"ބަދާއީ ހޯ"ގައި އަޔުޝްމާނާ އެކު ސާންޔާ މަލްހޯތުރާ
"ބަދާއީ ހޯ"ގައި އަޔުޝްމާނާ އެކު ސާންޔާ މަލްހޯތުރާ

އަޔޫޝްމާން ކުރާނާ އަކީ އޭ ގްރޭޑް އެކްޓަރެއް ކަމަށް ނުބެލެވުނު ނަމަވެސް ކާމިޔާބު އެކްޓަރެކެވެ. މި އަހަރުގެ މިހާތަނަށް ނުކުތް އޭނާގެ ދެ ފިލްމު ކަމަށްވާ "ބަރީލޭ ކީ ބަރްފީ" އާއި "ސުބް މަންގަލް ސާވްދާން" ވަނީ ކާމިޔާބު ވެފަ އެވެ. އަދި "ދަންގަލް"ގައި އާމިރު ޚާންގެ ދަރިފުޅެއްގެ ރޯލު ކުޅުނު ސާންޔާ މަލްހޯތުރާއާ އެކު އާ ފިލްމެއް ކުޅެން އޭނާ އެއްބަސްވެފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.

"ބަދާއީ ހޯ" ނަމަކަށް ކިޔާ މި ފިލްމު ޑައިރެކްޓްކުރަނީ އަރްޖުން ކަޕޫރާއި ސޮނާކްޝީ ސިންހާ 2015 ގައި ކުޅުނު "ތޭވަރް" ޑައިރެކްޓްކުރި އަމިތު ޝަރުމާ އެވެ.

ޝަރުމާ ބުނި ގޮތުގައި މިއީ ވަރަށް ހަގީގީ ހާދިސާތަކެއް ފެނިގެން ދާނެ އަދި އަމިއްލަ ދިރިއުޅުމާ ވަރަށް އެއްގޮތް ކަންތައްތަކެއް ފެންނާނެ ފިލްމެކެވެ.

"ބަދާހީ ހޯ" ކުޅޭކަން ޔަގީންކޮށް ދެމުން އަޔުޝްމާން ބުނީ މި ފިލްމު ޕްރޮޑިއުސްކުރަނީ އޭނާގެ "ބަރީލޭ ކީ ބަރްފީ" ވެސް ޕްރޮޑިއުސްކުރި ޖަންގްލީ ޕިކްޗާޒް އިން ކަމަށާއި އެމީހުންނާ އެކު ކުރެވުނު ތަޖުރިބާ ވަރަށް ރަނގަޅު ކަމަށެވެ. އެހެންވެ އެމީހުން އުފައްދާ "ބަދާއީ ހޯ" ކުޅުމަކީ ވެސް ލިބޭ އުފަލެއް ކަމަށް އޭނާ ބުންޏެވެ.

"ބަދާއީ ހޯ" ގެ ޝޫޓިން ފަށާނެ ކަމަށް ބެލެވެނީ އަންނަ ޖެނުއަރީ ނިމޭ ހިސާބުގަ އެވެ.