26 ނޮވެމްބަރ 2017 - 12:37

އެސްޓީއޯ އިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ. އެއީ ޕެޓްރޯލް ލިޓަރަކުން 35 ލާރި އަދި ޑީސަލް ލިޓަރަކުން 44 ލާރި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުނިން ބުނި ގޮތުގައި މިއަދުން ފެށިގެން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެންނެވެ. އެ ކުންފުނިން މިދިޔަ މަހުގެ ދެ ވަނަ ދުވަހު ވެސް ތެލުގެ އަގު ބޮޑު ކުރި އެވެ. އެ ދުވަހު ވަނީ ޕެޓްރޯލް ލިޓަރަކުން 57 ލާރި އަދި ޑީސަލް ލިޓަރަކުން 53 ލާރި ބޮޑުކޮށްފަ އެވެ.
- މިއަދުން ފެށިގެން ޑީސަލް ލިޓަރެއް ލިބޭނީ 9.61ރ. އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ލިބޭނީ 9.87 ރ. އަށެވެ. އެސްޓީއޯ އިން އެ ބަދަލު ގެނައުމުގެ ކުރިން ޑީސަލް ލިޓަރެއް ވިއްކީ 9.17ރ. އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކީ 9.52ރ. އަށެވެ.
އެ ކުންފުނިން މިދިޔަ ޖޫން މަހު ތެލުގެ އަގު ހެޔޮ ކުރި އެވެ. އެ ފަހަރު އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮ ކުރީ އެ އިން ނަގަމުން އައި ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.
ތެލުގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވާ ގޮތުން ތެލުގެ އަގުތައް މިހާރު ވަނީ މިދިޔަ ދެ އަހަރުގެ ތެރޭގައި ނުދާ މިންވަރަށް މައްޗަށް އަރައިފަ އެވެ. އެގޮތުން އެމެރިކާގައި، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 63 ޑޮލަރަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ.