ދިހައެއް: ރީތި ހައްވަ
ދިހައެއް: ރީތި ހައްވަ

ފަނުން ހަދާފައިވާ ކުޑަކުޑަ އެ ގެ ހުރީ މަލިކުގެ އިރުމަތީ ފަރާތު ވަލު ތެރޭގަ އެވެ. އެތަނުގައި އެގެ ނުހުންނަ ހަނދާނެއް މަލިކު މީހުންގެ ނެތެވެ. ރަށުގެ އާބާދީ ބޮޑުވަމުން ދިޔަ ނަމަވެސް އެ ގެއާ ކައިރީގައި އެހެން ބަޔަކު ދިރިއެއް ނޫޅެ އެވެ. އަލަށް ދޫކުރާ ގެވަޅުތައް ވެސް ދެނީ ތަންކޮޅެއް ދުރުންނެވެ.

ބޯކޮށް އޮތް ވަލަކީ އެގޭގައި އުޅޭ އާއިލާގެ އެންމެ ބޮޑު ލޯތްބެވެ. ކާން ބޭނުންވާ ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ހައްދަނީ ގޯތިތެރޭގަ އެވެ.

އެ ގޭގައި ހުރީ އެންމެ އައްޓެކެވެ. ރޯނު ފުރާފައި ހުރި އެ އަށި މަތީގައި އަޅާފައި ވަނީ ހުދު ކުލައިގެ ބޯ ރަޖާގަނޑެއް ކަހަލަ މަޑު ފޮތިގަނޑެކެވެ. އުމުރުން ދުވަސް ވީ ފިރިހެނަކު އެނދު މަތީ އޮތެވެ. ރީތި، ސާފު ހުދު ބާލީހެއް މަތީގައި، މައްޗަށް ބަލަހައްޓައިގެންނެވެ. އެނދުގެ ބިއްދޮށުގައި ހުދު ކުލައިގެ ދެ ކަންނެޔޮ ބާއްވާފައި އޮތީ ދިގަށް ޖެހިޖެހިގެންނެވެ.

އެގޭ ތެރެއަށް ބޯ ދިއްކޮށްލާ މީހަކަށް ފުރަތަމަ ވެސް ވިސްނޭނީ، ފަނުން ހަދާފައި ހުއްޓަސް، ރޯނު އައްޓެއް ކަމަށް ވިޔަސް، އެ އޮތް މުސްކުޅިއާއާ ދޭތެރޭ ކަން ކުރަމުން އަންނަނީ ލޯބިން އަދި ވަރަށް ފަރުވާތެރިކޮށް ކަމެވެ.

އޭނާގެ ނަމަކީ އެދުރު ހުސޭނެވެ. އުމުރުން 95 އަހަރެވެ. އޭނާގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ، ދަލޭކަ، ދުނިޔޭގައި އެބަ އޮތެވެ. މަލިކާ 156 ކިލޯމީޓަރު ދުރުގައި އޮތް ފިއްލަދޫގެ ކުޑަކުޑަ ގެއެއްގަ އެވެ. ބަލިއެނދުގަ އެވެ. ދަރިއަކު ނެތެވެ.

އެދުރު ހުސޭނުގެ ދެ ކުދިން އެބަ ތިއްބެވެ. ފުރަތަމަ ކައިވެންޏަށް ލިބުނު ފިރިހެން ދަރިފުޅު އަލީގެ އުމުރުން 50 އަހަރެވެ. އަލީ ވިހާފައި އަންހެނުން މަރުވީ އެވެ. އޭގެ ފަހުން އެދުރު ހުސޭނު ދެ ވަނަ ކައިވެންޏެއް، އޭނާއަށް ވުރެ 30 އަހަރު ހަގު، އަންހެނަކާ ކުރި އެވެ. އެ ކައިވެނީގައި ކުއްޖަކު ލިބުނީ 15 އަހަރު ފަހުންނެވެ. އޭރު ހުސޭނުގެ އުމުރުން 60 އަހަރެވެ.

އަންހެން ދަރިފުޅު ހައްވަގެ މިހާރުގެ އުމުރަކީ 35 އަހަރެވެ.

ދެ ދަރިން ދިރިއުޅެނީ އެ ގޯތި ތެރޭގައި ރާނާފައި ހުރި ގޭގަ އެވެ. ދެ މީހުން ތިން ބުރަކަށް ކައިވެނިކުރި އެވެ. އެކަމަކު ތިން ކައިވެނި ވެސް ރޫޅުނީ އެވެ. އޭގެ ސަބަބަކީ ކުއްޖަކު ނުލިބުމޭ، ދަރިންގެ ހިތްހަމަޖައްސައިދޭން އޭނާ ބުނެ އެވެ.

އެދުރު ހުސޭނުގެ ކަންބޮޑުވުމަކީ އޭނާގެ އާއިލީ ލޭ މާ ދިގު މުއްދަތަކަށް ދެމިގެން ނުދާނެ ގޮތެއް މެދުވެރިވެދާނެތީ އެވެ. އެއީ ހިތުގައި އޮތް އުދާހެކެވެ. އެކަމަކު ދެ ދަރިންނަށް ދިމާވެފައިވާ މައްސަލައިގެ ހައްލު ވެސް އެނގެ އެވެ. އެކަމަކު މި އޮތް ހުރިހާ ދުވަސް އޭނާ ހޭދަކުރީ އަމިއްލަ ހިތަށް އެކަން ވިސްނައިދެވޭތޯ އެވެ. އޭނާއަށް ނުފެންނަ ހިސާބަކަށް، އެއިން ދަރިއަކު، ހާއްސަކޮށް ހައްވަ ފޮނުވާލުމަކީ، ލޮލުން ކަރުނަ ހިލޭނެ ހިތާމައެކެވެ.

އެއީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރި އެވެ. އޭނާއަށް ކާފަ ދަރިން ލިބެން ޖެހޭ އުމުރުގައި، މާތް ﷲ މިންވަރުކުރެއްވި، ލޯބިލޯބި ހައްވަ އެވެ.

ހައްވަ ނޫނީ އެދުރު ހުސޭނުގެ އާއިލާގެ އެހެން އެންމެން ދޮނެވެ. އެކަމަކު ހައްވަހާ ރީތި އަންހެނަކު މުޅި މަލިކުން ވެސް ނުފެނެ އެވެ. އެންމެ ކުޑައިރުއްސުރެ، އެ އޮމާން ހަންގަނޑާއި މޫނުގެ އުޖާލާކަން، އޭނާ ފެންނަ ކޮންމެ މީހެއްގެ ހިތް އަތުލަ އެވެ. އޭނާ ކުޑައިރު ބައެއް މީހުން އަތުގައި ހިފާ، އަތުގެ ހަންގަނޑުގައި ފިރުމާ ހަދަ އެވެ. "މިއީ ކޮން ތާކުން ލިބުނު ރީތިކަމެއްހޭ"، ބައެއް އަންހެނުން އަހަ އެވެ.

އޭނާގެ ރީތި މޫނު އުފެދިފައި ހުރީ ކުކުޅު ބިހުގެ ބައްޓަމަށެވެ. ތުންފަތް މަތީގައި އަބަދު ކަހަލަ ގޮތަކަށް ހުންނަ ހިނިތުންވުމަކީ ކުޑައިރުގެ ވެސް ހާއްސަ ސިފައެކެވެ. ބޮޑުވަމުން، ފުރިހަމަ އަންހެނަކަށް ވަމުން އައި އިރު، މަލިކުގެ ޒުވާން ފިރިހެނުންނަށް އޭނާއާ ދިމާއަށް ނަޒަރު ހިންގާލަން ވެސް ނުކެރެ އެވެ. ބައެއް ޒުވާނުން ބުނެއުޅުނީ "އެ ދެ ލޮލާ ދިމާއަށް ބަލަން މަށަށް ލާހިކެއް ނޫން،" މިހެންނެވެ.

އެ ފުރިހަމަ ސިފަތަކާ އެކު ވެސް، ތިން ކައިވެނި ރޫޅި، ހައްވަ އުޅެމުން އެ އަންނަނީ ދިރިއުޅުމުގެ ފުން ހުސްކަމެއްގެ ތެރޭގަ އެވެ. އެކަމަކު އޭނާގެ ފަރާތުން އެ މާޔުސްކަމެއް، އެހެން މީހަކަށް ނުފެނެ އެވެ.

އަބަދުވެސް ހިނިތުންވެފަ އެވެ. އަބަދުވެސް ހިތްހެޔޮކަމުގަ އެވެ.

---

އެދުރު ހުސޭނަށް ރޭގަނޑު ކާންދީ ނިމުމުން ހައްވަގެ އުފާވެރިކަން ބޮޑުވެ އެވެ. އެއީ ކުރިންސުރެ ވެސް އޭނާއަށް އެންމެ ހިތްހަމަޖެހޭ ވަގުތުކޮޅެވެ. ބައްޕަ ތުން ދޮއްވައި، ރީއްޗަށް މޫނު ފޮހެލާފައި، އެނދާ ޖެހިގެން ހުރި އަދަރާދަ ގޮނޑީގައި ހައްވަ އިށީދެ އެވެ. ދެން އެ ދައްކާ ވާހަކަތަކުން އޭނާއަށް ދިރުން ގެނެސްދެ އެވެ. ދުނިޔެ އަކީ ކޮން ތަނެއްކަން އޭނާއަށް ރޭކާލީންސުރެ، އެ އާދައަކަށް ބަދަލެއް ނާދެ އެވެ.

ބައްޕައަކީ ފޮތެކެވެ. އެ ފޮތުން އޭނާ ފިލާވަޅު ދަސްކުރަނީ ރޭގަނޑެވެ. ތަކުރާރުކޮށް، ބައްޕަ ކިޔައިދެމުން އަންނަ ކަންކަމެވެ. ތާރީޚެވެ. ފަންޑިތަވެރިކަމެވެ. އެހެން އިންސާނުންނަށް ނޭނގޭ އެކަމަކު ބައްޕަ އާއި ބޭބެ އަދި އޭނާއަށް އެނގޭ ސިއްރުތަކެވެ.

މަލިކުގެ އެހެން ބަޔަކަށް، އެ މީހުންނަށް ފެންނަ މަންޒަރުތަކެއް ނުފެނެ އެވެ.

"ދަރިފުޅަށް ކެރޭނެތަ ފިއްލަދުއަށް ދާން؟" އާދައިގެ މަތިން، ބައްޕަގެ ކައިރީގައި އިށީނުމާ އެކު، ހައްވަގެ ދެ ލޮލަށް ނަޒަރު ހުއްޓާލަމުން އެދުރު ހުސޭނު އެހި އެވެ.

ފިއްލަދޫގެ ވާހަކަ ވަރަށް ގިނައިން އޭނާގެ ބައްޕަ ދައްކަ އެވެ. އެއީ ރާއްޖޭގެ ރަށެއް ކަމާއި، މަލިކާ މާ ދުރު ނޫން ވާހަކަ ވެސް ބުނެ އެވެ. އެ ރަށް ވަރަށް ހާއްސަ އެވެ. އެއީ ބައްޕަ ފަރާތު އާއިލާ އިން ފިއްލަދޫގައި ފުރަތަމަ ފައި ބީއްސާލި އެދުރު ގާސިމްގެ ހަޔާތް އަލުން ފެށި ބިމެވެ. މަލިކަށް އޭނާގެ ބައްޕަ އަންނަންދެން ވެސް ދިރިއުޅުނީ އެ ރަށުގަ އެވެ.

"ކީއްވެ އަހަރެން ފޮނުވަން ތި އުޅެނީ؟ ބައްޕަ ދޫކޮށްފައި މަ ދާނެތަ؟" ހައްވަ ވެސް ކުރީ ސުވާލުތަކެކެވެ.

"މަލިކުގައި ދަރިފުޅަކަށް ނެތް ހަމަ އެއްވެސް މުސްތަގުބަލެއް. މިރަށުން އިންނާނެ މީހަކު ވެސް ނުވާނެ،" އެދުރު ހުސޭނު ބުންޏެވެ.

އެއީ ބޭރު ފުށުން މީހަކަށް ނުދެއްކި ނަމަވެސް އޭނާގެ ހިތު ތެރޭގައި ދެމެމުން އަންނަ ވޭނެކެވެ. ނަމަވެސް ތިން ކައިވެނި ރޫޅުނީ އޭނާ ގޯސްވެގެންނެއް ނޫނެވެ. ތިން ފިރިންނާ އެކު ވެސް އޭނާ އުޅުނީ ލޯބިންނެވެ. އުފަލުންނެވެ. އެކަމަކު ކޮންމެ މީހަކު ވެސް ވަރިކޮށްފައި ދިޔައީ ހަމަ ކުއްލިއަކަށެވެ.

"ކީއްވެ އެއްޗެކޭ ނުބުނެ ތި އިނީ؟" ހައްވަގެ ހިމޭންކަން ފެނިފައި އެދުރު ހުސޭނު ސުވާލުކުރި އެވެ.

"ފިއްލަދޫގައި އަހަންނަށް ވަކި ރަނގަޅެއް ވާނެތަ؟" ހައްވަ އަހާލި އެވެ.

"ބައްޕަ ދުވަހަކު ވެސް މިހެންނެއް ނުބުނަމެއްނު. އެހެންވެ ދަރިފުޅު ގަބޫލުކުރޭ، މާތްރަސްކަލާނގެ ކޮންމެވެސް ނަސީބެއް ދައްކަވާނެ،" އެދުރު ހުސޭނު ބުންޏެވެ.

ބައްޕަގެ އެ ވާހަކައަށް ދޭނެ ޖަވާބެއް ހައްވަގެ ނެތެވެ. ބައްޕަގެ އިލްމުވެރިކަމަށް ބަލާއިރު، އެ މީހުންނަށް މިހާތަނަށް ބުނެދީފައި ވަނީ ވަރަށް ކުޑަ އެއްޗެކެވެ. އެހެންކަމުން އޭނާގެ ނަސީބުގައި ދިމާވެދާނެ އަދި އޭނާގެ ދިރިއުޅުމަށް އުފާވެރި އަލިކަމެއް ގެނެސްދީފާނެ ކަމެއް ބައްޕައަށް ލަފާކުރެވެނީ އެވެ. އެކަމަކު އޭނާގެ އުމުރުން 35 އަހަރުގައި، އިންނާނީ ވަކި ކާކު ހެއްޔެވެ؟ މަލިކުގައި އެ އުމުރަކީ އަންހެނުން މުސްކުޅިވުމެވެ. މަލިކުގައި ވަރިއާ މެދު ދެކެނީ ހުތުރު، އަދި ބަދުނަސީބު ކަމެއްގެ ގޮތުގަ އެވެ.

އޭނާ އަކީ، އޭނާގެ ގެ ހުންނަ ހިސާބުގަނޑުގައި، ތިން ފަހަރަށް ވަރިކޮށްފައި ހުރި ހަމައެކަނި އަންހެނެވެ.

ފިއްލަދޫގެ މީހުން ވެސް އުޅެމުން އަންނާނީ މަލިކުގައި އޮންނަ ފަދަ ސަގާފަތެއްގެ ތެރޭގައޭ އޭނާގެ ހިތަށްއެރި އެވެ.

ހަގީގަތުގައި އިތުރު ކައިވެންޏަކާ މެދު ހައްވަގެ ވިސްނުމެއް ނެތެވެ. އޭނާ ބޭނުންވީ ބައްޕަގެ ހަޔާތުގެ ފަހު ދުވަސްކޮޅު، ބައްޕަ ކައިރިން ވީހާވެސް ގިނަ ފިލާވަޅުތަކެއް ލިބިގަންނާށެވެ. އެމީހުންނަށް ފެންނަ ހިސާބުގައި އެއްގޮތަކަށް ވެސް ނުހުޅުވާ ބައެއް ފޮށިތައް، ގޭގައި އެބަ ހުއްޓެވެ. ބޭބެ ބުނާ ގޮތުން އެ ހުންނަނީ ބޮޑެތި ސިއްރުތަކެވެ. މިހާ ދުވަސް ވީ އިރު ވެސް އެމީހުންނަށް އެ ނުދައްކާނީ، ސަބަބުތަކެއް ހުރެގެންނެވެ.

ހައްވަގެ އެންމެ ބޮޑު އެއް އެދުމަކީ އެ ފޮށިތަކުގައި ހުރި ލިއުންތައް ކިޔާލުމެވެ. ކައިވެންޏެއްގެ ވަގުތީ އުފަލުން ހިތުގައި އަވާމެންދުރެއް ފަދަ އުއްމީދުތަކެއް ދިރުވުމަށް ވުރެ، އެ ސިއްރުތަކުން ނަފުސަށް ލިބޭ ހަމަޖެހުން މާ ބޮޑުވާނެ އެވެ.

"ދަރިފުޅާ، މިހާރު މި އޮތީ އެ ވަގުތު އައިސް. ބައްޕަ ވެސް ބޭނުމެއް ނުވޭ ދަރިފުޅާ ވަކިވާކަށް. އެކަމަކު ބައްޕަ މަރުވުމުގެ ކުރިން ދަރިފުޅު އެބަ ޖެހޭ މަލިކު ދޫކޮށްލަން،" ހައްވަގެ ލޮލަށް ބަލަން އޮވެ، އެދުރު ހުސޭނު ވާހަކަ ދެއްކި އެވެ.

"ހަމަ ކޮންމެހެން ވެސް މަޖުބޫރުތަ؟ ބައްޕަ ބުނެބަލަ، އަހަރެން ކިހިނެއް ބީރައްޓެހި ރަށަކަށް ގޮސް އުޅޭނީ؟" ހައްވަގެ ހުރީ މުޅިން ވެސް ސުވާލެވެ.

"ބީރައްޓެހި ތަނަކަށް ގޮސް އުޅެންވާ ގޮތް ކިޔައެއް ނުދެންތަ؟ ބައްޕަގެ މުޅި އުމުރު މި ހުސްވީ އެ ވާހަކަތައް ކިޔައިދީ، ކިޔައިދީ. ބައްޕަގެ ތި ކުދިންނަށް އުޅެވޭނެ ކޮންމެ ތަނެއްގައި ވެސް،" އެދުރު ހުސޭނު ބުންޏެވެ.

އެއީ ދޮގެއް ނޫނެވެ. އެ މީހުންނަށް، ބައްޕަ އެ ބުނާ ކަންކަން، އެނގެ އެވެ. އެކަމަކު އެނގުމާއި އަމަލީ ގޮތުން އެކަމާ ކުރިމަތިލުމާ ތަފާތެވެ. މިހާތަނަށް އޭނާ ވެސް އަދި އޭނާގެ ބޭބެ ވެސް، ބައްޕަ ނެތް ތަނަކަށް ދަތުރެއް ނުކުރެ އެވެ. ބައްޕައަކީ އަބަދުވެސް އެމީހުންގެ ހިމާޔަތެވެ. އެނދުން ތެދުވެވޭ ވަރަށް ވުރެ މުސްކުޅިޔަސް، ބައްޕަގެ އެހެން ބާރުތައް ގިނަ އެވެ. ކުޑައިރު، ބައެއް ރޭރޭ ގޯތި ވަށައިގެން ކުރި ހަނގުރާމަތައް، ގޭގައި އޮވެގެން އޭނާ ގެންދިޔައީ ބަލަމުންނެވެ. ބޮޑުވެ، ބިރުކެނޑުމާ އެކު، ބޭބެ އާއި ބައްޕަގެ ކައިރީގައި ހުރެ، އެ ހަނގުރާމަތަކުގައި ބައިވެރިވި އެވެ. ކަނޑިއާ އެކު ފުންމައިގެން އަރާ، ވައިގެ ތެރޭގައި ގޮސް އެ ހިޔަނިތަކަށް ހަމަލާ ދޭއިރު، އަލިފާން ކެނޑެ އެވެ.

މުޅި މަލިކު އޮންނަނީ އަނދިރީގައި ނިދާފަ އެވެ. އެދުރު ހުސޭނުގެ ގޯތި ވަށައިގެން ކެނޑެމުން ދާ އަލިފާން ކަނިތަކުން އުފެދޭ ހިތްގައިމު މަންޒަރެއް، މަލިކު މީހުންނަކަށް ނުފެނެ އެވެ.

ކުރިންސުރެ އެ ގޯތި ވަށައިގެން ރަތް ރޮނގެއް އަޅާފައި އޮވެ އެވެ. އެކަމަކު އާންމު އިންސާނަކަށް އެ ރޮނގެއް ފާހަގައެއް ނުވާނެ އެވެ. ހަނގުރާމަ ކިތައްމެ ގަދަވިޔަސް އެ ހިޔަނިތަކަށް އެ ރަތް ރޮނގު ހުރަސްކޮށް، ގޯތި ތެރެއަކަށް ނުވަދެވެ އެވެ. އޭގެ ކުރިން ތިން މީހުންގެ އަތުން ބަލިވެ، ރައްކާވެ އެވެ.

ޖައްވު ތެރެއަށް ގޮސް ގެއްލެ އެވެ.

އިންސާނުންނަށް ވުރެ ބިޔަ، ދިގު އެ ހިޔަނިތައް އެ ދަނީ ކޮން ތަނަކަށް ކަމެއް، މިހާތަނަށް ބައްޕަ ކިޔައިދީފައެއް ނުވެ އެވެ. އެކަމަކު ފިއްލަދޫގައި ވެސް އެ ބިރުވެރިކަން އުޅޭ ނަމަ، އޭނާ އެކަނި ނުފޮނުވާނެކަން ޔަގީނެވެ. އެހެންކަމުން ބައްޕަގެ އަސްލު މަގުސަދު އޭނާއަށް އަދި ވިސްނައެއް ނުގަނެވެ އެވެ. ބައްޕައަށްޓަކައި، އޭނާ އެހެން ގައުމަކަށް ދާންވީ ހެއްޔެވެ؟ އެތަނުން އޭނާއަށް އާ ލޯބިވެރިޔަކު، ހިތްވަރުގަދަ ފިރިއަކު ލިބޭނެ ހެއްޔެވެ؟ އޭނާ އަކީ އަސްލު ކާކުކަން ބުނެދެވޭ ވަރުގެ އިތުބާރެއް އެމީހަކަށް ކުރެވިދާނެ ހެއްޔެވެ؟

ހައްވަގެ ހިތަށް ސުވާލުތައް އަރައި ފައިބަމުން ދިޔައީ، ކަޅިޖަހާ ނުލައި ބަލަހައްޓައިގެން އޮތް ބައްޕަގެ ކުރިމައްޗަށް އޮއްސާލެވޭ ވަރަށް ވުރެ ގިނަކޮށެވެ. އޭނާއަކީ ކިޔަމަންތެރި ދަރިއެކެވެ. ބައްޕަ ދެކެ އެހާ ލޯބިވެ އެވެ. (މި ވާހަކައިގެ ދެ ވަނަ ބައި މާދަމާ)

"10" މިއީ ޖޫން 12، 2016 ގައި "މިހާރު"ގައި ޖަހަން ފެށި ސިލްސިލާއެކެވެ. މުޅި ސިލްސިލާގެ ނަމަކީ "10" ނަމަވެސް، މީގައި ހިމެނޭ ވަކިވަކި ބައިތައް ލިއަނީ މުޅިން ތަފާތު ނަމެއްގަ އެވެ. ސެޕްޓެމްބަރު 16، 2016 ގައި އޭރު "10" މެދުކަނޑާލީ، "ބައްޕައަށްޓަކައި" ބައި ނިމުމުންނެވެ. އެކަމަކު ލިއުންތެރިޔާ އޭރު ވެސް ކަނޑައަޅައިގެން ހުރީ މި ސިލްސިލާ ކުރިއަށް ގެންދާށެވެ. އަލުން "10" ޖަހަން މި ފެށީ، މި ރޯދަމަހު "މިހާރު"ގެ ކިއުންތެރިންނަށް ތަފާތު ވާހަކައެއް ގެނެސްދިނުމުގެ މަގުސަދުގަ އެވެ.