ގެއްލުނު ސަބްމެރިން އޮތީ ދަތުރު ކުރަން ރަނގަޅު ހާލަތުގައި
ގެއްލުނު ސަބްމެރިން އޮތީ ދަތުރު ކުރަން ރަނގަޅު ހާލަތުގައި

ބިއުނަސް އޭރީޒް (ނޮވެމްބަރު 26) - ގެއްލުނު ސަބްމެރިން އޮތީ ދަތުރު ކުރަން އެންމެ ރަނގަޅު ހާލަތުގައި ކަމަށާއި އެ ސަބްމެރިންގެ ސިސްޓަމް ސެކިއުރިޓީ ހުރިހާ ޗެކެއް ކޮށްފައިވާ ކަމަށް އާޖެންޓީނާގެ ކަނޑުގެ ސިފައިން ބުނެފި އެވެ.

ސަބްމެރިން އިން ދަތުރުކުރި ބައެއް މީހުންގެ އާއިލާތަކުގެ މެންބަރުން ބުނެފައި ވަނީ 34 އަހަރުވެފައިވާ ސަބްމެރިން އޮތީ ބޮޑު މަރާމާތަކަށް ބޭނުންވެފައި ކަމަށާއި އެއީ ދަތުރުކުރަން އެކަށީގެން ނުވާ އުޅަނދެއް ކަމަށެވެ. ސެން ހުއާން ސަބްމެރިން ގެއްލިފައި ވަނީ ނޮމްބަރު 15 ވަނަ ދުވަހު އެވެ.

ސަބްމެރިން ގެއްލުނުތާ ދެ ހަފުތާވާން ކައިރިވެފައިވާ އިރު މީހުން ސަލާމަތް ކުރެވިދާނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އާޖެންޓީނާ ކަނޑުގެ ސިފައިންގެ ތަރުޖަމާން އެންރިކް ބަލްބީ ވިދާޅުވީ "މިހާރު މިތިބީ އުއްމީދާއި ނާއުއްމީދުގެ ސްޓޭޖެއްގައި" ކަމަށެވެ.

އޭނާ ވިދާޅުވީ ސަބްމެރިން ދަތުރަށް ފެށުމުގެ ދެ ދުވަސްކުރިން ވަނީ އޮޕަރޭޓިން ސިސްޓަމް އެކުގައި ބަލާ ފާސްކޮށްފައި ކަމަށެވެ. އަދި ދަތުރު ފެށީ އެއްވެސް މަައްސަލައެއް ނެތުމުން ކަމަށް ވިދާޅުވި އެވެ.

ސަބްމެރިން ހޯދުމުގެ މަސައްކަތުގައި ރަޝިޔާގެ އުޅަނދުތަކުން އިއްޔެ ވަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ. މީހަކާ ނުލައި ކަނޑުއަޑީގައި ދަތުރު ކުރެވޭ ރަޝިޔާގެ ޕަނެޓްރާ ޕްލަސް އަކީ 1،000 މީޓަރު (3،281 ފޫޓު) އަޑިން ސޯނާ ސްކޭން ކުރުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ.

އާޖެންޓީނާގެ ރައީސް މައުރިސިއޯ މަކްރީ ވަނީ ސަބްމެރިން ގެއްލުމާ ގުޅޭ ބޮޑު ތަހުގީގެއް ހިންގާނެ ކަމަށް ވިދާޅުވެފަ އެވެ.