ސައިރިކްސް ކޮލެޖުން އާ ދެ ކޯހެއް ތައާރަފުކޮށްފި
ސައިރިކްސް ކޮލެޖުން އާ ދެ ކޯހެއް ތައާރަފުކޮށްފި

ސައިރިކްސް ކޮލެޖުން އާ ދެ ކޯހެއް އިއްޔެ ތައާރަފުކޮށްފި އެވެ.

އެ ކޮލެޖުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވަނީ މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން އިންޓަނޭޝަނަލް ޕްރޮގްރާމަކާއި މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަނެއް ކޯހެއް ތައާރަފުކޮށްފަ އެވެ.

މި ކޯސްތަކާ އެކު އެ ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ވަނީ، އަންނަ ޖެނުއަރީ ހަތަރު ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.

އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގެ ކޯސްތަކަށް ހުޅުވާލުމުގެ ގޮތުން އެ ކޮލެޖުން ވަނީ ޝިއާރެއް ވެސް ކަނޑައަޅައިފަ އެވެ. "ސިޓިޒަން، ނޮޓް ޕޮލިޓީޝަން"ގެ ނަމުގައި ފެށި މި ޝިއާރުގެ ދަށުން އެ ކޮލެޖުން ގްރެޖުއޭޓްވާ ދަރިވަރުންނަށް ބަދަލުވަމުން އަންނަ ދުނިޔެއަކަށް ހޭނެން ދަސްކޮށްދޭނެ އެވެ. އަދި ވާދަވެރިކަމާ އެކު މަސައްކަތުގައި ކުރިއަރަން ބޭނުންވާ ހުނަރުތައް ވެސް ދަސްކޮށްދެވިގެން ދާނެ ކަމަށް ސައިރިކްސް އިން ބުންޏެވެ.

އެ ކޮލެޖުގެ ޑީން އޮފް ސްޓޫޑެންޓް އަނިލް އާދަމް ވިދާޅުވި ގޮތުގައި އެ ޝިއާރުގެ ދަށުން އަންނަ އަހަރު މުހިއްމު ޕްރޮގްރާމްތަކެއް ހިންގަން ވަނީ ރާވައިފަ އެެވެ. އެގޮތުން ހާއްސަ ތަމްރީނުތަކާއި ކިޔަވައިދިނުމުގައި މިކަމަށް މަގުފަހިވާނެ ފަދަ ހަރަކާތްތަައް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަނިލްް ވިދާޅުވި ގޮތުގައި އިންސާނެއްގެ ކިބައިގައި ހުންނަން ވާނެ ސިފަތަކަކީ އިލްމާއި ހުނަރާއި ހިކްމަތާއި ކަންތައްތައް ހޯދައި ދެނެގަނެވޭނެ އީޖާދީ ވިސްނުމެކެވެ.

"އިޖާދީ ވިސްނުމެއްގައި، އާ ކަންތައްތަކެއް ތައާރަފުކުރުން ބޭނުމަކީ ޝިއާރެއް ތައާރަފުކުރީ. އެ ޝިއާރުގެ ދަށުން އަޅުގަނޑުމެން ބައިވަރު ހަރަކަތާތްތައް ހިންގާނަން. މިސާލަކަށް، ވާދަވެރި ވަޒީފާގެ މާހައުލެއްގައި އުޅޭނެ ގޮތްތައް،" އަނިލް ވިދާޅުވި އެވެ.

މީގެ 24 އަހަރު ކުރިން ވުޖޫދުވި ސައިރެކްސް ކޮލެޖުން ދަސްވެނިވި އެތައް ދަރިވަރުންނެއް އަންނަނީ ރާއްޖެއާ ރާއްޖޭން ބޭރުގައި ވެސް މަސައްކަތް ކުރަމުންނެވެ. އެ ކޮލެޖުގެ ކޯސްތަކަކީ މޯލްޑީވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށް، އަދި ރާއްޖޭން ބޭރުގެ ޔުނިވާސިޓީތައް ވެސް ބަލައިގަންނަ ފެންވަރުގެ ކޯސްތަކެކެވެ.