07 ޖުލައި 2016 - 00:24

އެކި ސަބަބުތަކާ ހެދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނާ އެކު އާ ޖެންޑަ މިނިސްޓަރު އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ ފިތުރު އީދު ފާހަގަކުރައްވައިފި އެވެ.
ޖެންޑަ މިނިސްޓްރީން ބުނި ގޮތުގައި ޒެނީޝާ މިއަދު ވަގުތުކޮޅެއް ހޭދަކޮށްލެއްވީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގައި ތިބޭ ކުދިންނާ އެކު މާލޭގަ އެވެ. އެ ގޮތުން، އެކި ސަބަބުތަކާ ހުރެ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ތިން އަހަރާއި ނުވަ އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށް ޝްވެކް ސިނަމާގައި އެޅުވި ކާޓޫނު ފިލްމު، އެ ކުދިންނާ އެކު ޒެނީޝާ ބައްލަވާލެއްވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ޝޯގައި، ފިޔަވަތީގައި ދިރިއުޅޭ 67 ކުއްޖަކާއި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތައް ވަނީ ބައިވެރިވެފަ އެވެ.
މީގެ އިތުރުން، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންނަށް އަމާޒުކޮށްގެން އިތުރު ހަރަކާތްތަކެއް ހިންގަން ވެސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
އެކި ސަބަބުތަކާ ހުރެ ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި 153 ކުދިން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާ އަދި ހުޅުމާލޭގެ ފިޔަވަތީގައި ދަނީ ދިރިއުޅެމުންނެވެ.
މިދިޔަ މަހުގެ 22 ގައި މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޒެނީޝާ އެންމެ ބޮޑަށް ފާހަގަކުރެވުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރަން މަސައްކަތް ކުރާ ޖަމިއްޔާ، އާކުގައި އަދާކުރައްވަމުން ގެންދެވި އިސް ދައުރުންނެވެ.