް" ހޯސްޓް ސަލްމާން ޚާން ބުނީ މިހާރަށް ވުރެ ސްމާޓްކޮށް މި ގޭމް ކުރިއަށް ގެންދަން ބައިވެރިން ވިސްނަން ޖެހޭ ކަމަށެވެ. އަދި ރައްޓެހިންނަށްޓަކައި އަމިއްލަ ނަފްސު ގުުރުބާން ނުކުރުމަށް ސަލްމާން ނަސޭހަތްތެރިވި އެވެ.

ސަލްމާން މިހެން ބުނީ ހީނާ ބުނި ބުނުމަކަށް ލަވް ތިޔާގީ ސަލާމަތްކޮށްދިނީ ސަޕްނާ ކަމަށް ވެފައި އޭގެ ބަދަލުގައި އޭނާއަށް އެ ގެއިން ދާން ޖެހުމުންނެވެ.

ބިގް ބޮސްގެ ގެއިން ނުކުތުމަށް ފަހު އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ބިގް ބޮސްގެ ގެއިން ބޭރަށް ނުކުމެވި އަމިއްލަ މިނިވަންކަން އަނބުރާ ލިބުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ.

ހަރްޔާންވީ އަށް ނިސްބަތްވާ ނެށުންތެރިޔާ ސަޕްނާގެ ވިދުން ބިގް ބޮސް ފެށުނުތާ މާ ގިނަ ދުވަހެއް ނުވެ ވަނީ ފަނޑުވެގެން ގޮސްފަ އެވެ. ނަމަވެސް އޭނާގެ ގޭމް އޭނާ ބޭނުންވި ގޮތަށް ކުރިޔަށް ގެންދިޔަކަމަށް ސަޕްނާ ބުންޏެވެ.

ސަޕްނާ އަދިވެސް ބުނަނީ ބިގް ބޮސްގެ ގޭގައި ތިބި އެންމެންގެ ތެރެއިން އޭނާގެ އެންމެ ގާތް އެކުވެރިޔަކީ ހީނާ ޚާން ކަމަށެވެ. ނަމަވެސް ހީނާ ބޭނުން ގޮތަކަށް ސަޕްނާ އަށް ނުފޫޒު ފޯރުވަމުންދިޔަ ތަން ޝޯގެ ބެލުންތެރިންނަށް ވަރަށް ރަނގަޅަށް ވަނީ ފެނިފަ އެވެ.

އެކަމަކު ސަޕްނާ މި ވާހަކައާ އެއްބަހެއް ނުވެ އެވެ. އޭނާ ބުނީ އޭނާ އާއި ހީނާ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނީ ކަމަށާއި އޭނާ ކަންތައް ކުރީ އޭނާއަށް ފެންނަ ގޮތަށް ކަމަށެވެ. އަދި ޕުނީޝް އާއި ބަންދަގީ ކާލްރާ ފިޔަވައި އެހެން ހުރިހާ ބައިވެރިންނާ ވެސް ޝޯ ނިމޭ ފަހުން ވެސް ގުޅުން ބާއްވާނެ ކަމަށް ސަޕްނާ ބުންޏެވެ.