26 ނޮވެމްބަރ 2017 - 18:35

ދުބާއީ (ނޮވެމްބަރު 26) - ގަތަރުގެ ޓީވީ ނެޓްވޯކް އަލް ޖަޒީރާ އަށް ބޮން އަޅަން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސަލާމަތީ އިސްވެރިއެއް ކަމަށްވާ ލެފްޓިނެންޓް ޖެނެރަލް ދާހީ ޚަލްފާން ގޮވާލައްވައިފި އެވެ.
ފުލުފުލާ އޭނާ މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވަނީ މިސްރުގެ ސައިނާއީ ޕްރޮވިންސްގެ މިސްކިތެއްގައި ބޮން ގޮއްވަން ހިތްވަރު ލިބިފައި ވަނީ އަލް ޖަޒީރާގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.
"ޓެރަރިޒަމްގެ މެޝިނަށް، އައިއެސް، އަލް ގައިދާ އަދި އަލް ނުސްރާ ފްރަންޓްގެ ޗެނަލަށް، އަލް ޖަޒީރާ ޓެރަރިސްޓުންނަށް ބޮން އެޅުމަށް ކޯލީޝަނަށް ގޮވާލަން،" ޔޫއޭއީ ފުލުހުންގެ ކުރީގެ ވެރިޔާ އަދި ޔޫއޭއީގެ ސަލާމަތީ ކަންކަމާ ގުޅޭ އެންމެ އިސްވެރިޔާ ޚަލްފާން ވިދާޅުވި އެވެ. "އަރަބި ދުނިޔެ އާއި މިސްރުގެ ސަލާމަތާ ކިހާ ދުވަހެއް ވަންދެން އަލް ޖަޒީރާ އިން ކުޅެވިދާނެތަ؟"
ޓްވިޓާ އިން 2.42 މިލިއަން މީހުން އޭނާ ފޮލޯ ކުރެ އެވެ.
އަލް ޖަޒީރާ އަރަބިކްގެ މެނޭޖިން ޑިރެކްޓަރު ޔާސިރު ހިލާލާހު ވިދާޅުވީ އަލް ޖަޒީރާ އަށް ދޭ ކޮންމެ ހަމަލާއެއްގެ ޒިންމާ ޚަލްފާން އުފުލަން ޖެހޭނެ ކަމަށެވެ.
"ޚަލްފާން އަކީ ޔޫއޭއީގެ އާދައިގެ ރައްޔިތެއް ނޫން. އެއީ ޔޫއޭއީ ސަރުކާރުގެ އޮފިޝަލެއް. މިކަމާ ޔޫއޭއީ އިން ކޮމެންޓް ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ޖޫން މަހު ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ގައުމުތަކުގެ ތެރޭގައި ޔޫއޭއީ ހިމެނެ އެވެ. ގަތަރަށް ކުރި ޑިމާންޑްތަކުގެ ތެރޭގައި އަލް ޖަޒީރާ ނެޓްވޯކް ބަންދު ކުރުން ހިމެނެ އެވެ.