27 ނޮވެމްބަރ 2017 - 11:41

ހަރާރޭ (ނޮވެމްބަރު 27) - ޒިމްބާބުވޭގެ ވެރިކަން ދޫކޮށްލަން ރޮބަޓް މުގާބޭ އެއްބަސްވެވަޑައިގެންނެވީ 10 މިލިއަން ޑޮލަރަށް ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް އެއްވެސް ފަރާތަކުން އެ ވާހަކަ ޔަގީންކޮށްދީފައެއް ނުވެ އެވެ. މުގާބޭ އިސްތިއުފާ ދިނުމާ ގުޅޭ ގޮތުން ސިފައިންނާ އެކު މެދުވެރިއެއްގެ ރޯލު އަދާކުރި ފާދިރީ ފިޑެލިސް މުކޮނޯރީ ވެސް އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.
މުގާބޭ އިސްތިއުފާގެ ފެށުން އައިސްފައި ވަނީ ނައިބް ރައީސްގެ މަގާމުން އެމާސަން ނަންގަގްވާ ވަކި ކުރި ހިސާބުންނެވެ. އަނބިކަނބަލުން ގްރޭސް އަށް ވެރިކަމުގެ ބާރުތައް ދިނުމަށް މަގު ފަހިކުރުމުގެ ގޮތުން މުގާބޭ އެޅުއްވި މި ފިޔަވަޅާ ގުޅިގެން ސިފައިން އެންމެ ފަހުން ވަނީ ގައުމުގެ ކޮންޓްރޯލް ހޯދާ މުގާބޭ ގޭ ބަންދުކޮށްފަ އެވެ. އަދި މުގާބޭ އިސްތިއުފާ ދިނުމަށް ވަކި މުހުލަތެއްދީ އެ މުހުލަތުގައި އެކަން ނުކުރެއްވުމުން ޕާލަމެންޓުން ވަނީ މުގާބޭ ވަކި ކުރަން ނިންމައިފަ އެވެ. މުގާބޭ އިސްތިއުފާ ދެއްވީ އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ޕާލަމެންޓުން ކުރަމުން ދަނިކޮށެވެ.
އިސްތިއުފާ ދެއްވަން މުގާބޭ އެއްބަސްވެވަޑައިގެންނެވި ސަބަބުތަކުގެ ތެރޭގައި އޭނާ އަށް ހިމާޔަތް ދިނުމާއި ދައުވާ ނުކުރުން ހިމެނެ އެވެ.
މުގާބޭއާ ގާތްގުޅުން އޮންނަ މުކޮނޯރީ ބުނީ މުގާބޭ އާއި ގްރޭސް މިހާރު ތިއްބެވީ ހަރާރޭގައި ހުންނަ އެ މީހުންގެ ގޭގައި ކަމަށެވެ. އަދި ޒިމްބާބުވޭ ދޫކުރައްވާ ވަޑައިގަންނަވަން ނޫޅުއްވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"މުގާބޭ އަށް އެއްވެސް ހުށަހެޅުމެއް ހުށަހެޅިހެން ހިއެއް ނުވޭ. މުގާބޭ އިސްތިއުފާ ދެއްވީ ގައުމުގެ ލާބައަށް ޓަކައި،" މުކޮނޯރީ ބުންޏެވެ. "މުގާބޭ އިސްތިއުފާ ދެއްވުމަކީ ގައުމަށްޓަކައި އޭނާ ކުރެއްވި އެންމެ ރަނގަޅު ކަންތައް."
މުގާބޭގެ ތިމާގެ މީހަކު ބުނީ އިސްތިއުފާ ދެއްވި ފަހުން ވެސް މުގާބޭ އުޅުއްވަނީ އުފާވެރިކޮށް ކަމަށެވެ. އަދި އަނބިކަނބަލުން ގްރޭސް މިހާރު ވެސް އުޅުއްވަނީ ކުރިން އިއުލާންކޮށްފައިވާ އެއް ބިލިއަން ޑޮލަރުގެ ރޮބަޓް މުގާބޭ ޔުނިވާސިޓީ އުފެއްދުމުގެ ކަންތަކާ ކަމަށެވެ.
މުކޮނޯރީ ބުނީ ޒިމްބާބުވޭގެ ސިޔާސީ މައިދާނުގައި މުގާބޭ އަށް އަދިވެސް މުހިންމު ރޯލެއް އަދާކުރެވިދާނެ ކަމަށެވެ. އޭނާގެ ވިސްނުން އަދިވެސް ވަރަށް ތޫނު ކަމަށާއި އާ ރައީސް އަށް ލަފާ އަރުވަން މުގާބޭ ބޭނުންވާ ކަމަށް ވެސް މުކޮނޯރީ ބުންޏެވެ. އޭނާ ބުނީ އިސްތިއުފާއާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ކޮންމެ ދުވަހަކު ވެސް މުގާބޭއާ ބައްދަލު ކުރި ކަމަށެވެ.