26 ނޮވެމްބަރ 2017 - 19:07

ރިޔާޒް (ނޮވެމްބަރު 26) - މުސްލިމް 40 ގައުމު ބައިވެރިވާ އިސްލާމިކް ކައުންޓަ-ޓެރަރިޒަމް ސަމިޓެއް ސައުދީ އަރަބިއާގައި މިއަދު ފަށައިފި އެވެ.
ސަމިޓް ފައްޓަވައިދެއްވަމުން ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވީ މިއީ ޓެރަރިޒަމާ ދެކޮޅަށް ދެވޭ ރަނގަޅު ސިގްނަލެއް ކަމަށެވެ. އަދި 40 ގައުމުން ދީފައި މި ވަނީ ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ސިގްނަލް ކަމަށް ވިދާޅުވި އެވެ.
މިއީ އިސްލާމިކް މިލިޓަރީ ކައުންޓަ ޓެރަރިޒަމް ކޯލީޝަނުގެ ފުރަތަމަ ބައްދަލުވުމެވެ. މި ކޯލީޝަނުގައި 41 ގައުމު ހިމެނެ އެވެ. ޕްރިންސް މުހައްމަދުގެ ބެއްލެވުމުގެ ދަށުން ކޯލީޝަން އުފައްދާފައި ވަނީ 2015 ވަނަ އަހަރު އެވެ. ކޯލީޝަނުގެ ކޮމާންޑަ-އިން-ޗީފްގެ މަގާމަށް ހަމަޖައްސާފައި ވަނީ ޕާކިސްތާނުގެ ރިޓަޔާޑް ޖެނެރަލް ރަހީލް ޝާރިފެވެ.
ޓެރަރިޒަމާ ދެކޮޅު އިސްލާމީ ކޯލީޝަނުގައި އީރާނާއި ސީރިއާ އަދި އިރާގު ނުހިމެނެ އެވެ. ކޯލީޝަން އުފެއްދި އިރު ގަތަރު ހިމެނުނު ނަމަވެސް މި ފަހަރުގެ ބައްދަލުވުމުގައި ގަތަރު ބައިވެރިކޮށްފައެއް ނުވެ އެވެ. އަދި ގަތަރުގެ ދިދަ ވެސް ބައްދަލުވުމުގައި ނެތެވެ. ގަލްފުގެ ހަތަރު ގައުމަކުން މި އަހަރުގެ ޖޫން މަހު ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާ ވެސް ހިމެނެ އެވެ. ގަތަރާ ގުޅުން ކަނޑާލާފައި ވަނީ އެ ގައުމުން ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ އެވެ.