27 ނޮވެމްބަރ 2017 - 06:10
އެހެން ވެހިކަލެއް އަންނަކަން ކުރިން ދެގެގަންނަ ބައްތިއެއް އީޖާދުކޮށްފި އެވެ.
އިނގިރިސިވިލާތުގެ ސީ ސެންސް ކުންފުނިން ހަދަން ފެށި މި ބައްތިއަށް ދީފައިވާ ނަމަކީ "އޭސް" އެވެ. އެ ކުންފުނީގެ ސީއީއޯ ފިލިޕް މެކްއެލީސް އުފެއްދި މި ބައްތިއަކީ އާޓިފިޝަލް އިންޓިލިޖެންސްގެ އެހީގައި މަސައްކަތްކުރާ އެއްޗެކެވެ.
ބޮޑެތި ސިޓީތަކުގައި ބައިސްކަލު ދުއްވާ މީހުންނަށް މި ބައްތިން ރައްކާތެރިކަން ލިބޭނެކަމަށް މެކްއެލީސްގެ ޓީމުން ބުނެއެވެ. މި ބައްތި ދިއްލައިގެން ދުއްވާއިރު ގޯޅި އަޅާއިރާއި ކުރިމަތިން ދުއްވާ އެއްޗެއްގެ ހެޑްލައިޓްގެ އަލި އެޅުމުންނާއި މިނޫނަސް މަގުމަތީގައި ދުއްވާއިރު ކުރިމަތިވާ ނާޒުކު ދަނޑިވަޅުތަކުގައި ބައްތީގެ އަލި އަމިއްލައަށް ގަދަވެ އެވެ. އޭރުން، ކުރިމަތިވާން އުޅޭ ކަމަކަށް ކުރިން ތައްޔާރުވާން ސިގްނަލަކަށްވެ އެވެ.
މިބައްތި މިހާރު ވިއްކަން ހުރީ 23 ޑޮލަރަށެވެ. އޯޑަރު ކުރި މީހުންނަށް މީގެ ބައްތި ލިބެން ފަށާނީ އަންނަ އަހަރުގެ ޖޫންމަހުއެވެ.
ސީ ސެންސްއިން މިފަހަރު ބާޒާރަށް މި ނެރުނު އޭސް ބައްތިއަކީ އެކުންފުނިން އުފެއްދި ބައްތީގެ ހަތަރުވަނަ މޮޑެލްއެވެ. އެންމެ ފުރަތަމަ ސީ ސެންސުން އުފެއްދި ބައްތިއަކީ ދުވާލުގެ އަލިކަމެކޭ އެއްވަރުގެ ބާރުގަދަ އަލިކަމެއް އުފައްދާ ފެންވަރުގައި އުފެއްދި ސްމާޓް ފުރަތަމަ ބައްތިއެވެ. އެ ކުންފުނިން ދެކޭ ގޮތުގައި 2013 ވަނަ އަހަރު ބާޒާރަށް ނެރުނު މިބައްތިއަށް ފަހު ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ލިބުނު ތަޖުރިބާގެ އަލީގައި އަލަށް އުފެއްދި އޭސް ބައްތިއަކީ މިހާތަނަށް އުފެއްދުނު މީގެ އެންމެ މޮޅު ބައްތި އެވެ.