މާޔަންގެ އެހީއާ އެކު ނިއު އިން އަންހެން ފުޓްބޯޅަ ތަރައްގީ ކުރަނީ
މާޔަންގެ އެހީއާ އެކު ނިއު އިން އަންހެން ފުޓްބޯޅަ ތަރައްގީ ކުރަނީ

ނިއު ރޭޑިއަންޓުން އަންހެން ފުޓްބޯޅަ ތަރައްގީ ކުރުމަށް ފަށާ މަސައްކަތުގެ ތެރެއިން އެ ކްލަބްގެ އަންހެން ފުޓްބޯޅައިގެ ހެޑަކަށް އެފްއޭއެމްގެ އަންހެން ފުޓްބޯޅަ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި މަރިޔަމް މުހައްމަދު (މާޔަން) ހަމަޖައްސައިފި އެވެ.

ނިއުގެ ޗެއާމަންކަމާ މުހައްމަދު ޒިޔާދު ހަވާލުވެވަޑައިގަތުމަށް ފަހު މި އަހަރު ވަނީ އެ ކްލަބުން އަންހެން ފުޓްބޯޅަ އެކަޑަމީއެއް ހަނދާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ކްލަބުން ބުނީ މިއަދު މާޔަންއާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އޭނާގެ ބެލުމުގެ ދަށުން ކުރިއަށް އޮތް ތަނުގައި ވަރަށް އަވަހަށް މުޅި ރާއްޖެ އަށް އަންހެން ފުޓްބޯޅަ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވިގެންދާނެ ކަމަށެވެ.

"ޗެއާމަން (ޒިޔާދު)ގެ ވަރަށް ބޮޑު ވިސްނުމެއް އެއީ އަންހެން ފުޓްބޯޅައިގައި ވެސް ނިއު އިން ގިނަ ކަންތައްތަކެއް ކުރުން. އަންހެން ފުޓްބޯޅައިގެ އެކަޑަމީގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން މުޅި ރާއްޖެ އަށް ފުޅާވެގެންދާނެ،" ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) "މިހާރަ"ށް ބުންޏެވެ.

މި ސީޒަނުގައި ނިއުގެ ޗެއާމަންކަމާ ޒިޔާދު ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ ދިވެހި ފުޓްބޯޅައިގައި އެކި ގޮތްގޮތުން ނިއު އަކީ ތަފާތު ގެންނަ ކްލަބަކަށް ހަދަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. މި ގޮތުން އެ ކްލަބުން ކުރިން އަހައްމިއްޔަތުކަން ނުދޭ ވަރަށް އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް ވެސް އިސްކަންދޭނެ ކަމަށެވެ.

އެފްއޭއެމުން އަންނަ މަހުގެ އެއް ވަނަ ދުވަހު ބާއްވަން ތާވަލްކުރި އަންހެން ލީގު ވަނީ އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން ކެންސަލްކޮށްފަ އެވެ. މުބާރާތުގެ މުއްދަތު ހަމަވިއިރު، ބައިވެރިވީ ނިއު އެކަންޏެވެ.

ނިއު އިން ދާދި ފަހުން ވަނީ އެ ކްލަބްގެ ޖާޒީ ވިއްކުމަށް އޯލް ސްޕޯޓްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަންނަ އަހަރުގެ ނިޔަލަށް ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން ނިއު އިން އެ ޓީމުގެ ޖާޒީ ވިއްކަން ކަނޑައަޅާފައިވަނީ ބޮޑެތި މީހުންގެ ޖާޒީ އެކަނި ނަމަ 350ރ. އަދި ޖާޒީ އާއި ސޯޓާ އެކު ނަމަ 500ރ. އަށެވެ. އަދި ކުޑަކުދިންގެ ޖާޒީ އެކަނި ނަމަ 300ރ. އަށް އަދި ޖާޒީ އާއި ސޯޓާ އެކު 420ރ. އަށެވެ.