ބޭސްފަރުވާގެ ހައްގު ހޯދަން އަދީބު ކޯޓަށް ހުށަހެޅި މައްސަލަ   ބަލައިގެންފި
ބޭސްފަރުވާގެ ހައްގު ހޯދަން އަދީބު ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

ބޭސްފަރުވާގެ ހައްގު ހޯދަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އިއްޔެ ބަލައިގެންފި އެވެ.

އެމަނިކުފާނުގެ ވަކީލު، މުސާ ސިރާޖު ވިދާޅުވީ ބޭސްފަރުވާ ލިބުން ލަސްވާތީ އެ ހައްގު ހޯދަން ހުށަހެޅި މައްސަލަ ކޯޓުން ބަލައިގެންފައި ވިޔަސް އެ މައްސަލައިގެ އަޑުއެހުން އަދި ތާވަލު ނުކުރާ ކަމަށެވެ.

ސިވިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މީގެ ހަތަރު މަހެެއްހާ ދުވަސް ކުރިން މި މައްސަލަ ހުށަހެޅި ނަމަވެސް އޭރު ބަލައިނުގަނެ އޮތީ ބައެއް ކަންކަން ފުރިހަމަކުރަން، ދައުވާކުރާ ފަރާތުގެ ވަކީލަށް އެންގުމުން އެ ކަންކަން ފުރިހަމަކުރުން ލަސްވުމުން ކަމަށެވެ. ދެތިން ފަހަރަކު ދައުވާ ފޯމު ހުށަހަޅަން ޖެހުނު ކަމަށާއި މައްސަލައިގެ ޖަވާބު ހޯދަން ވަކީލު ކޯޓަށް ވަޑައިގަތުން ލަސްވެ މައްސަލަ ބަލައިގަތުން ވެސް ލަސްވެގެން ދިޔަ ކަމަށް ކޯޓުން ބުންޏެވެ.

ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ ހަށިގަނޑުގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ"ގެ މައްސަލަތައް ހުރި ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. އަދީބުގެ ފުރާނަފުޅަށް ނުރައްކާވުމުގެ ފުރުސަތު އޮތަސް ސިއްހީ ފަރުވާ އިން އޭނާ މަހުރޫމް ނުކުރަން އާއިލާ އާއި ވަކީލުން ގެންދަނީ އެކި މުއައްސަސާތަކުގައި އެދެމުންނެވެ.

ނަމަވެސް ވަކީލުން ބުނާ ގޮތުގައި އެތައް މަހެއް ވެގެން ދިޔައިރު ވެސް އެ މައްސަލައަށް އަދި ހައްލެއް ނުލިބެ އެވެ.

ސިރާޖު ވިދާޅުވީ އަދީބުގެ ލޮލުގެ މައްސަލަ ކުރިއަށް ވުރެ ސީރިއަސް ވެފައިވާ ކަމަށެވެ. އެ ބަލީގެ ކަންކަމުގައި ޑޮކްޓަރަށް ދެއްކިއަސް، ސިސްޓުގެ މައްސަލާގައި އަދީބު ޑޮކްޓަރަށް ނުދައްކާ ކަމަށް ވިދާޅުވި އެވެ.

"ލޮލަށް ދިމާވާ ކަންތައްތަކާ ގުޅިގެން ޑޮކްޓަރަށް ދެއްކި. އެކަމަކު ސިސްޓުގެ ކަންތައްތަކާ ގުޅޭ ގޮތުން ޑޮކްޓަރަކަށް ނުދައްކާ. އެމަނިކުފާނުގެ ހާލު ދަނީ ސީރިއަސްވަމުން،" ސިރާޖު ވިދާޅުވި އެވެ.

އަދީބު ސިއްހީ ފަރުވާ އިން މަހްރޫމް ކޮށްފައިވާ މައްސަލަ އދ. އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އަދި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

އެމަނިކުފާނު ބޭސްފަރުވާ އިން މަހްރޫމް ކުރުމަކީ ރާއްޖޭގެ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފުވުން ކަން ފާހަގަކޮށް، ބޭސްފަރުވާ ކުރުމުގެ ފުރުސަތު އަދީބަށް ދޭން އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ގޮވާލައިފަ އެވެ.