27 ނޮވެމްބަރ 2017 - 10:35

އިސްލާމާއާބާދު (ނޮވެމްބަރު 27) - އިންތިޚާބު ކުރެވޭ މަގާމުތަކުގެ މީހުން ކުރާ ހުވައިގެ އިބާރާތުން ކީރިތި ރަސޫލާގެ ނަންފުޅު އުނިކުރި މައްސަލާގައި ޕާކިސްތާނުގައި މިހާރު އުފެދިގެން އުޅޭ ހަމަނުޖެހުންތަކުގައި ލޯ މިނިސްޓަރު ޒާހިދު ހާމިދު އެންމެ ފަހުން އިސްތިއުފާ ދެއްވައިފި އެވެ.

އެ މައްސަލާގައި އެންމެ ބޮޑަށް ހަމަނުޖެހުން ހިންގަމުން ދަނީ ހަރުކަށި ޕާޓީއެއް ކަމަށްވާ ތަހްރީކީ ލައްބައިކަ ޔާ ރަސޫލުﷲ ޕާޓީންނެވެ. އެ ޕާޓީން ބުނެފައި ވަނީ ޕާލަމެންޓްރީ ގާނޫނުން ހުވާގެ އިބާރާތް ބަދަލު ކުރުމުގެ ޒިންމާ ހާމިދު އުފުލަން ޖެހޭނެ ކަމަށެވެ.
ހާމިދުގެ އިސްތިއުފާ ވަނީ މިއަދު ހެނދުނު ރައީސް ޝާހިދު ހައްގާން އައްބާސީއާ ހަވާލުކޮށްފަ އެވެ.
ފައިޒްއާބާދު ހައިވޭގައި އިސްލާމީ ޕާޓީތަކުގެ މެންބަރުން އިށީނދެ ތިބެ ކުރި މުޒާހަރާއެއް ސަލާމަތީ ފަރާތްތަކުން ރޫޅާލަން އުޅުމުގެ ތެރޭގައި ވަނީ 250 ވަރަކަށް މީހުން ޒަޚަމްވެ ދެ މީހުން މަރުވެފަ އެވެ. ހަމަނުޖެހުމަށް ނުކުތް މީހުން އެ ހައިވޭ ބަންދުކޮށްގެން ތިބޭތާ އެތައް ދުވަހެއް ވެއްޖެ އެވެ.
މުޒާހަރާ އަށް ނުކުތް މީހުން ވަނީ ޕަންޖާބު ޕްރޮވިންސްގައި ހުންނަ މިނިސްޓަރު ހާމިދުގެ ގޭގެ ބޭރުގައި ވެސް އަަޑު އުފުލައިފަ އެވެ.
ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ލާހޯރާއި ދެކުނުގެ ކަރާޗީގައި ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.
ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވީ ސިފައިން ނެރެގެން ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ޖެހުނީ ފުލުހުންނަށް މައިތިރި ނުވުމުން ކަމަށެވެ.