27 ނޮވެމްބަރ 2017 - 10:46

ނޭޕްލްސް، އިޓަލީ (ނޮވެމްބަރު 27) - ޖޯޖީނިއޯގެ ހަމައެކަނި ގޯލުން 1-0 އިން އުދިނޭޒީ ބަލިކޮށް އިޓަލިއަން ލީގުގެ އެއް ވަނަ އަށް ނަޕޯލީ އަލުން ޖެހިލައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ކަލިއަރީ އަތުން 3-1 އިން މޮޅުވެ އިންޓަ ވަނީ ލީގުގެ އެއް ވަނަ އަށް އަރައިފަ އެވެ. އެހެން ނަމަވެސް ރޭގެ މެޗުން މޮޅުވުމުން ނަޕޯލީ އަށް ވަނީ ކުރިން އޮތް މަގާމު ލިބިފަ އެވެ. ނަޕޯލީ އެއް ވަނައިގައި އޮތީ 14 މެޗުން 38 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް އިންޓަ އަށް 14 މެޗުން ލިބުނީ 36 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ޔުވެންޓަސް ވަނީ ކްރޮޓޯން އަތުން ރޭ 3-0 އިން މޮޅުވެފަ އެވެ. ޔުވެންޓަސް އަށް ވަނީ 14 މެޗުން 34 ޕޮއިންޓް ލިބިފަ އެވެ.
އުދިނޭޒީ ދަނޑުގައި ކުޅުނު މި މެޗުން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ވަނީ ފެނިގެންގޮސްފަ އެވެ. ޖޯޖީނިއޯ މެޗުގެ 33 ވަނަ މިނިޓްގައި ނަޕޯލީގެ ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއެއްގެ ރިބައުންސް ބޯޅައަކުންނެވެ. މިއީ އުދިނޭޒީގެ އާ ކޯޗު މަސިމޯ އޮޑޯގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.
ރޭގެ މެޗަށް ފަހު ނަޕޯލީގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ އުދިނޭޒީ ދަނޑުގެ ހާލަތާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
"މިއީ އިޓަލީގެ އެއް ވަަނަ ޑިވިޝަން ފުޓްބޯޅަ ކުޅެން އެންމެ ކަމުދާ ފެންވަރަށް އޮތް ދަނޑެއް ނޫން. ބޯޅަ ކޮންޓްރޯލް ކޮށްލަން ވެސް ތިން ޓަޗް އެބަ ބޭނުންވޭ. މި ކަންތައްތަކަށް ފެޑެރޭޝަނުން އެބަޖެހޭ ސަމާލުވާން،" ސާރީ ބުންޏެވެ.
މިދިޔަ އަހަރު ސަމްޑޯރިއާ އަތުން ބަލިވެ ލިބުނު މާޔޫސްކަމުން ޔުވެންޓަސް އަރައިގަތީ އަމިއްލަ ދަނޑުގައި ކްރޮޓޯން އަތުން ހޯދި ފަސޭހަ މޮޅާ އެކު އެވެ. ޔުވެންޓަސްގެ ލަނޑުތައް ޖަހައިދިނީ މާރިއޯ މަންޒުކިޗް، މެހެދީ ބެނާޝިއާ އަދި ޑި ޝީލިއޯ އެވެ.