ސައުދުގެ ކެމްޕޭނަށް ސަރުކާރުން ބޮޑު ހޭދައެއްކޮށް، ވަޒީފާތައް ފަހިކޮށްދިން
ސައުދުގެ ކެމްޕޭނަށް ސަރުކާރުން ބޮޑު ހޭދައެއްކޮށް، ވަޒީފާތައް ފަހިކޮށްދިން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅާފައިވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަށް އެ ގޮނޑި ހޯދައިދިނުމަށް ޓަކައި މި ސަރުކާރުން ވަރަށް ބޮޑު ހޭދައެއްކޮށް އެކި މީސްމީހުންނަށް ވަޒީފާތައް ދިން ކަމަށް ޕީޕީއެމްގެ ވިލިނގިލީގެ އިސް އެކްޓިވިސްޓަކު މީހަކު ރޭ ބުނެފި އެވެ.

ޕީޕީއެމުން ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދެއްކި ވިލިނގިލީ މީހެއް ކަމަށްވާ އަލީ ޝަމީމް ބުނީ މިފްކޯގެ ވައްކަމުގެ ވާހަކަދައްކަން ސައުދު މާ ރީއްޗެއް ނޫން ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތިނަދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ސައުދު ވަނީ މިފްކޯ އާއި މި ސަރުކާރުން ބޮޑެތި ވައްކަންތަކެއް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. ސައުދު ދެއްކެވި ވާހަކަތަކަށް ރައްދުދީ ވާހަކަދައްކަމުން ޝަމީމް ބުނީ 23 މޭލު ދުރުން ތިނަދު އަށް އައީ ބަޔަކަށް ރައްދުދީ ޖަވާބުދޭން ކަމަށެވެ.

"ޚިޔާނާތްތެރިން ގިނައީ. އަޅުގަނޑުމެން އޭނާ އަށް ވަރަށް ބޮޑަށް އިތުބާރު ކުރިން. އޭނާ މި ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ގެންނަން ދިވެހި ސަރުކާރުން ކިހާ ބޮޑު ހަރަދެއްތޯ ކުރީ. ގއ. ކޫއްޑުގެ މުވައްޒަފުންނަށް އެކަނި ދިން ޕްރޮމޯޝަނަށް މަހެއްގެ މައްޗަށް ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ އިތުރުވެގެންދިޔަ،" އޭނާ ބުންޏެވެ.

ވިލިނގިލީގައި ޕީޕީއެމްގެ ވަރަށް އިސް އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ޝަމީމް ބުނީ ވިލިނގިލީ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ މުހައްމަދު ރާމިޒާ ސައުދު ވާދަކޮށްގެން ކުރި ހޯދީ ދައުލަތުން ބޮޑު ހޭދައެއްކޮށްގެން ކަމަށެވެ.

"މުހައްމަދު ރާމިޒުގެ މައްޗަށް އޭނާ ކުރި ހޯދީ ކިހާ ދިވެހި ދައުލަތުން ކިހާ ބޮޑު ހޭދައެއްކޮށްގެން ކަމެއް އޭނައަކަށް ނުވިސްނުނު. އެވަރުގެ ޚިޔާނާތްތެރި މީހެއް އޭނައަކީ،" އޭނާ ބުންޏެވެ.

ޝަމީމް ބުނީ ސައުދު ކައުންސިލްގެ ރައީސްގެ މަގާމުގައި ސައުދު ހުންނެވި ދުވަސްވަރު ވެސް ގާނޫނާއި ގަވައިދާ ހިލާފު ކަންތައްތައް ކުރި ކަމަށެވެ.

"ހެޔޮ އެދޭ ފަރާތްތަކަށް ގަވައިދާ ހިލާފަށް ބިން ދޫކުރުން. ޖެހިގެން އައި ކައުންސިލްގައި ވެސް އޭނާގެ ބާރާއި ނުފޫޒުގައި އޭނާ އަށް ނަފާވާ ގޮތަށް ކަންތައްކުރުން. [އެހެންވެ] ވައްކަމުގެ ވާހަކަ އާއި ކަންތައްތަކުގެ ވާހަކަ އާއި މިފްކޯގެ ވާހަކަ ދައްކާކަށް [ސައުދަށް] ޖާގައެއް ނެތް،" އޭނާ ބުންޏެވެ.

ވިލިނގިލީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި 2013 ވަނަ އަހަރު ސައުދު ހުންނެވި އިރު، ކައުންސިލުން އިއުލާން ކޮށްގެން އެ ރަށުގައި ގޯތި ދޫކުރުމުގައި ސައުދު މަގާމުގެ ފައިދާ ހޯއްދަވާފައިވާ ކަމަށް ތުހުމަތުކޮށް ތަހުގީގަށް އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރި އެވެ. އެކަމަކު އެކަން ސައުދު ވަނީ ދޮގު ކުރައްވާފަ އެވެ.

ޝަމީމް ބުނީ ސައުދު ކިޔަވާވިދާޅުވީ ވެސް މިފްކޯގެ ހަރަދުގައި ކަމަށެވެ. އަދި ލިބުނުހާ ލާރިއެއް ލިބުނީ ވެސް މިފްކޯގެ ވަޒީފާގައި ހުރެގެން ކަމަށް ވެސް އޭނާ ބުންޏެވެ.

ޝަމީމް ބުނީ ވިލިނގިލިން ސައުދު ބޭނުންވާ ގޮތެެއް ދެން ނުހެދޭނެ ކަމަށެވެ.

"ލާހިކެއް ނޫނޭ ކުރިޔަށް އޮތްތަނުގައި އެކަންކުރާކަށް. އެ ޒަމާން ފާއިތުވެއްޖެ،" އޭނާ ބުންޏެވެ.

ޝަމީމް ބުނީ ވިލިނގިލީ ކައުންސިލްގައި ޕީޕީއެމްގެ ގޮނޑިއެއް ނެތުމަކީ އެ ރަށުގައި ޕީޕީއެމްގެ ސަޕޯޓް ނެތުން ނޫން ކަމަށެވެ.

އިހަކަށްރޭ މިތަނުގައި އޮތް ޖަލްސާއެއްގައި ބޭފުޅަކު ވިދާޅުވި، ގޮނޑި ގެއްލިފައިވާ އެއް ބޭފުޅަކު ވިދާޅުވި ތިމަންނަމެންގެ ދާއިރާ އޮތްގޮތަށޭ. ދެ ދޯންޏެއްގައި މިއައީ ދާއިރާއޭ. އެކަމަކު ދެ ދޯނީގައި އައީ 54 މީހުން،" އޭނާ ބުންޏެވެ.

ޝަމީމް ބުނީ އޭނާ ތިނަދު އަށް ދިޔައީ ވޯޓު ހައްގުވާ 250 މީހުން ގޮވައިގެން ކަމަށެވެ.