15 ބުރީގެ ތިން ޓަވަރު އަޅާނެ ބަޔަކު އައިލެންޑް އޭވިއޭޝަނުން ހޯދަނީ
15 ބުރީގެ ތިން ޓަވަރު އަޅާނެ ބަޔަކު އައިލެންޑް އޭވިއޭޝަނުން ހޯދަނީ

ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އައިލެންޑް އޭވިއޭޝަނުން އަޅާ 15 ބުރީގެ ތިން ޓަވަރު އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އެ ކުންފުނިން މިއަދު އިއުލާންކޮށްފި އެވެ.

ހުޅުމާލޭގައި 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 25 ބުރީގެ 62 ޓަވަރު އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މީގެ ތެރެއިން ބައެއް ފްލެޓްތައް އަޅަން ހަވާލުކޮށްފައި ވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެވެ.

އައިލެންޑް އޭވިއޭޝަނުގެ އިއުލާނުގައި ބުނީ، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 11،500 އަކަފޫޓުގެ ތިން ޓަވަރު ޑިޒައިންކޮށް އިމާރާތްކޮށްދޭން ބޭނުންވާ ބަޔަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދަން ޖެހޭނީ ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން ކަމަށް ވެސް އިއުލާންގައި ވެ އެވެ.

ފްލެޓްތައް އަޅަން ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރީ، އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދޫކުރުމަށް ފަހު ބާކީ ހުންނަ ފްލެޓްތައް އާއްމުންނަށް ވިއްކާލެވޭ ގޮތަށެވެ.

އައިލެންޑް އޭވިއޭޝަންގެ އިތުރުން ސްޓެލްކޯ އާއި އެސްޓީއޯ އާއި ފެނަކަ އާއި އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް ފަދަ ކުންފުނިތަކުން ވެސް ފްލެޓް އެޅުމަށް ވަނީ ހަވާލުވެފަ އެވެ.

ބޯހިޔާވަހިކަމަށް ހައްލު ހޯދަން ހުޅުމާލޭގައި 15،000 ފްލެޓް އަޅަން ނިންމާފައިވާ އިރު، މި މަޝްރޫއު 2019 އަށް ނިމޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.